ބޮލީވުޑްގެ އެކްޓްރެސް ކާޖޮލް އަކީ ކާމިޔާބު އެތަށް ފިލްމް ތަކެއް ކުޅެފައިވާ ތަރިއެކެވެ. ހަމަ އެފަދައިން އޭނާގެ ފިރިމީހާ އަޖޭ ދޭވްގަން އަކީވެސް ކެރިއަރުގައި ކާމިޔާބު އެތަށް ފިލްމްއެއް ކުޅެފައިވާ އެކްޓަރެކެވެ.
ކާޖޮލް އާއި އަޖޭ ކައިވެނި ކުރީ 1999 ވަނަ އަހަރުގައިއެވެ. އެ ދެމީހުން ބައްދަލުވީ މީގެ 25 އަހަރު ކުރިން އެކުގައި ކުޅުނު ފިލްމު "ހަލް ޗަލް"ގެ ސެޓުންނެވެ. އެއަށް ފަހު ކައިވެނި ކޮށް މިހާރު ކައިވެންޏަށް ވަނީ 23 އަހަރު ވެފައެވެ.
މިޒާޖުގެ ގޮތުން ވަރަށް ތަފާތު މިދެމިހުންނަކީ ބޮލިވުޑްގެ ޕަވާ ކަޕުލްގެ ގޮތުގައި ސިފަ ކުރާ ޖޯޑެކެވެ. އެދެމީހުންނަށް ވަނީ ދެ ކުދިން ލިބިފައެވެ. އެއީ މިހާރު ޒުވާން އުމުރު ގުނަމުން އަންނަ ނިސާ އާއި 11 އަހަރުގެ ޔުގްއެވެ.
ނަމަވެސް ދިރިއުޅުމާ ބެހޭގޮތުން ވާހަކަ ދައްކަމުން ކާޖޮލް ވަނީ އޭނާ މީގެ ކުރިން ދެފަހަރަކު ބަލިވެ އިންކަމަށާއި އަދި ބައިގެން ގޮސްފައިވާ ކަމަށް ބުނެފައެވެ. ފުރަތަމަ ދަރިފުޅަށް ބަލިވެ އިނީ 2001 ވަނަ އަހަރު ކަމަށާއި އޭއީ އޭނާގެ ވަރަށް ކާމިޔާބު ފިލްްމެއް ރިލީޒް ވި ދުވަސްކޮޅު ކަމަށް ކާޖޮލް ބުނެފައިވެއެވެ.
"ކަބީ ޚުޝީ ކަބި ޣަމް" ރިލީޒް ވުމުގެ ކުރިން އަހަރެން މިސްކެރިޖްވީ. އެދުވަހު އޮތީ ހޮސްޕިޓަލުގައި. ވަރަށް ޕްލޭން ކޮށްގެން ކުއްޖަކު ހޯދަން ބެނުން ވީވެސް. ފުރަތަމަ ދަރިފުޅު ބައިގެން ދިއައީ. ފިލްމް ހިޓްވިޔަސް އަހަރެންނަށް އުފާވެރިކަމެއް ނުލިބުނު"
ހަމަ އެފަދައިން ދެވަނަ އަށް ބަލިވެ އިން ފަހަރުވެސް ބައިގެންދިޔައީ ކަަމަށާއި އެއީ ވަރަށް ހިތްދަތިވި ދުވަސްކޮޅެއް ކަމަށް ކާޖޮލް ވަނީ ބުނެފައެވެ. ފުރަތަމަ ފަހަރާއި ދެވަނަ ފަހަރުވެސް ބަލިވެ އިނދެ ބައިގެން ދިޔުމަކީ ހިތްފަޅައިގެން ދާވަރު ކަމެއް ކަމަށާއި ނަމަވެސް ނިސާ އަށް ބަލިވެ އިނދެ ދަރިފުޅު ލިބުނު ދުވަސް އެއީ އެހާމެ އުފާވެރި ދުވަހެއް ކަމަށް ބުނެފައިއެވެ.
2000ގެ އަހަރު ތަކުގެ ކުރީކޮޅުގައި ކާޖޮލް އަކީ ބޮލީވުޑްގެ ވަރަށް ޑިމާންޑް ބޮޑު ތަރިއެކެވެ. ކުދިން ލިބި އެކުދިންނަށް ވަގުތު ދިނުމަށް އޭނާ ވަނީ ކޮންމެެވެސް ވަރަަކަށް ފިލްމުކުޅުމާ ދުރަށް ޖެހިލާފައެވެ. ނަމަވެސް މިހާރު މަދުމަދުން އޭނާ އަންނަނީ ފިލްމު ކުޅެމުންނެވެ. އެގޮތުން އޭނާ މިހާރު އަންނަނީ "ސަލާމް ވެންކީ" ކިޔާ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ.