ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފޯނު ރޭ ފޭރިގަނެފައިވަނީ އިނގިރޭސި ވިލާތުގައި ކޭން ބައްލަވަން އިން ރެސްޓޯރެންޓުގައި ސަލާންޖަހަން ކަމަށް ހެދިގެން އުޅުނު މީހެއްކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދުގެ ފޯނު ފޭރިގަނެފައިވަނީ އެމަނިކުފާނުގެ ދަރިކަލުން މީރާ ލައިލާ ނަޝީދާއެކު މެންދުރުގެ ފަރީކޮޅެއްގައި އިންނަވަނިކެވެ. ރައީސް ނަޝީދު ފޯނު ޖަހައިގަތް ގޮތާއި ގުޅޭގޮތުން އޮންލައިން ނޫހަކަށް ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވީ އެމަނިކުފާނު ފޯނު ޖަހައިގެންފައިވަނީ ސަލާންޖަހަން ކަމަށް ހެދިގެން އުޅުނު މީހަކު މޭޒުކައިރީގައި ހުރުމަށްފަހު ކަމަށެވެ.
ރައީސް ނަޝީދަށް މިދިޔަ އަހަރުގެ ކުރީކޮޅު ދިން ނުރައްކާތެރި ޓެރެރިސްޓު ހަމަލާއަށްފަހު އެމަނިކުފާނުގެ ސެކިއުރިޓީ ވަނީ ވަރަށް ވަރުގަދަކޮށްފައެވެ. އަދި އިއްޔެ ފީނު ޖަހައިގަތް އިރުވެސް އެމްއެންޑީއެފްގެ ސެކިއުރިޓީ ކައިރީގައި އެހެން މޭޒެއްގައި އިންނެވިއެވެ. ރައީސް ނަޝީދު ވިދާޅުވީ ސެކިއުރިޓީ އެހެން މޭޒެއްގައި އިންނެވީ ދަރިފުޅާއިއެކު ޕްރައިވެޓް ވަގުތުކޮޅެއް ބޭނުންވާކަމަށް އެދުމުންކަމަށެވެ.
ސަލާންޖަހަން ކަމަށް ހެދިގެން އައިމީހާ މޭޒުކައިރީގައި މަޑުކޮށް ލުމުން ލާރިއެއް ދޭންވެގެން އުޅެނިކޮށް ފޯނު ނަގައިގެން އެމީހާ ދުއްވައިގަތުމުން ދަރިފުޅު އެމީހާ ދުއްވައިގެން ވާހަކަ ބުނިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ މިހާދިސާގައި އެމަނިކުފާނުގެ ސެކިއުރީޓީ ބަލަހައްޓާ މީހާގެ އެއްވެސް މައްސަލައެއް ނެތްކަމަށެވެ. ރައީސް ނަޝީދު ފޯނު ފޭރިގަތުމާއި ގުޅިގެން ރޭ ވަނީ މަޖިލީހުގެ ގްރޫޕްތަކުންނާއި، އެނޫން އެކައުންޓުތައްވެސް ވަގުތީ ބޭނުން ކުރުން ހުއްޓާލާފައެވެ. ނަމަވެސް މިއަދު އަނެއްކާވެސް އެހެން ފޯނެއް ބޭނުންކޮށްގެން އެޕްލިކޭޝަންތައް ބޭނުން ކުރައްވަން ވަނީ ފައްޓަވާފައެވެ.
ނަޝީދުގެ ފޯނު ޖަހައިގަނެގެން ގެންގޮސްފައި މި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަންހެން ކުއްޖަކާ ޒިނޭ ކުރާ މަންޒަރު ފެންނަ ހަތަރު ފޮޓޯއެއް އެބަ އޮތް ކަމަށް ނަޝީދު ވިދާޅުވިތާ ހަތަރު ވަރަކަށް ދުވަސް ފަހުންނެވެ.
ކޮމެންޓު ފޮނުވާ