ބޮލީވުޑްގެ ކާމިޔާބު އެކްޓްރެސް ކާޖޮލްގެ ކޮއްކޮ ތަނީޝާ މުކަރުޖީ އަކީ ބޮލީވުޑްގައި ބައެއް ފިލްމުތަށް ކުޅުނު ނަމަވެސް މި ދާއިރާއިން ކާމިޔާބެއް ހާސިލު ކުރެވުނު ތަރިއެއް ނޫނެވެ.
ކުރީގެ ބަތަލާ ތަނޫޖާގެ ހައްގު އަންހެން ދަރިފުޅުގެ ކެރިއަރު ހަލާކުވެ، ކުޅޭނެ ފިލްމެއް ނުލިބި ބައެއް ރިއަލިޓީ ޝޯ ތަކުގައިވެސް ބައިވެރި ވެފައި ވެއެވެ.
ދައްތައާއި އަޅާ ކިޔުމަކީ އެއްވެސް ވަރަކަށް ހަމަޖެހޭ ކަމެއް ނޫން ކަމަށާއި ދައްތަ ކާޖޮލްގެ ވާހަކަ އާއި އޭނާގެ ވާހަކަ އަކީ މުޅިން ތަފާތު ދެވާހަކެއް ކަމަށް ބޮލީވުޑް ހަންގާމާއަށް ދިން އިންޓަވިއުއެއްގައި ތަނީޝާ ވަނީ ބުނެފައެވެ.
"ދައްތައާއި އަހަރެން ކޮމްޕެއާ އެއް ނުކުރެވޭނެ. ދައްތަގެ ޖާނީ އަކީ މުޅިން ތަފާތު އެއްޗެއް. އަދި އަހަރެންގެ ޖާނީ މުޅިން ތަފާތު. މިއީ މުޖުތަމައުގައި ގެންގުޅޭ އަޅާ ކިއުމެއް"
– ތަނީޝާ
މީގެ އިތުރުން ތަނީޝާ ބުނީ ވަރުގަދަ ފިލްމީ އާއިލާ އަކުން އައިސް ހުރުމުން ގިނަ ކަންތަށް ތަކުގައި ވަރަށް ބޮޑަށް ފަސޭހަ ވެގެން ދާކަމަށާއި އެހެން މީހުންނަށް ނުލިބޭ ފުރުސަތުތައް އެކިއެކި ދާއިރާ ތަކުން ލިބޭ ކަމަށެވެ.
"ވަރަށް އުފާވޭ މިކަހަލަ ވަރުގަދަ އާއިލާ އަކުން އައިތީ. އަދި ފިލްްމީ ކެރިއަރު ބަދުނަސީބު ވިޔަސް އަހަރެން ގަބޫލުކުރާ ގޮތުގައި އަހަރެންނަކީ ނަސީބު ވެރިއެއް. އެހެން މީހުންނަށް ނުލިބޭ ކަހަލަ ޕްރިވިލެޖްތައް ވެސް ލިބޭ"
– ތަނީޝާ
ތަނީޝާ އަކީ ކާޖޮލްގެ ކޮއްކޮއެވެ. އަދި ކުރީގެ އެކްތަރެސް ތަނޫޖާގެ ހަގު އަންހެން ދަރިފުޅެވެ. މީގެ އިތުރުން އަޖޭ ދޭވްގަން އަކީ ތަނީޝާގެ ޅިއަނެވެ.
"މި ދާއިރާއިން ކުރިއަށް ދިއުމަކީ ފަސޭހަ ކަމެއްނޫން. އެކި ކަންކަމުގައި އެކި މީހުންނަށް ކުރިމަތި ލެވޭނީ އެކި ވަރަށް. އަހަރެންނަށް ގަބޫލު ކުރެވޭ ގޮތުގައި މި ދާއިރާއިން ކުރިއަށް ދިއުމަށް މެންޓަލް ހެލްތު ވަރަށް މުހިންމު. ފަހަރުގައި އަހަރެންނަށް ތަހައްމަލު ކުރުމުގެ ބައި ކުޑައީ ކަމަށްވެދާނެ."
– ތަނީޝާ
ތަނީޝާ ބޮލީވުޑް އަށް ނުކުތީ 2003 ވަނަ އަހަރު ފިލްމް "ޝްޝްޝް" އިން ޑިނޯ މޯރިއޯ އާއި އެކުގައެވެ. އޭނާ ވަނީ ބައެއް ފިލްމު ތަކުގައި މަސައްކަތް ކޮށްފައެވެ.
ނަމަވެސް 44 އަހަރުގެ ބަތަލާއަށް މިދާއިރާއިން ކާމިޔާބީއެއް ނުލިބުނެވެ. އޭގެ އިތުރުން ތަނީޝާ ވަނީ ބައެއް ރިއަލިޓީ ޝޯ ތަކުގައިވެސް ބައިވެރި ވެފައެވެ. އެގޮތުން "ބިގް ބޮސް7″ އާއި "ޚަތުރޯންކީ ކިލާޅީ"ގެ 7 ވަނަ ސީޒަން ހިމެނެއެވެ.