އިނގިރޭސިވިލާތުގެ ރާނީ އަދި ހެޑް އޮފް ދަ ކޮމަންވެލްތު ކްއީން އެލިޒަބަތު 2ވަނަ، އަވަހާރަވުމާ ގުޅިގެން 3 ދުވަސް ވަންދެން ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ އިނގިރޭސިވިލާތުގެ ރާނީ އަވަހާރަ ވުމުގެ ހިތާމާގައި މިމަހުގެ 9ވަނަ ދުވަހުން ފެށިގެން 11ވަނަ ދުވަހުގެ ނިޔަލަށް ދިވެހި ޤައުމީ ދިދަ ހުންނާނީ ބައިދަނޑިއަށް ތިރިކޮށްފައިކަމަށެވެ.
އިނގިރޭސިވިލާތުގެ ރާނީ ކްއީން އެލިޒަބަތަކީ، ދިވެހި ދައުލަތުގެ އެންމެ މަތިވެރި ޢިއްޒަތް، ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބް އަރުވައިފައިވާ ބޭފުޅެކެވެ.
އެ ލަގަބު އެރުވީ އެކަމަނާ 1972 ވަނަ އަހަރު ރާއްޖެ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ. އެ ދަތުރުފުޅުގައި އޭރުގެ ރައީސް އިބްރާހިމް ނާސިރަށް، ރާނީ ވަނީ ކޭސީއެމްޖީގެ ލަގަބު ވެސް އަރުވައިފައެވެ. މީގެ 70 އަހަރު ކުރިން، 1952 އިން ފެށިގެން އިނގިރޭސި ރަނިކަން ކުރައްވަމުން ގެންދަވި އުމުރުފުޅުން 96 އަހަރުގެ އެލިޒަބަތަކީ އިނގިރޭސި ތަހުތުގައި އެންމެ ގިނަ ދުވަހު އިންނެވި ރާނީއެވެ.
ރާނީ އަވަހާރަވީ ސްކޮޓްލޭންޑުގެ ބަލްމޯރަލް ކާސަލްގައި ސިއްހީ ހާލުކޮޅު މޮނީޓާކޮށް ފަރުވާދެމުން ދަނިކޮށެވެ.
ކޮމެންޓު ފޮނުވާ