ހޮލީވުޑްގެ ލެޖެންޑް ސިލްވެސްޓާ ސްޓެލޯންގެ ގާތުން ވަރިވާން އަންހެނުން ޖެނިފާ ފްލެވިން ނިންމައިފިއެވެ.
25 އަހަރުވީ ކައިވެނި ރޫޅާލުމަށް މިހާރު ޖެނިފާ ވަނި ކޯޓަށް ހުށައަޅާފައެވެ. ކައިވެނި ރޫޅާލުމަށް މިދިއަ ހުކުރު ދުވަހުގައި ފްލޮރިޑާގެ ކޯޓަކަށް ޖެނިފާ ގޮސްފައިވާއިރުގައި އެކައިވެނިން އެދެމީހުންނަށް ވަނީ ތިން އަންހެން ކުދިން ލިބިފައިއެވެ.
އެއީ ސިސްޓީން ސްޓެލޯން، 24، އާއި ސްކާލެޓް ރޯޒް ސްޓެލޯން، 20، ގެ އިތުރުން ސޯފިއާ ރޯޒް ސްޓެލޯން، 25، އެވެ. މިދެމީހުންގެ މެދުގައި ގިނަ މައްސަލަތަކެއް ޖެހިފައިވާ ކަމަށް މީގެ ކުރިން ހަބަރުތަށް ބުނެއެވެ. ނަމަވެސް ވަރިވާން ނިންމި ހަގީގީ ސަބަބު ދެމީހުން ކުރެ އެކަކުވެސް ހާމައެއް ނުކުރެއެވެ.
ނަމަވެސް ދެމީހުންގެ މެދުގައި މައްސަލަތަށް ޖެހި ސިލްވެސްޓާ ވަނީ އޭނާގެ އަތުގައި ޖަހާފައި އިން ޖެނިފާގެ މޫނުގެ ފޮޓޯ ވެސް ކުއްތާއެއްގެ ފޮޓޯއަކަށް މިހާރު ބަދަލުކޮށްފައި ކަމަށް ޚަބަރުތައް ބުނެއެވެ.
މޮޑެލްއެއްގެ ގޮތުގައި މަޝްހޫރުވި ޖެނިފާ، 54، އާއި ސިލްވެސްޓާ 1997 ގައި ކައިވެނިކުރި އިރު، މިއީ މިހާރު އުމުރުން 76 އަހަރުގެ އެކްޓަރުގެ ތިން ކައިވެންޏެވެ.
ސިލްވެސްޓަ އެންމެ ފުރަތަމަ ކައިވެނިކުރީ ސާޝާ ޒަކް، 72، އެވެ. އެ ކައިވެނި 1974 ގައި ކޮށް ދެމިއޮތީ 1985 އާ ހަމައަށެވެ. ދެވަނަ ކައިވެނިކުރީ ބަތަލާ ބްރިޖިޓް ނީލްސެން، 59، އާ އެވެ. އެ ކައިވެނި ދެމިއޮތީ 1985-1987 އަށެވެ.
ސިލްވެސްޓާއަށް ޖުމްލަ 5 ކުދިން ލިބުނެވެ. އެއީ ފުރަތަމަ ކައިވެނިން ސާޝާއަށް ލިބުނު ދެ ފިރިހެން ކުދިންނާއި ތިން ވަނަ ކައިވެނި ޖެނިފާއަށް ލިބުނު 3 އަންހެން ކުދިންނެވެ. ނަމަވެސް ސިލްވެސްޓަގެ ދޮށީ ދަރިފުޅު ވަނީ 2012 ވަނަ އަހަރުގައި މަރުވެފައެވެ.