25 އަހަރަށްފަހު ރީކޯ މޫސާ ސްކްރީނަށް؛ "ކީއްވެ؟" ގެ ޓިކެޓް ވިއްކަން ފަށައިފި

25 އަހަރަށްފަހު ރީކޯ މޫސާ ސްކްރީނަށް؛ "ކީއްވެ؟" ގެ ޓިކެޓް ވިއްކަން ފަށައިފި

Author
އަހުމަދު
31 އޮކްޓޯބަރ 2026 07:53
0

ދިވެހި ސިނަމާގެ ލެޖެންޑަރީ އެކްޓަރު ރީކޯ މޫސާ މަނިކު 25 އަހަރު ވަންދެން ފިލްމީ ސްކްރީނުން ދުރުވެހުރުމަށްފަހު ލީޑު ރޯލުން ފެނިގެންދާ ފިލްމު "ކީއްވެ؟" ގެ ޓްރެއިލާ ނެރެ، ޓިކެޓް ވިއްކަން ފަށައިފި އެވެ.

ސްލޭމް ސްޓޫޑިއޯ، ނޫރު އެންޑް މޫވީސް، ސެޓާން ސްޓޫޑިއޯ އަދި ކިޑް ޕްރޮޑަކްޝަން ގުޅިގެން އުފައްދާ މި ފިލްމުގެ ޓްރެއިލާ ބުރާސްފަތި ދުވަހު ނެރުމަށްފަހު، ހުކުރު ދުވަހު ޓިކެޓް ވިއްކަން ފަށާފައިވާ އެވެ. ޓިކެޓް އޮލިމްޕަސް ޓިކެޓް ކައުންޓަރާއި ސެޓާން ސްޓޫޑިއޯގެ ވެބްސައިޓުން ލިބެން ހުންނާނެ އެވެ.

އާއިލާއާއި ލޯބީގެ ގުޅުންތަކުގެ ވާހަކަ ދައްކާ މި ފިލްމުގައި، ދިވެހި ފިލްމުތަކުގައި ގިނައިން ނުފެންނަ ގޮތަށް، މެދު އުމުރުގެ މީހުން ދިރިއުޅުމުގައި ކުރިމަތިލާ ގޮންޖެހުންތަކަށް އަލިއަޅުވާލާކަން ޓްރެއިލާއިން ފެނެ އެވެ. މޫސާގެ އަސަރުގަދަ އެކްޓިންއާއި ޑައިލޮގްތަކުން ބެލުންތެރިންގެ ސަމާލުކަން ވަނީ ވަރަށް ބޮޑަށް ހޯދާފަ އެވެ.

މޫސާގެ އިތުރުން މި ފިލްމުގައި ޝީލާ ނަޖީބް، މަރިޔަމް ނިޝާ، ޝަމީލް އަދި ދަރާ ރަޝީދު ވެސް ފެނިގެންދާނެ އެވެ.

އަސްލަމް ރަޝީދު ޕްރޮޑިއުސްކުރާ "ކީއްވެ؟" ޑައިރެކްޓްކުރަނީ 20 އަހަރަށްފަހު އެނބުރި އަންނަ ތަޖުރިބާކާރު ޑައިރެކްޓަރު އީސާ ޝަރީފް އެވެ. ފިލްމުގެ އެގްޒެކްޓިވް ޑައިރެކްޓަރުންނަކީ ހުސައިން ނޫރައްދީން، އަލީ ޝާނިޒް އަދި ހުސައިން މުނައްވަރު (ކިޑް) އެވެ.

ފިލްމުގެ ރަސްމީ ޕްރިމިއާ ބޭއްވުމަށް ހަމަޖެހިފައިވަނީ 25 ނޮވެމްބަރު 2026 ގަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.