ހަރުކަށި ފިކުރާއި ދެކޮޅަށް މަސައްކަތް ކުރުމަށްޓަކައި ސަލާމަތީ ބާރުތަކާއި، ކަމާއި ގުޅުންހުރި އިދާރާތަކުން ގުޅިގެން ޚާއްސަ ފައުޖެއް އުފައްދަންވީ ރާއްޖޭގައި ތިބި ލާދީނީ ޝައިތާނުން ސައިޒު ކުރަން ކަމުގައި ސަލަފްގެ އިސް މެމްބަރު އަލީ ރަމީޒު ވިދާޅުވެއްޖެއެވެ.
އަލީ ރަމީޒު މިހެން ވިދާޅުވީ ހަރުކަށި ފިކުރާއި ދެކޮޅަށް މަސައްކަތް ކުރުމަށްޓަކައި ސަލާމަތީ ބާރުތަކާއި، ކަމާއި ގުޅުންހުރި އިދާރާތަކުން ގުޅިގެން ޚާއްސަ ފައުޖެއް އުފެއްދުމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަޙީދެ މިއަދު މަޖިލީހަށް ހުށަހެޅި މައްސަލައާއި ގުޅިގެންނެވެ.
މިމައްސަލާގައި މަޖިލީހުގައި ހިމެނޭ އިދިކޮޅު މެމްބަރުންވެސް މިމައްސަލައަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން މިމައްސަލައާއިއެކު ރާއްޖޭގައި ލާދީނީ ކަންކަން ފަރުތާ މީހުންގެ މައްސަލަވެސް ބެލެންޖެހޭކަމަށް އިދިކޮޅު މެމްބަރުން ވަނީ ވިދާޅުވެފައެވެ. މިމައްސަލާގައި ކަންބޮޑުވުން ފާޅު ކުރައްވައި އަލީ ރަމީޒު ވިދާޅުވީ ބޮޑު ފައުޖެއް އެކުލަވާލައިގެންވެސް ރާއްޖޭގައި ތިބި ލާދީނީ މީހުންގެ މަސައްކަތް ހުއްޓުވަން ޖެހޭކަމަށެވެ.
ބޮޑު ފައުޖެއް ނިކުމެ ސައިޒު ކުރަންވީ މި ޤައުމުގައިތިވި ހުރިހާ ލާދީނީ ޝައިތާނުންތައް.
– އަލީ ރަމީޒު ވިދާޅުވިއެވެ.
ވަޙީދު ހުށަހެޅުއްވި މައްސަލާގައި ބުނެފައިވަނީ ރާއްޖޭގައި ހަރުކަށި ފިކުރަށް ޖާގަލިބޭގޮތަށް ހިންގޭ ޢަމަލުތައް ހުއްޓުވުމަކީ ދައުލަތުން ގުޅިގެން ކުރަންޖެހިފައިވާ މުހިންމު މައްސަލައެއް ކަމަށެވެ. އިސްލާމްދީނުގެ ނަމުގައި އަނިޔާވެރި ޢަމަލުތައް ހިންގާ ހަރުކަށި ހައްދުފަހަނަ އަޅާފައިވާ މީހުން މަރަން ފަސް ނުޖެހޭ 1،400 މީހުން ރާއްޖޭގައި ތިބިކަމަށް ކަމިޝަނަރ އޮފް ޕޮލިސް ވިދާޅުވެފައިވާމަށް ވަހީދު ހުށައެޅުއްވި މައްސަލާގައިވެއެވެ.
ހަރުކަށި ފިކުރުގެ ނުރައްކާތެރިކަން ކުޑަކުރުމަށްޓަކައި މަސައްކަތް ކުރުމަށް ކުރަންޖެހޭ މަސައްކަތް އިތުރު ކުރަންޖެހެނީ މިފަދަ އަމަލުތައް ދުވަހެއް ދުވަހަށް އިތުރުވަމުންދާތީކަމަށްވެސް ވަހީދުގެ މައްސަލާގައި ބުނެފައިވެއެވެ. މިފަދަ ކުށްތައް ހިންގާ މީހުންގެ މައުލޫމާތު ސަލާމަތީ ބާރުތަކުގައި ހުރެ އެފަދަ ފަރާތްތަކާއިމެދު އެކަށީގެން ފިޔަވަޅު އެޅުމަށްވެސް މައްސަލާގައި ވަނީ ގޮވާލާފައެވެ.
ހަރުކަށި ފިކުރުގެ އަމަލުތައް ހިންގާ ފަރާތްތަކާއިމެދު ފިޔަވަޅު އެޅުމުގައި މުވައްސަސާތައް ފަހަތު ފަޔަށް ބުރަވެފައިވާތީ އާހިތްވަރަކާއިއެކު މިކަމާއި ކުރިމަތި ލުމަށްޓަކައި ސިފައިންނާއި ފުލުހުން އަދި ތަންފީޒީ ކަންކަން ހިންގުމުގެ ޒިންމާ އޮތް އިދާރާތަކުގެ ކޮމާޑެއްގެ ދަށުން އެކުލެވޭ ޚާއްސަ ފައުޖެއްވެސް އެކުލަވާލުމަށް މައްސަލާގައި ވަނީ ގޮވާލާފައެވެ.
މީގެ އިތުރުން އިސްލާމިކް މިނިސްޓްރީއާއި ގުޅިގެން ދިވެހި ރާއްޖޭގައި ދީނީ ތައުލީމު ދިނުމާއި ދީނީ ވައުޟާއި ނަސޭހަތް ދިނުމުގެ ކަންކަން ހިންގާނީ އިސްލާމީ ދުނިޔޭގެ މަޝްހޫރު ބޮޑެތި ގިނަ އިލްމުވެރިން އިއްތިފާގުވެ މެދުމިނެއްގެ އިންތަކުގެ ތެރޭގައިކަން ކަށަވަރު ކުރުމުގެ މަސައްކަތް އިތުރަށް ބާރަށް ހިންގުމަށްވެސް މިމައްސަލާގައިވަނީ ގޮވާލާފައެވެ.
ކޮމެންޓު ފޮނުވާ