އުކުޅަސް ކައުންސިލްގެ ހިދުމަތްތައް ޑިޖިޓަލަށް: "އުކުޅަސް 2.0″ ތައާރަފްކޮށްފި

އުކުޅަސް ކައުންސިލްގެ ހިދުމަތްތައް ޑިޖިޓަލަށް: "އުކުޅަސް 2.0″ ތައާރަފްކޮށްފި

Author
އަހުމަދު
30 އޮކްޓޯބަރ 2026 08:50
0

އއ. އުކުޅަސް ކައުންސިލުން ދޭ ހިދުމަތްތައް ޑިޖިޓަލް ކުރުމުގެ ގޮތުން، އާ އެޕްލިކޭޝަނަކާއި ޒަމާނީ ވެބްސައިޓެއް ހިމެނޭ "އުކުޅަސް 2.0″ މިރޭ ތައާރަފްކޮށްފިއެވެ.

މި ނިޒާމުގައި ތިން ބައި ހިމެނެއެވެ. ރައްޔިތުންނާއި ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހިދުމަތް ދިނުމަށް ހެދި "މައި އުކުޅަސް" އެޕާއި، ކައުންސިލްގެ މުވައްޒަފުން ބޭނުންކުރާ އެތެރޭގެ ސިސްޓަމް "މައި ކައުންސިލް" އަދި ކައުންސިލްގެ އާ ވެބްސައިޓެވެ. މި ރަސްމިއްޔާތު ބޭއްވީ ރަށުގައެވެ. މައި އުކުޅަސް އެޕް ލޯންޗްކޮށްދެއްވީ ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ އަނީސްއެވެ. މައި ކައުންސިލް ލޯންޗްކޮށްދެއްވީ ކައުންސިލްގެ ރައީސް އަލީ ވަހީދެވެ. ވެބްސައިޓް ލޯންޗްކޮށްދެއްވީ ކައުންސިލްގެ ކުރީގެ ރައީސް ސައުކަތު އިބްރާހީމެވެ.

އާ އެޕާއި ވެބްސައިޓުގެ ޒަރިއްޔާއިން ކައުންސިލްގެ 60 ހިދުމަތަކަށް އޮންލައިންކޮށް އެދެވޭނެއެވެ. ކައުންސިލްގެ ތަންތަން ބުކްކުރުމާއި ފީ ދެއްކުމަށް ވެސް ފުރުސަތު ލިބޭނެއެވެ. އަދި ކައުންސިލްގެ ނިންމުންތަކާއި ބަޖެޓާއި ޕްރޮޖެކްޓުތަކުގެ މައުލޫމާތު ވެސް ވެބްސައިޓުން ފެންނާނެއެވެ.

ކައުންސިލް މެމްބަރު އައިމިނަތު ޒޫނާ ވިދާޅުވީ ހިދުމަތްތައް ޑިޖިޓަލް ކުރުމުގެ މަސައްކަތް 2015 ވަނަ އަހަރު ފެށިގެން ދިޔަ ކަމަށެވެ. މި ނިޒާމުގެ ސަބަބުން ހިދުމަތްތައް ލަސްވުމެއް ނެތި، ދެފުށް ފެންނަ ގޮތަކަށް ފޯރުކޮށްދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިރެއިން ފެށިގެން ނަގުދު ފައިސާއިން މުއާމަލާތް ކުރުން ކައުންސިލުން ހުއްޓާލައިފިއެވެ. މިހާރު ކައުންސިލްގެ ހުރިހާ ފައިސާގެ މުއާމަލާތެއް ކުރާނީ އޮންލައިންކޮށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.