އެއްމާބަނޑު ދެބެއިންގެ ނަމޫނާ: މައިންބަފައިންގެ ހުވަފެން ހަގީގަތަކަށް ހަދައި، ހާފިޒްކަމުގެ ތާޖު އަޅައިފި

އެއްމާބަނޑު ދެބެއިންގެ ނަމޫނާ: މައިންބަފައިންގެ ހުވަފެން ހަގީގަތަކަށް ހަދައި، ހާފިޒްކަމުގެ ތާޖު އަޅައިފި

Author
ހުސައިން
16 ޖެނުއަރީ 2026 10:47
0

މައިންބަފައިންގެ ލޮލުގެ ފިނިކަމާއި ހިތުގެ ހަމަޖެހުމަކީ ސޯލިހު ދަރިންނެވެ. އެ ދަރިންގެ ތަރުބިއްޔަތަށްޓަކައި މައިންބަފައިން ވާ ގުރުބާނީގެ އަގު އަދާކޮށްދިނުމަކީ ދަރިންގެ ކޮނޑުގައި އެޅިފައިވާ އެންމެ ބޮޑު ޒިންމާއެވެ. ގ. ހީނާހިޔާއަށް އުފަން އުމުރުން 35 އަހަރުގެ އެއްމާބަނޑު ދެބެއިން ކަމަށްވާ ހުސެއިން ޝިފާން އާއި ހަސަން ސިނާން މިވަނީ އެ ޒިންމާ ފުރިހަމައަށް އަދާކޮށް، މައިންބަފައިންގެ އެންމެ ބޮޑު ހުވަފެން ހަގީގަތަކަށް ހަދައިދީފައެވެ. އެއީ ގުރުއާން ހިތުދަސްކޮށް، ހާފިޒުކަމުގެ ސަނަދު ހާސިލުކޮށް މައިންބަފައިން ފަހުރުވެރިކޮށްދިނުމެވެ.

މި ދެބެއިންގެ ކާމިޔާބީގެ ބިންގަލަކީ މައިންބަފައިންގެ ހަރުދަނާ ތަރުބިއްޔަތެވެ. ކުޑައިރުއްސުރެ ދީނަށް ލޯބިކުރާ، ރިވެތި އަހުލާގުގެ މަތީގައި އެ ދެބެއިން ބޮޑުކުރުމަށް މަންމަ އާއި ބައްޕަ ވަނީ ނުހަނު ބުރަ އުފުލާފައެވެ. އެ މައިންބަފައިން އަބަދުވެސް ދެކެމުން އައި ހުވަފެނަކީ އެ ދެކުދިންނަކީ ގުރުއާން ހިތުދަސް ހާފިޒުންނަށް ވުމެވެ. ތައުލީމީ ހަޔާތުގެ ބިންގާ އެޅިގެން ދިޔައީވެސް މި އަޒުމާ އެކުގައެވެ. މަޖީދިއްޔާ ސްކޫލުގައި އޯ ލެވެލް އަށް ކިޔަވަމުން ދިޔަ ދުވަސްވަރު ގުރުއާން ހިތުދަސްކުރަން ފަށައި، ސްކޫލް މުބާރާތްތަކުން ރަން ވަނަތައް ހޯދަމުން ގޮސް، ސާނަވީ ތައުލީމު ނިންމާލިއިރު ފަސް ފޮތް ވަނީ ހިތުދަސްކޮށްފައެވެ.

ތައުލީމީ ގޮތުންވެސް މި ދެބެއިންނަކީ ނަމޫނާ ދަރިވަރުންނެވެ. އޭ ލެވެލް ނިންމިއިރު ހުސެއިން މުޅި ރާއްޖެއިން އެއްވަނަ ހޯދިއިރު، ހަސަން ވަނީ ދެވަނަ ހޯދާފައެވެ. މަތީ ތައުލީމަށް ސަރުކާރުން ދޭ ރައީސްގެ ޚާއްސަ ސްކޮލަޝިޕް ހުސެއިންއަށް ލިބުނު ނަމަވެސް، އޭނާ އިޚްތިޔާރުކުރީ ކޮއްކޮ ހަސަންއާ އެކު މަދީނާ ޔުނިވާސިޓީގައި ކިޔެވުމަށެވެ. މައިންބަފައިންގެ އެދުމުގެ މަތިން 2010 ވަނަ އަހަރު މަދީނާއަށް ގޮސް، ހަދީސް އިލްމު އުނގެނުމުގެ އިތުރުން ފުރަތަމަ އަހަރު ތެރޭގައި ދެބެއިން އެއްކޮށް ގުރުއާން ހިތުދަސްކޮށް ނިންމިއެވެ.

ނަމަވެސް، ތަގުދީރު ނިޔާކުރިގޮތުން ކިޔެވުން މެދުކަނޑާލާފައި އެނބުރި ރާއްޖެ އަންނަން މަޖުބޫރުވީ ލޯބިވާ ބައްޕަ ވަރަށް ބޮޑަށް ބަލިވުމުންނެވެ. ކޯސް ނިންމުމަށްވުރެ ބައްޕަގެ ޚިދުމަތް މުހިންމުކަމަށް ދެކި، އެ ދެބެއިން މާލެ އައި ގޮތަށް އަލުން އެނބުރި ދެވޭގޮތެއް ނުވިއެވެ. އޭރު ހިތުދަސްކޮށްފައި ހުރި ނަމަވެސް، ރަސްމީކޮށް ސަނަދު ނެގުމުގެ ވިސްނުމެއް ނެތެވެ. އެހެންނަމަވެސް، މި ފަހުން އެ ދެބެއިންނަށް ބޮޑުބޭބެ ކިޔާ ކުޑަކުއްޖެއް ކަމަށްވާ ބިލާލް، ގުރުއާން ހިތުދަސްކޮށް ކޮންމެ ދުވަހަކު އެ ދެބެއިންނަށް ފޮތް ކިޔައިދޭން ފެށުމުން، އަލުން އެކަމުގެ ޝައުގުވެރިކަން އުފެދުނެވެ.

ބިލާލްގެ ހިތްވަރުން ލިބުނު އާރޯކަމާއެކު، އިސްލާމިކް ޔުނިވާސިޓީގެ މުރާޖައާ ކްލާހެއްގައި ބައިވެރިވެ، އެންމެ ތިން މަސް ދުވަހުގެ ތެރޭގައި މުޅި ގުރުއާން އެއްކޮށް ކިޔައިދީ، ހާފިޒުކަމުގެ ސަނަދު މިހާރު ވަނީ ހާސިލުކޮށްފައެވެ. ބައްޕަ ބަލި އެނދުގައި އޮތް ނަމަވެސް، މިއަދު އެ މައިންބަފައިންގެ މޫނުމަތިން ފެންނަނީ އުފާވެރިކަމާއި ހިތްހަމަޖެހުމެވެ. ހުރިހާ ގުރުއާން މުބާރާތެއްގައި މަންމަ އުފުލި ބުރަޔާއި، ބައްޕަ ދެކުނު ހުވަފެން މިއަދު މިވަނީ ފުރިހަމަވެފައެވެ.

މި ކާމިޔާބީގެ ފަހަތުގައިވާ އަނެއް ސިއްރަކީ އެއްމާބަނޑު ދެބެއިންގެ މެދުގައި އޮތް ވަރުގަދަ ގުޅުމެވެ. ސްކޫލް ދައުރުން ފެށިގެން މިއަދާ ހަމައަށްވެސް، އެކަކު އަނެކަކަށް ވާދަކުރުމުގެ ބަދަލުގައި އެ ދެބެއިންވީ އެކަކު އަނެކަކުގެ ހިތްވަރަށެވެ. މުރާޖައާ ކުރުމުގައާއި ކޮމިޓީއަށް ކިޔައިދިނުމުގައިވެސް އެކުގައި މަސައްކަތްކޮށް، ދެ މީހުން އެކުގައި މި ވަނީ މި ޝަރަފުވެރި މަގާމު ހޯދާފައެވެ. ހުސެއިން އާއި ހަސަން ސާބިތުކޮށްދިނީ މައިންބަފައިންގެ ހެޔޮ ދުއާއާއި، ގަދައަޅައި މަސައްކަތްކޮށްފިނަމަ ކޮންމެ ކަމެއްވެސް ކާމިޔާބު ކުރެވިދާނެ ކަމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.