ބަޖެޓް 2027: އާމްދަނީން ރިކަރަންޓް ޚަރަދު ފޫބައްދައި، ދަރަނި ކުޑަކުރަން އަމާޒު

ބަޖެޓް 2027: އާމްދަނީން ރިކަރަންޓް ޚަރަދު ފޫބައްދައި، ދަރަނި ކުޑަކުރަން އަމާޒު

Author
އަހުމަދު
30 އޮކްޓޯބަރ 2026 08:57
0

 

އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ސަރުކާރުގެ ރިކަރަންޓް ޚަރަދުތައް ދައުލަތަށް ލިބޭ އާމްދަނީން ހަމަޖައްސައި، ޤައުމުގެ ދަރަނީގެ ބުރަ ލުއިކުރުމަށް ބޮޑު އަހައްމިއްޔަތެއް ދީފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

2027 ވަނަ އަހަރުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން މިނިސްޓަރު ވިދާޅުވީ، ތަރައްޤީގެ މަސައްކަތްތައް ކުރިއަށް ގެންދަމުން، ދައުލަތުގެ މާލީ ހާލަތު ސަލާމަތުން ބެލެހެއްޓުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށެވެ. އެގޮތުން ދައުލަތުގެ އާމްދަނީ ޖީޑީޕީގެ 32 އިންސައްތައިން ދަށަށް ނުވެއްޓޭނެ ގޮތަށް ހިފެހެއްޓުމަށް ބަޖެޓުގައި އަމާޒުކޮށްފައިވެއެވެ.

ލަފާކުރެވޭ ގޮތުގައި، އަންނަ އަހަރު ދައުލަތަށް 43.2 ބިލިއަން ރުފިޔާ ލިބޭނެއެވެ. ރިކަރަންޓް ޚަރަދަށް ދާނެ ކަމަށް ބެލެވެނީ 42.7 ބިލިއަން ރުފިޔާއެވެ.

2027 ވަނަ އަހަރު ދައުލަތުގެ ސީދާ ދަރަނި ޖީޑީޕީގެ 117 އިންސައްތައިގައި ހުންނާނެ ކަމަށް ލަފާކުރެވެއެވެ. މި ދަރަނި 2028 ވަނަ އަހަރު 116.3 އިންސައްތައަށާއި 2029 ވަނަ އަހަރު 107.9 އިންސައްތައަށް ދަށްކުރަން ސަރުކާރުން ރާވާފައިވެއެވެ.

ޕީއެސްއައިޕީ ޚަރަދުގެ 70 އިންސައްތައަށް ވުރެ ގިނައިން ޑޮމެސްޓިކް ބަޖެޓުން ފަންޑު ނުކުރުމަށް ވެސް ބަޖެޓުގައި އަމާޒުކޮށްފައިވެއެވެ. އަދި ބޭރުގެ ލޯނުތަކުގެ އިންޓްރެސްޓް ޚަރަދު، ދައުލަތުގެ ޖުމްލަ އާމްދަނީގެ 12 އިންސައްތައިގައި ހިފެހެއްޓުމަށް ވެސް އަމާޒުކޮށްފައިވެއެވެ.

މިނިސްޓަރު ވިދާޅުވީ، މި ފިޔަވަޅުތަކުގެ ޒަރީއާއިން 2028 ވަނަ އަހަރުގެ ނިޔަލަށް އޯވަރއޯލް ބެލެންސް ޑެފިސިޓް ޖީޑީޕީގެ 5 އިންސައްތައަށް ތިރިކުރަން ބޭނުންވާ ކަމަށެވެ. އަދި އެ އަހަރު ޕީއެސްއައިޕީ ޚަރަދު ޖީޑީޕީގެ 7 އިންސައްތައަށް ދަށްކުރެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.