އިނގިރޭސ ރާނީ، ކުއީން އެލިޒަބަތު II އަވަހާރަ ވެފައިވަނީ އުމުރުފުޅުން 96 އަހަރުގައެވެ.
އިނގިރޭސިވިލާތުގެ ތާރީޚުގައި އެންމެ ގިނަދުވަހު ރަނިކަން ކުރެއްވި، ރާނީ އަވަހާރަ ވެފައިވަނީ އިނގިރޭސިވިލާތުގެ ސްކޮޓް ލޭންޑުގެ ބަލްމޯރަލްގައި ހުންނަ އެކަމަނާގެ ގަޑުވަރުގައެވެ. މިއީ އެކަމަނާ އެންމެ ގަޔާވި ގަނޑުވަރެވެ.
ރާނީ އަވަހާރަ ވުމާއެކު، ރާނީގެ ދޮށީ ދަރިކަލުން ޗާލްސް މިހާރު ވެވަޑައިގެންފައިވަނީ އިނގިރޭސިވިލާތުގެ ރަސްގެފާނަށެވެ.
ކުއީން އެލިޒަބަރު އަވަހާރެވެފައި މިވަނީ، އެކަމަނާގެ ރަނިކަމަށް 70 އަހަރު ފުރުން ފާހަގަކުރިތާ 7 މަސް ފަހުންނެވެ. މިއީވެސް އިނގރޭސި ތާރީޚުގައި އެގައުމުގެ ރަސްކަމާއި ރަނިކަމުގެ ތަޚުތުގައި އެއްވެސް އެހެން ބެފުޅަކަށް ވަޑައިގެންނެވިފައިވާ ހިސާބެއް ނޫނެނެވެ.
އިނގިރޭސީ ރާނީގެ ރަނިކަމުގެ ދިގު ތާރީޚުގައި އިނގިރޭސިލާތާއި އަދި ދުނިޔޭގައިވެސް ރާނީއަށް ތައުރީފު އޮހިފައިވަނީ އެކަމަނާ އިނގިރޭސިވިލާތަށް ޚިދުމަތް ކުރެއްވުމުގައި ދައްކަވާފައިވާ ސާބިތުކަމާއި ތެދުވެރިކަމުގެ ސަބަބުންނެވެ.
އިނގިރޭސި ރާނީގެ ދިގު ރަނިކަމުގައި އިނގިރޭސި ވިލާތްވަނީ، ހަނގުރާމައިގައި ވީރާނެވައިވާ، އަދި ފަނޑުވަމުން ދިޔަ ރަސްކަމަކުން، ކުރިއަރާ، އެކި ދަރިކޮޅުތަކަށް ޖާގަ އޮތް، ޒަމާނީ ގައުމަކަށް ބަދަލުވެގެން ގޮސްފައެވެ.
ހަމަ އެފަދައިން ރާނީގެ ރަނިކަމުގެ ފަހު ދުވަސްކޮޅު އެކަމަނާއަށް ހަމަ އެކަނި ފެނިވަޑައިގަތީ އެކަމަނާގެ މާދަރިކަލުން ޕްރިންސް ވިލިއަމްއާއި ކެތެރިން މެޑިލްޓަންގެ 2011 ވަނަ އަހަރުގެ ކައިވެނި އެކަންޏެއް ނޫނެވެ. އެއަށްފަހު ރާނީގެ ރަނިކަމުގެ އާއިލާއަށް މި ދެބޭފުޅުންގެ ތިން ދަރިން އުފަންވެ ވަަޑައިގަތުމާއެކު، ޝާހީ އާއިލާގެ ތެރެއަށް އައި ބޮޑެތި ގޮންޖެހުންތައްވެސް ރަނިކަމުގެ ފަހު ދުވަސްވަރު ރާނީ ވަނީ ތަޖުރިބާ ކުރައްވާފައެވެ.
އިނގިރޭސި ރާނީ، އެލިޒަބަތު އެލެގްޒެންޑްރާ މޭރީ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1926 ވަނަ އަހަރުއެވެ. އެއީ ޑިއުކް އަދި ޑަޗެސްގެ ފުރަތަމަ ދަރިފުޅެވެ.
1937 ވަނަ އަހަރާއި ހަމައަށް އެލިޒަބަތު އެލެގްޒެންޑްރާ މޭރީ ހުންނެވީ އިނގިރޭސި ތަޚުތަށް ވަޑައިގެންނެވޭނެފަދަ މަގާމެއްގައެއް ނޫނެވެ.
އެހެންނަމަވެސް އެއީ އެއީ އެކަމަނާގެ ބޮޑު ބޭބޭފުޅު އެޑްވާރޑް VIII، ދެފަހަރަށް ވަރިވެފައިވާ، އެމެރިކާގެ ރައްޔިތެއް ކަމުގައިވާ ވެލިސް ސިމްޕްސަންއާއި ކައިވެނި ބައްލަވައިގަތުމަށްޓަކާ 1936 ވަނަ އަހަރު އިނގިރޭސި ތަޚުތު ދޫކޮށްލެއްވުމާއި ހަމައަށެވެ. އެއަށްފަހު އިނގިރޭސިވިލާތުގެ ރަސްކަމަށް އިސްވެ ވަޑައިގަތީ ރާނީގެ ބައްޕާފުޅު ކިންގ ޖޯޖު VI އެވެ.
އެހާތަނުން، އުމުރުން އެންމެ 10 އަހަރުގައި، އާއިލާގެ ތެރޭގައި ލިލިބެޓްގެ ނަމުން މުކާތަބު ކުރެވޭ، އެލިޒަމަބު ވެވަޑައިގަތީ އެގައުމުގެ ވަލީ އަހުދުކަމުގައެވެ.
ރަނިކަން ލިބިވަޑައިގަތީ އުމުރުން އެންމެ 23 އަަހަރު ފުޅުގައި
ރާނީގެ ބައްޕާފުޅަށް 1937 ވަނަ އަަހަރު އިނގިރޭސި ރަސްކަން ލިބިވަޑައިގަތުމާއެކު، ރާނީ އިނގިރޭސި ތަޚުތަގައި ރެނދަލިކަން ކުރައްވާނޭ ބޭކަނބަލެއްގެ ގޮތުގައި ހަމަޖެހިގެން ދިޔައީ އުމުރުން އެންމެ 10 އަހުން ފެށިގެންނެވެ.
އެއަށްފަހު، އެކަމަނާ ގެންދެވީ އެކި ގޮތްގޮތުން ބައްޕާފުޅަށްފަހު ތަޚުތައް ވަޑައިގަންނަވާނޭ ބޭކަނބަލެއްގެ ގޮތުގައި ތައްޔާރު ވެވަޑައިގަންނަވަމުންނެވެ. މިގޮތުން އިނގިރޭސިވިލާތުގެ ލަންޑަނުގައި ދިރިއުޅުއްވަމުން އެކަމަނާ ގެންދަވާފައިވަނީ އިނގިރޭސީ ގާނޫނު އަސާސީގައި ބަޔާންކުރެވިފައިވާ ކަންކަމާއި ގުޅޭގޮތުން ގިނަގުނަ މައުލޫމާތުތައް ހޯއްދަވާ ކަންކަން ދަސްކުރައްވަމުންނެވެ.
އަދި 1940 ވަނަ އަހަރުން ފެށިގެން އެކަމަނާ ވަނީ، އުމުރުން 14 އަހަރުން ފެށިގެން އާންމުންގެ ތެރެއަށް ނުކުންނަވާން ފައްޓަވާފައެވެ. މިގޮތުން ރާނީގެ އެންމެ ފުރަތަމަ ދެއްވި ތަގުރީރު، ރޭޑިއޯ ބްރޯޑްކާސްޓް މެދުވެރިކޮށް ދެއްވާފައިވަނީ އުމުރުފުޅުން 14 އަހަރުގައެވެ. އެއަށްފަހު އުމުރުފުޅުން 16 އަހަރުގައި، ބްރިޓިޝް އާރމީގެ އިންފެންޓްރީ ރެޖިމެންޓްގެ، އޮނޮރަރީ ކާނަލް އޮފް ދަ ގްރިނޭޑިއަރ ގާޑްސްގެ މަގާމަށް ވަޑައިގެންފައި ވެއެވެ.
1945 ވަނަ އަަހަރު އެކަމަނާ ގުޅިވަޑައިގަތީ އިނގިރޭސި އަސްކަރިއްޔާގެ އޮގްޒިލިއަރީ ޓެރިޓޯރިއަލް ސާވިސްއާއެވެ. މި ޚިދުމަތުގައި ހޭދަކުރެއްވި 4 ހަފްތާ ތެރޭގައި ރާނީ އަސްކަރީ އުޅަނދުތައް ދުއްވާ އެތަކެތި ބަލަހައްޓާ މަރާމާރު ކުރަން ދަސްކުރެއްވިއެވެ.
ދުނިޔޭގެ ދެވަނަ ބޮޑު ހަގުރާމަ ކާމިޔާބު ކުރެވުނުކަން ޔޫރަޕްގައި އިއުލާންކުރެވި، ބަކިންހަމް ޕެލަސްގެ ބޭރުގައި ކުރިޔަށްދިޔަ އުފާ ފާޅުކުރުން ތަކުގައި، އަސްކަރީ ހެދުމުގައި ރާނީ ބައިވެެރިވެ ވަޑައިގެންފައި ވެއެވެ.
ހަގުރާމައިގެ ހާލަތު ވެގެން ދިޔައީ، ރާނީގެ ހިތް އަތުލައިގަތް، ހިމަތޮޅިކޮށް، ލޫޅާފަތުކޮށް ހުންނެވި، ނޭވަލް އޮފިސަރު، ގްރީސްއާއި ޑެންމާކަށް ނިސަބަތްވާ ލެފްޓިނެންޓެއް ކަމުގައިވާ ޕްރިންސް ފިލިޕްއާއި އުމުރުން އެންމެ 13 އަހަރުގައި ރާނީއާއި ބައްދަލުވާން މެދުވެރުވީ ސަބަބު ކަމުގައެވެ.
ދެބޭފުޅުން ކައިވެނި ބައްލަވައިގަތީ 1947 ވަނަ އަހަރުއެވެ. އަދި ފުރަތަމަ ދަރިފުޅު ޗާރލްސް އޭގެ އެއް އަހަރުފަހުން ލިބިވަޑައިގަތެވެ.
ރާނީގެ ބައްޕާފުޅުގެ ސިއްޙީ ހާލުކޮޅު ދަށްވަމުން ދިއުމާއި ގުޅިގެން، ރާނީވަނީ 1949 ވަނަ އަހަރު ރަސްކަމުގެ ރަސްމީ ބައެއް ޒިންމާތައް އަދާ ކުރައްވަން ފައްޓަވާފައެވެ. މީގެ ތެރޭގައި، އެއަހަރު ބޭއްވިގެން ދިޔަ، އަހަރީ ކުލަ ޕެރޭޑްގައި ރާނީވަނީ ރަސްމީ ގިނަ ޒިންމާތައް އަދާ ކުރައްވާފައެވެ.
އޭގެ ފަހުން، އެލިޒަބަތުއާއި ފިރިކަލުން ފިލިޕްއާއި ދެބޭފުޅުން ރަސްމީ ދަތުރެއްގައި ކެންޔާގައި އުޅުއްވަނިކޮށް، ބައްޕާފުޅު އަވަހާރަވި ކަމުގެ ޚަބަރު ލިބިވަޑައިގަތެވެ.
އެހާތަނުން އެލިޒަބަތު ވެވަޑައިގަތި އިނގިރޭސި ރާނީކަމުގައެވެ.
ގޮންޖެހުންތަކުން ފުރިފައިވާ، އިނގިރޭސިވިލާތަށް ބޮޑު ބަދަލުތަކެއް އައި ރަނިކަމެއް!
1953 ވަނަ އަހަރު، އުމުރުފުޅުން އެންމެ 23 އަހަރުގައި ކުއީން އެލިޒަބަތު II އިނގިރޭސި ރަނިކަމަށް އިސްވެވަޑައިގަތުމަށްފަހު ޖެހިގެން އައި 10 އަހަރު ވެގެންދިޔައީ ޒުވާން ރާނީ މަގާމަށް އަހުލުވެރި ވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވިގެންދިޔަ 10ވަރަކަށް އަހަރު ކަމުގައެވެ.
މިގޮތުން މި މުއްދަތުގައި ޒުވާން ރާނީވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ރަސްމީ ހައިސިއްޔަތުން ގިނަގުނަ ދަތުރުތަކެއް ކުރައްވާފައެވެ. އަދި އިނގިރޭސި ގާނޫނުހަދާ މަޖިލިސް ހުޅުވުމުގެ ބޭއްވި ގިނަ ޖަލްސާތަކެއްގައި އެކަމަނާ ބައިވެރިވެޑައިގެން، އޭގެ އިތުރުން ބޭރުގެ ގިނަ ގައުމުތަކުގެ ވެރީންނާ ބައްދަލު ކުރައްވާފައި ވެއެވެ.
ރާނީއަށް 4 ވަނަ ދަރިފުޅު ލިބިވަޑައިގަތީ 1964 ވަނަ އަަހަރުއެވެ. އެއަހަރު ރާނީގެ 4 ވަނަ ދަރިކަލުން އެޑްވާރޑް އުފަންވެވަޑައިގަތްއިރު އޭގެ ކުރިން ރާނީއަށް ވަނީ ޗާރަލްސްއާއި، އޭގެފަހުން އޭން އަދި އެންޑްރޫ ލިބިވަޑައިގެންފައެވެ.
އެހެންނަމަވެސް ކުޑަ އާއިލާއެއް ބައްލަވަމުންވެސް ރާނީ އެއްވެސް ވަރަކަށް ރަސްމީ ޒިންމާއަކުންވެސް އަދި އާންމު ދިރިއުޅުމުންވެސް ދުރަށް ވަޑައިގެންފައެއް ނުވެއެވެ.
އަދި މި މުއްދަތުގައިވެސް ރަސްމީ ހައިސިއްޔަތުން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރައްވަމުން، ރާނީ ދިއިއުޅުއްވާފައިވަނީ ވަރަށްވެސް ހަރަކާތްތެރި ދިރިއުޅުއްވުމެއްގައެވެ. 1976 ވަނަ އަހަރު ރާނީ ވެވަޑައިގަތީ އިނގިރޭސިވިލާތުގައި އެންމެ ފުރަތަމަ އެމެއިލްއެއް ފޮނުއްވި އިނގިރޭސި ރައްޔިތު ކަމުގައެވެ.
ރާނީގެ އާއިލާީ ހަޔާތުން އެންމެ ބޮޑަށް ފާހަގަވެގެންދިޔަ އެއްކަމަކަށް ވެގެން ދިޔައީ 1981 ވަނަ އަހަރު ދޮށީ ދަރިކަލުން، ޕްރިންސް ޗާރލްސް އާއި ލޭޑީ ޑަޔާނާ ސްޕެންސަރއާއި ކައިވެނި ބައްލަވައިގަތް ގަތުމެވެ. ލަންޑަންގެ އެސްޓީ ޕައުލްސް ކެތެޑްރަލްސްގައި ބޭއްވިގެންދިޔަ މި ކައިވެނިފުޅު ވެގެންދިޔައީ، ޓީވީ މެދުވެރިކޮށް އެތައް މިލިއަން ބަޔަކު ވަގުތުން ބެލި ރަސްމިއްޔާތަކަށެވެ.
ޕްރިންސް ޗާރލްސްގެ އަމިއްލަ ހަޔާތާއި، އެ ހަޔާތުގައި ކުރިމަތިވި މައްސަލަތަކާއި، ރާނީގެ ރަނިކަމުގެ 40 ވަނަ އަހަރު، 1992 ވަނަ އަހަރު ޕްރިންސް ޗާރަލްސްގެ ކައިވެރި ރޫޅިގެން ދިއުން ވެގެން ދިޔައީ ރާނީގެ އަމިއްލަފުޅު ހަޔާތުގައި ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމުގެ ގޮތުގައެވެ.
މިއަހަރު ވެގެން ދިޔައީ ޝާހީ ތިން ކައިވެންޏަކަށް ނިމުން އައި އަހަރެއް ކަމުގައެވެ. ޑަޔާނާ ޗާރލްސްގެ އިތުރުން، ޕްރިންސް އޭންއާއި މާރކް ފިލިޕްވެސް ވަރިވެ ވަޑައިގަތުމުގެ އިތުރުން، ޕްރިންސް އެންޑްރޫގެ އަނބިކަބަލުން އެމެރިކާގެ ފައިނޭންޝަލް މެނޭޖަރަކާއެކު، ހުސްގަޔާ ހުރި ފޮޓޯއެއް އާންމު ވުމާއި ގުޅިގެން އެ ދިރުއުޅުންވެސް ރޫޅިގެން ދިޔައެވެ.
އަދި 1997 ވަނަ އަހަރު ޗާރލްސްގެ ކުރީގެ އަނބިކަބަލުން ޑަޔާނާ ކާރު އެކްސިޑެންޓެއްގައި އަވަހާރަވިއެވެ. އެހާތަނާއި ހަމައަށްވެސް އިނގިރޭސި ޝާހީ އާއިލާއަށް ކުރިމަތިވަމުން އައި ބޮޑެތި ފާޑު ކިޔުންތަކާއެކު، އިނގިރޭސި ޝާހީ އާއިލާއަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހުނެވެ.
އެއަހަށްފަހު، ލަންޑަނަށް ވަޑައިގެން ރާނީވަނީ، ހިތާމަ ފާޅުކުރަމުންދިޔަ އިނގިރޭސި ރައްޔިތުންނާ ވާހަކަ ދައްކަވަމުން، ޑަޔާނާ ހަޔާތުން ގިނަ ފިލާވަޅުތަކެއް ލިބިވަޑައިގެންފައި ވާކަން ހާމަކުރައްވާފައެވެ.
ޑަޔާނާ އަވާހާރަ ވުމާއި ހަމައަށް އާންމުގެ ތެރޭގައި އިނގިރޭސި ރަސްކަމަށް އޮތް ތާއީދު އިންތިހާއަށް ދަށްވަމުން އައި އައުމަށް ނިމުން އައިސްފައިވަނީ، އެއަށްފަހު، މަޑުމަތިރިކަމާއި، އާންމުންނާ ހަމައަށް ގިނައިން ވާސިލްވުމާއި، ޒަމާނީ ޝާހީ އާއިލާއެއްގެ ވައްޓަފާޅިއަށް އިސްކަން ދެއްވަން ފެއްޓެވުމާއި ހަމައިންނެވެ.
މިކަން އެންމެ ބޮޑަށް ހާމަވެގެން ދިޔައީ، 2005 ވަނަ އަހަރު، ޕްރިންސް ޗާރަލްސް ކެމިލާ ޕާރކާރ ބޮވްލްސްއާއި ކުރެއްވި ކައިވެންޏަށް ލިބިގެންދިޔަ ބޮޑު ތަރުހީބުންނެވެ. އޭގެ 8 އަހަރު ފަހުން އިނގިރޭސި ގާނޫނުހަދާ މަޖިލީހުންވަނީ، އިނގިރޭސި ތަޚުތަށް އިސްވެ ވަޑައިގަތުމުގައި އަންހެނުންގެ މައްޗަށް ފިރިހެނުންނަށް އިސްކަން ދޭންޖެހޭ ގޮތަށް އޮންނަ އުސޫލު ނިމުމަކަށް ގެނެސްފައެވެ.
އަވަހާރަވުން
އިނގިރޭސިވިލާތުގެ ތާރީޚުގައި އެންމެ ގިނަދުވަހު ރަނިކަން ކުރެއްވި، ކުއީން އެލިޒަބަތު II އަވަހާރަ ވެފައިވަނީ އިނގިރޭސިވިލާތުގެ ސްކޮޓް ލޭންޑުގެ ބަލްމޯރަލްގައި ހުންނަ އެކަމަނާގެ ގަޑުވަރުގައި، އުމުރުން 96 އަހަރުގައެވެ. ރާނީ އަވަހާރަ ވުމާއެކު، ރާނީގެ ދޮށީ ދަރިކަލުން ޗާލްސް މިހާރު ވެވަޑައިގެންފައިވަނީ އިނގިރޭސިވިލާތުގެ ރަސްގެފާނަށެވެ.
ރާނީގެ ޑޮކްޓަރުން އެކަމަނާގެ ސިއްޙީ ހާލުކޮޅު ގޯސްވެއްޖެކަން އިއުލާން ކުރެއްވުމާއެކު، ރާނީގެ ދަރިންނާއި މާމަ ދަރިންގެ އިތުރުން އެބޭބޭފުޅުން އަނބި އަނބިކަބަކުން ވަނީ ރާނީގެ އަރިހަށް ވަޑައިގެންފައެވެ.
ރާނީގެ އަރިހުގައި ތިއްބެވުމަށްޓަކާ، ރާނީގެ އަރިހަށް ވަޑައިގެންނެވީ އެކަމަނާގެ 4 ދަރިންނާއި ދެ މާމަ ދަރިންނާއި އެބޭބޭފުޅުން އަބިންނެވެ. މީގެ ތެރޭގައި ރާނީއަށްފަހު އިނގިރޭސިވިލާތުގެ ރަސްކަމަށް އިސްވެވަޑައިގަތުމަށް ތައްޔާރުވެ ވަޑައިގެން ހުންނެވި ޕްރިންސް ޗާލްސްއާއި ޗާލްސްގެ އަނބިކަނބަލުން ކެމިލާ ހިމެނިވަޑައިންނަވާއިރު، ޗާލްސްގެ ދޮށީ ދަރިކަލުން ޕްރިންސް ވިލިއަމްއާއި އޭނާގެ އަނބިކަނބަލުންވެސް ހިމެނިވަޑައިގަންނަވައެވެ.
އަދި ޕްރިންސް ޗާރލްސްގެ ދެވަނަ މާމަ ދަރިކަލުން ޕްރިންސް ހެރީވެސް ރާނީގެ އަރިހަށް ވަޑައިގެންފައި ވާއިރު، އޭނާގެ އަނބިކަނބަލުން މޭގަމް ހުންނެވީ ލަންޑަންގައެވެ.
ރާނީ އިނގިރޭސި ތަޚުތަށް އިސްވެވަޑައިގެންފައިވަނީ 1952 ވަނައަހަރުއެވެ. އެއަށްފަހު އިނގިރޭސިވިލާތައް އައި ބޮޑެތި ބަދަލުތައް އައިސްފައިވަނީ އެކަމަނާގެ ރަނިކަމުގައެވެ.
"ރާނީ ވަނީ ހަމަހިމޭން ކަމާއެކު، ބަލްމޯރަލްގައި މިއަދު މެންދުރު އަވަރާވެފަ،" ރާނީގެ ގަނޑުވަރު ބަކިންގހަމް ޕެލަސްއިން ނެރުނު ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
"ރަސްގެފާނު (ޗާރލްސް) އާއި، ރާނީ ކޮންސޯޓް (ޗާލްސްގެ އަނބިކަނބަލުން ކަމިލާ) މިއަދު ހަވީރު ތިއްބަވާނީ ބަލްމޯރަލްގައި، އަދި ލަންޑަނަށް ވަޑައިގަންނަވާނީ މާދަމާ."
އިނގިރޭސި ރާނީގެ ރަނިކަމުގައި އިނގިރޭސިވިލާތުގައި ވަނީ 15 ބޮޑުވަޒީރުން ވެރިކަން ކުރައްވާފައެވެ. ރާނީގެ ރަނިކަމުގައި އެންމެ ފުރަތަމަ ބޮޑުވަޒީރުކަން ކުރައްވާފައިވަނީ ވިސްޓަން ޗާރޗިލްއެވެ. ވިންސްޓަން ޗާޗިލް އުފަންވެ ވަޑައިގަތީ 1874 ވަނަ އަަހަރުއެވެ. ރާނީގެ ރަނިކަމުގައި އެންމެ ފަހުން ބޮޑުވަޒީރުކަމުގައި ހުންނެވީ، ފާއިތުވެދިޔަ ހަފްތާގައި އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމަށް އައްޔަން ކުރެވުނު ލިޒް ޓްރަސްއެވެ.
ލިޒް ޓްރަސް އުފަންވެ ވަޑައިގަތީ ވިންސްޓަން ޗާޗިލް އުފަންވެވަޑަތްތާ 101 އަހަރު ފަހުން 1975 ވަނަ އަހަރުއެވެ.
74 އަހަރުވަންދެން ރާނީ ކައިވެނި ބައްލަވައިގެން ހުންނެވި، އެކަމަނާގެ ފިރިކަލުން ޕްރިންސް ފިޕިލް އަވަރާވީ 2021 ވަނަ އަހަރު، އުރުން 99 އަހަރުގައެވެ. ޕްރިންސް ފިލިޕްއާއި ރާނީ ކައިވެނި ބައްލަވައިގަތީ 1947 ވަނަ އަަހަރުގެ ނޮވެމްބަރުމަހުގެ 20 ވަނަ ދުވަހުއެވެ.