ޗާރލްސް ފިލިޕް އަރުތޫރު ޖޯޖް، ރާނީ އަވަހާރަވުމުގެ ކުރިން ޕްރިންސް އޮފް ވޭލްސް، މިހާރު ވެވަޑައިގެންފައިވަނީ، ދުނިޔޭގެ އޮތް އެންމެ ވަރުގަދަ އެއް ޝާހީ އެއް ޚާންދާނުގެ ފަރާތުން އިނގިރޭސިވިލާތުގައި ރަސްކަން ކުރައްވަމުން ގެންދަވާ، ކިންގ ޗާރލްސް III ކަމުގައެވެ.
އިނގިރޭސިވިލާތުގެ މިހާރުގެ ރަސްގެފާނު ކިންގ ޗާރލްސް III އުފަންވެ ވަޑައިގެންފައިވަނީ 1948 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 14ވަނަ ދުވަހުއެވެ. އެއީ އެލިޒަބަތުއާއި ފިލިޕްއަށް ލިބިވަަޑައިގެންނެވި ފުރަތަމަ ދަރިފުޅެވެ.
އިނގިރޭސި ރަސްގެފާނުގެ ހައިސިއްޔަތުން، 5 ކާފަ ދަރިން މިހާރު ތިއްބެވި، އުމުރުން 73 އަހަރުގެ ކިންގ ޗާރލްސް III، އިނގިރޭސިވިލާތުގެ ރަސްގެފާނަށް ވެވަޑައިގަތުމުގެ އިތުރުން ކޮމަންވެލްތުގެ 15 ގައުމެއްގެވެސް ދައުލަތުގެ އެންމެ އިސްވެރިޔާގެ މަގާމް އަދާކުރައްވާނެއެވެ.
ބަނކިމްހަމް ޕެލަސްއިން އިއުލާން ކޮށްފައިވާ ގޮތުގައި، ޗާރލްސް ވެވަޑައިގަންނަވާނީ "ކިންގ ޗާރލްސް III" ކަމުގައެވެ. އޭނާ ވެވަޑައިގަންނަވާނީ "ކިންގ ޗާރލްސް އޮފް ވޭލްސް" އަކަށް ނޫނެވެ. ޗާރލްސް ރަސްކަމާއި ރަސްމީކޮށް ހަވާލުވެ ވަޑައިގަތުމުގެ ކުރިން، އޭނާ ބޭނުން ކުރައްވާނޭ ލަބަގަކީ "އަރުތޫރު" ނުވަތަ "ޖޯޖް" ކަމުގައިވެސް މީޑިއާގައި އަޑު ފެތުރިގެން ދިޔައެވެ.
އެހެންނަމަވެސް، ޗާރލްސް III (ޗާރލްސް ދަ ތާރޑް) މި ލަގަބު، ރަސްގެފާނުގެ ހައިސިއްޔަތުން ޗާރލްސް ބޭނުން ކުރައްވަމުން ފެއްޓެވުމާއެކު، ތާރީޚު ދިރާސާ ކުރާ ގިނަ ބައެއްގެ ޝައުގުވެރިކަން ހުއްޓިފައިވަނީ ޗާރލްސް I އަދި II އަށެވެ. ޗާރލްސް III އިނގިރޭސި ރަސްކަމަށް ވަޑައިގެންނެވުމާއެކު، ޝާހީ އާއިލާއިން ވެރިކަމަށް ވަޑައިގެންފައިވާނެ ޗާރލްސް I އަދި II އިނގިރޭސި ތަޚުތުގައި ވެޑުވިގެންދިޔަ ދުވަސްވަރަކާއި، ކަންވެގެންދިޔަ ގޮތާއި، ތާރީޚުގައި އެ ވާހަކަތައް ލިޔެވިގެން ގޮސްފައިވާ ގޮތުގެ މައްޗަށެވެ.
ފުރަތަމަ ދެ ޗާރލްސްއަކީ ކޮންބައެއް؟
އިނގިރޭސިވިލާތުގެ މިހާރުގެ ރަސްގެފާނުގެ ޗާރލްސް IIIގެ ކުރިން ޗާރލްސް I އަދި ޗާރލަސް II ވަނީ އެގައުމުގައި ރަސްކަން ކުރައްވާފައެވެ. އެއީ 16 ސަތޭކައިގެ އަހަރުތަކުގައެވެ.
މީގެ ތެރެއިން ފުރަތަމަ ޗާރލްގެ ރަސްކަން ނިމި ދިޔައީ އެގައުމުގައި ހިނގި ވަރުގަދަ އަހުލީ ހަގުރާމައެއްގެ ތެރޭގައި އޭނާގެ މައްޗަށް މަރުގެ ހުކުމް އިއްވާ، އޭނާގެ ބޯ ކަނޑާލާ އެހުކުމް އޭނާގެ މައްޗަށް ތަންފީޒު ކޮށްގެންނެވެ. އެއާއި ޖެހިގެން ދެން އެގައުމުގައި ރަސްކަން ކުރެއްވި ޗާރލްސް IIގެ ރަސްކަމުގެ ބޮޑުބައި އޭނާއަށް ހޭދަ ކުރަންޖެހިވަޑައިގަތީ ގައުމުން ބޭރަށް އަމިއްލަފުޅަށް އަވުއްރާލެއްވިގެން ހުންނަވާއިގެންނެވެ.
އިނގިރޭސި ރަސްކަމުގެ ތަޚުތުގައި އިންނެވި ޗާރލްސް I ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ އިނގިރެސިވިލާތުގެ ސްކޮޓްލޭންޑުގައި މީލާދީން 1،600ގައެވެ. އޭނާއަކީ ސްކޮޓްލޭންޑުގެ ރަސްގެފާނު އަދި ރާނީގެ ދެވަނަ ދަރިކަލުންނެވެ.
ފުރަތަމަ ކުއީން އެލިޒަބަތު 1603ވަނަ އަހަރު އަވަހާރަ ވުމާއެކު، ރަސްކަމަށް ވަޑައިގެންނެވީ، ރާނީގެ ފިރިކަލުން، ޗާރލްސް I ގެ ބައްޕާފުޅެވެ. އޭނާ ވެވަޑައިގަތީ ކިންގ ޖޭމްސް I އެވެ. އެއަށްފަހު ޗާރލްސް I ބޮޑުފުޅުވެ ވަޑައިގެންފައިވަނީ ޝާހީ އިއްޒަތުގައި އަދި ތަނަވަސްކަމުގައެވެ. އެހެންނަމަވެސް އޭނާ ދިރިއުޅުން ވެވަޑައިގަތީ ފަސޭހަ ދިރިއުޅުއްވުމަކަށް ނޫނެވެ.
އަދީ އޭނާއަކީ ގިނަގިނައިން އާލާސްކަންފުޅުގައި އުޅުއްވި ބޭފުޅަކަށް ވުމުގެ އިތުރުން ހިނގާބިގާވެ އުޅުއްވުމުގައިވެސް ދަތިދަތަކެއް ހުންނެވި ބޭފުޅެކެވެ. އަދި އޭނާއަކީ ވާހަކަ ދެއްކެވުމުގައި އާގަންނަ ގޮތެއް ހުރި، އޭނާގެ ދޮށްޓަށް، ރަސްކަމަށް ވަޑައިގެންނެވުމަށް ތައްޔާރަށް ހުންނެވި ބޭބޭފުޅުގެ ހިޔަނީގައި އުޅުއްވަން ޖެހިވަޑައިގެންނެވި ބޭފުޅެއްވެސް މެއެވެ.
އެހެންނަމަވެސް ބެބޭފުޅު ކުއްލި އާލާސްކަންފުޅެއްގައި އަވަހާރަވުމާއެކު ޗާރލްސް Iގެ ވަރަށް ޅަފަތުގައި ރަސްކަމުގެ ލައިނުގައި ހުންނަވަން ފުރުސަތު ލިބިވަޑައިގަތީއެވެ. އަދި އުމުރުފުޅުން 20ގެ އަހަރުތަކުގައި، ބައްޕާފުޅު ޖޭމްސް I އަވަހާރަ ވުމާއިގުޅިގެން އިނގިރޭސި ވިލާތުގެ ރަސްކަމާއި ހަވާލުވެ ވަޑައިގަތެވެ.
ޗާރލްސް Iގެ ބައްޕާފުޅަކީވެސް އެމަނިކްފާނުގެ ރަސްކަމުގައިވެސް އިނގިރޭސިވިލާތުގެ ގާނޫނުހަދާ މަޖިލީހާއި މައްސަލަތަކެއްގެ ތެރޭގައި އުޅުއްވަން ޖެހިވަޑައިގެންނެވި ރަސްކަލަަކަށް ވުމާއެކު، ޗާރލްސް I ގެ ރަސްކަމުގައިވެސް މިމައްސަލަތައް އެގޮތުގައި ދެމެހެއްޓިގެން ގޮސްފައި ވެއެވެ.
ޗާރލްސް I އިނގިރޭސި ރަސްކަމަށް ވަޑައިގަތީ އޭނާގެ ބައްޕަ ޖޭމްސް I އަށްފަހު 1625 ގައެވެ. އޭނާގެ ރަސްކަމުގައި ބޮޑެތި މައްސަލަތަކެއް ކުރިމަތިވެ، އިނގިރޭސި އަހުލީ ހަނގުރާމަ ފެށިގެން ދިޔައެވެ. އޭނާ ކައިވެނި ބައްލަވައިގަތީ، ރޯމަން ކުރިސްޓިއަން ފައްޅިތަކުގެ ބަދަލުގައި، އިނގިރޭސިވިލާތުގެ ހުޅަނގުގެ ފައްޅިތަކަށް ނިސްބަތްވާ ކުރިސްޓިއަނަކާއެވެ. އަދި އޭނާވަނީ ރަސްކަމާއި ހަވާލުވެވަޑައިގަތުމަށްފަހު، ގިނަ ބައެއްގެ ދެކޮޅު ހެދުންތަކާއެކުވެސް އެތައް ފަހަރެއްގެ މަތިން އިނގިރޭސި ގާނޫނުހަދާ މަޖިލިސްވެސް އުވާލައްވާފައެވެ.
އެއާއެކު، އެގައުމުގައި ބޮޑު އަހުލީ ހަނގުރާމައެއް ހިނގާ، އެ ހަނގުރާމާގައި ގާނޫނުހަދާ މަޖިލިހާއި ވާދަކޮށް ޗާރލްސް I ބަލިވެ، ގައުމަށް ޚިޔާނާތްތެރިވުމުގެ ކުށުގައި އޭނާ ޖަލަށް ލެވުނެވެ. އެހެންނަމަވެސް، މި އަދަބަށް އޭނާ ދެކޮޅު ހެއްދެވިއެވެ. އެއަށްފަހު 1649 ވަނަ އަހަރު އޭނާއަށް މަރުގެ އަދަބު ދެވުނެވެ.
ތާރީޚު އިލްމުވެރިން ވިދާޅުވެފައިވާ ގޮތުގައި، ޗާރލްސް Iގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކޮށްފައިވަނީ 1649 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ފިނި ދުވަހެއްގައެވެ. އަދި އޭނާގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރުމަށް ގެންދެވުނު ވަގުތު އޭނާ އެދިފައިވަނީ ލާނެ އިތުރު ހެދުމެއް ހޯދާ ދިނުމަށެވެ. އޭގެ ސަބަބެއް ކަމުގައި ތާރީޚު އިލްމުވެރިން ވިދާޅުވަނީ، އޭނާގެ ބޯ ކަނޑާލުމަށް ގެންދެވުނު ވަގުތު، ފިނީގެ ސަބަބުން ތުރުތުރު އަޅުމުން ދިއުމާއެކު، ތުރުތުރު އެޅަމުން ދިޔައީ ބިރުފުޅުން ނޫންކަން ޔަގީން ކޮށްދިނުމުގެ ގޮތުން ކަމުގައެވެ.
ޗާރލްސް II
އިނގިރޭސި ރަސްކަމުގައި ހުންނެވި ޗާރލްސް Iގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރެވުމަށްފަހު، އެއަށްފަހު ކުޑަ ދުވަސްކޮޅަކަށް، ދެން ވެރިކަމަށް ވަޑައިގެންނެވި އޮލިވަރ ކްރޮމްވެލްގެ ވެރިކަމުގައި އިނގިރޭސިވިލާތުގައި ޖުމުހޫރީ ވެރިކަމެއް އޮތެވެ.
އެހެންނަމަވެސް ޗާރލްސް Iގެ ބޯ ކަނޑާލާ، އޭނާގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރުމާއެކު، ސްކޮޓްލޭންޑުގެ ރައްޔިތުން ޗާރލްސް Iގެ ދަރިކަލުން ޗާރލްސް II އަށް ސްކޮޓްލޭންޑަށް ވަޑައިގަތުމަށް ދައުވަތު ދިނެވެ. އެއާއެކު އޭނާއަކީ ރަސްގެފާނު ކަމުގައި ހަމަޖެއްސިއެވެ. ޗާރލްސް IIއާއި ރަސްކަމުގެ ތަޚުތު ހަވާލު ކޮށްފައިވަނީ 1651 ވަނަ އަހަރުއެވެ. އޭރު އޭނާގެ އުމުރުފުޅުން އެންމެ 18 އަހަރެވެ.
އެހެންނަމަވެސް، އެއާއެކު ބަދަލު ހިފުމަށް އިނގިރޭސި ސިފައިން ހިންގި ހަރަކާތްތަކާއެކު، އިނގރޭސި ގާނޫނުހަދާ މަޖިލިހުން ސްކޮޓްލޭންޑުގައި އޮތް ރަސްކަން އުވާލާ، އެގައުމުގައި ޖުމުހޫރީ ވެރިކަމެއް އިއުލާންކުރިއެވެ.
އެހާތަނުން ޗާރލްސް II އިނގިރޭސިވިލާތް ދޫކޮށް ފްރާންސަށް ހިޖުރަ ކުރެއްވިއެވެ. އެއާއެކު، އިނގިރޭސި ސަރުކާރުންވަނީ އިންގްލޭންޑާއި ސްކޮޓްލޭންޑަކީ ކޮމަންވެންތުގެ އެއް ގައުމުކަމުގައި އިންލާން ކޮށްފައެވެ. މި ނިންމުން ރަސްމީވެގެން ގޮސްފައިވަނީ 1952 ވަނަ އަހަރުއެވެ.
އެއަށްފަހު ޗާރލްސް II ގައުމުން ބޭރަށް އަރުވާލެވިގެން 9 އަހަރު ދިރިއުޅުއްވާފައި ވެއެވެ. އޭގެ ފަހުން، 1658 ވަނަ އަހަރު، އޭރު އިނގިރޭސިވިލާތުގެ ވެރިކަމުގައި ހުންނެވި، ކްރޯންވެލް އަވަހާރަ ވުމާއެކު، އިނގިރޭސި ތަޚުތައް އޭނާގެ ދަރިކަލުން އިސްކުރުމަށް މަސައްކަތްތެކެއް ކުރެވުނެވެ.
އެހެންނަމަވެސް އިނގިރޭސިވިލާތުގައި ކްރޯންވެލްގެ ވެރިކަމުގެ މައްޗަށް އޮތް ނުރުހުމާއެކު، އެގައުމުގެ ގާނޫނުހަދާ މަޖިލީހުން ޗާރލްސް IIއަށް އަލުން ލަންޑަނަށް ވަޑައިގަތުމަށް ދައުވަތު ދިނެވެ. ޗާރލްސް IIއާއި އަލުން ރަސްކަން ހަވާލުކުރެވުނީ ޗާރލްސް IIގެ 30ވަނަ އުފަން ދުވަހުއެވެ.
ރަސްކަމަށް ވަޑައިގަތުމަށްފަހު، އޭނާގެ ހިތުގައި އޮތް ބަދަލު ހިފުމުގެ ރޫހުގައި، ޗާރލްސް II ވަނީ އޭނާގެ ބައްޕަ މެރުމަށް ކުރެވުނު އަމުރުގައި ސޮއި ކުރެއްވި ހުރިހާ އެންމެންގެ މައްޗަށް މަރުގެ ހުކުމުން ތަންފީޒު ކޮށްފައެވެ. އަދި، އަވަހާރަވެފައިވާ ކޮރޯންވެލްގެ ހަށިގަޑު ވަޅުލާފައިވާ ވަޅުން ނަގާ އޭނާގެ ހަށިގަޑާއި ބޯ ވަކިކޮށްފައިވެސް ވެއެވެ.
ޗާރލްސް IIގެ ރަސްކަމުގެ ފަހު ދުވަސްތައް ހޭދަ ކޮށްފައިވަނީ ދީނީ ގޮތުން އިނގިރޭސިވިލާތުގައި އުފެދިގެން ދިޔަ ބޮޑެތި ޚިޔާލުތަފާތުވުންތަކަށް ހައްލެއް ހޯއްދެވުމުގައެވެ. އޭނާ ބައްޕައާއި ކާފަ ފަދައިން އޭނޭވެސް ވެގެން ދިޔައީ ގާނޫނުހަދާ މަޖިހާއި ޚިޔާލުތަފާތުވުން ބޮޑު ރަސްކަލެއް ކަމުގައެވެ.
އެނާ އަވަހާރަވެފައިވަނީ 1685ވަނަ އަހަރު، ގާނޫނީ ގޮތުން ރަސްކަން ނަކަލުވާނެ ދަރިއަކު ނެތިއެވެ.