2027 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމަށް 136.3 މިލިއަން ރުފިޔާ ކަނޑައަޅައިފިއެވެ. އަދި މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް ލޯނު ދޫކުރުމަށް 651 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވެސް ބަޖެޓުގައި ހިމަނައިފިއެވެ.
ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވީ، ފާގަތި ގައުމެއް ބިނާކުރުމަށް ކޮންމެ ކުއްޖަކަށް ވެސް ފެންވަރު ރަނގަޅު ތައުލީމެއް ލިބެން ޖެހޭ ކަމަށެވެ. އެ މަގުސަދުގައި ރާއްޖޭގެ އެކި ރަށްރަށުގެ ސްކޫލުތަކުގައި ކްލާސްރޫމާއި މަލްޓި-ޕާޕަސް ހޯލް އެޅުމުގެ މަޝްރޫއުތައް ބަޖެޓުގައި ހިމެނެއެވެ. ލެބޯޓަރީތަކާއި މަތީ ތައުލީމުގެ ވަސީލަތްތައް ގާއިމުކުރުމުގެ މަޝްރޫއުތައް ވެސް ހިމެނެއެވެ.
ކޮންމެ ކުއްޖަކަށް ވެސް އެ ކުއްޖެއްގެ ފުރިހަމަ ގާބިލުކަމަށް ވާސިލުވުމުގެ ފުރުސަތު ލިބެން ޖެހޭ ކަމަށް ސަރުކާރުން ގަބޫލުކުރާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން އިންކްލޫސިވް އެޑިޔުކޭޝަންގެ ނިޒާމު ވަރުގަދަކުރުމަށާއި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމަށް ވެސް ބަޖެޓުން ފައިސާ ހަމަޖައްސާފައިވެއެވެ.
ކޮމެންޓު ފޮނުވާ