ވިލިމާލެއާއި ގުޅިފަޅު ބްރިޖުން ގުޅުވާލައިފި

ވިލިމާލެއާއި ގުޅިފަޅު ބްރިޖުން ގުޅުވާލައިފި

Author
އަހުމަދު
31 އޮކްޓޯބަރ 2026 07:52
0

ތިލަމާލެ ބްރިޖު (ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް) ގެ މަސައްކަތުގައި ވިލިމާލެއާއި ގުޅިފަޅާ ދެމެދުގެ އެންމެ ފަހު ސެގްމެންޓް ލޯންޗުކޮށްފިއެވެ. މިއާއެކު މި ދެ ރަށް މިހާރު ބްރިޖުން ގުޅިއްޖެއެވެ. މިއީ މި މަޝްރޫއުގައި ލިބުނު ބޮޑު ކާމިޔާބީއެކެވެ.

މި މުނާސަބަތުގައި ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ސޯޝަލް މީޑިއާގައި ވިދާޅުވީ، ދެ ރަށް ގުޅުމަކީ މަޝްރޫއުގެ މުހިންމު ލަނޑުދަނޑިއެއް ކަމަށެވެ. އަދި މިއީ ރަށްތައް އިތުރަށް ގުޅިފައިވާ މުސްތަޤުބަލަކާ ދިމާއަށް ކުރިއަށް އެޅުނު ފިޔަވަޅެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވަނީ ކޮންޓްރެކްޓަރު އެފްކޮންސް، ކޮންސަލްޓަންޓް އަރޫޕް، ވުޒާރާގެ ޓީމު އަދި އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

ތިލަމާލެ ބްރިޖު ހަދަނީ އިންޑިއާގެ އެހީގައެވެ. މި މަޝްރޫއަށް އިންޑިއާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓެއް ދޫކޮށްފައިވާއިރު، އިންޑިއާ ސަރުކާރުން 100 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއްވެސް ދީފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.