ފަހަކަށް އައިސް ދިވެހި މުޖުތަމަޢުގައި އިޖުތިމާއީ އަދި ދީނީ ބައެއް ކަންކަމުގައި ރައްޔިތުންގެ މެދުގައި ނުތަނަވަސްކަމާއި ޚިޔާލުތަފާތު ވުމާއި ކަންބޮޑުވުން އުފެދޭފަދަ ގޮތަށް، ބައެއް ފަރާތްތަކުން ދީނީ ނަޒަރަކުން ރައްޔުތައް ނެރުން އަންމުވެގެން ގޮސްފައިވަ ކަމަށާއި، އަދި މިފަދައިން ނެރޭ ބައެއް ރައްޔުތަކަކީ އިސްލާމީ އުސޫލުތަކާއި އެކަށޭނެ ދިރާސާއަށްވުރެ ބޮޑަށް އެ ރައުޔު ނެރޭ ފަރާތުގެ އަމިއްލަ ވިސްނުމަށް ބިނާކޮށް ނެރޭ ރައުޔުތަކެއް ކަމަށް އެމްއާރުއެމްއިން ބުނެފިއެވެ.
މިކަން ހާމަކޮށް އަދި މިހަރު ކުރެވެމުންދާ ދީނީ ބަހުސްތަކާއި ގުޅޭގޮތު އެމްއާރުއެމްއިން ދެކޭގޮތް ހާމަކޮށް، މުޖުތަމަޢުގައި މިހާރު އެކަންކަމާއި ގުޅޭގޮތުން ދީނީ ނަޒަރުން ބަހުސް ކުރެވެމުންދާ ބައެއް ކަންކަމަށް އަލިއަޅުވާ، އެމްއާރުއެމްގެ ޒައީމް އަދި ދީނީ އިލްމުވެރިޔާ ރައީސް މައުމޫން އަބުދުލް ގައްޔޫމު ތައްޔާރު ކުރައްވާފައިވަ ދިރާސީ ލިޔުމެއްވެސް އެޕާޓީންވަނީ އާންމު ކުރައްވާފައެވެ.
މި ދިރާސީ ލިޔުއްވުމުގައި ރައީސް މައުމޫން ވިދާޅުވެފައިވަނީ ޔޯގާފަދަ ސިއްޙީ ނުވަތަ ނަފްސާނީ ދުޅަހެޔޮކަން ބަދަހި ކުރިމަށްޓަކާ ކުރާ ކަސްރަތުތަކާއި ލަވަ ކިޔުމާއި މިއުޒިކް ކުޅުންފަދަ ކަންކަމަކީވެސް ހަރާމް ކަންކަމޭ ބުނާނެ ތަނެއް ނެތް ކަމުގައެވެ.
މައުމޫން މިހެން ވިދާޅުވީ “ހަރާމްވާނީ ހަމައެކަނި ﷲ ޙަރާމް ކުރެއްވި ކަންތައްތަކެވެ.” މިމައުޟޫޢުގެ މައްޗަށް އެމަނިކްފާނު ކުރެއްވި ދިރާސާއެއްގެ މައްޗަށް އާންމު ކުރެއްވި ލިޔުމެއްގައެވެ.
މި ލިޔުއްވުމުގައި މައުމޫން ވިދާޅުވެފައިވަނީ، ގައުމީ ނުވަތަ އިޖުިތިމާޢީ މުނާސަބަތުތައް ފާހަގަ ކުރުމާއި އިންސާނީ ގުޅުންތައް ބަދަހިކުރުމަށް ކުރެވޭ ކަންކަމާއި އުފަންދުވަސް ފާހަގަ ކުރުމާއި އެކިއެކި ކުޅިވަރު ކުޅުމާއި މުނިފޫހި ފިލުވުމަށް ކުރާ ކަންކަމަކީވެސް ހުއްދަ ކަންކަމުގެ ގޮތުގައި ބެލެވޭނެ ކަންކަމެވެ.
މައުމޫނުހެ އަމިއްލަފުޅު ޕާޓީ އެމްއާރުއެމްއިން އާންމުކުރި މި ލިޔުއްވުމުގައި މައުމޫން ވިދާޅުވެފައިވަނީ ހަރާމް އަދި ހަލާލު ކަންކަމަކީ ކަނޑައެޅި ބަޔާންވެގެންވާ ކަންކަންކަމަށާއި، ހަރާމް ކަންކަމުގެ ގޮތުގައި ކަނޑައަޅުއްވާފައިވާ ކަންކަމާއި އެކަންކަމުގެ މައްޗަށް ހަރާމްކަމުގެ ގަރީނާތައް ފެންނާން ހުރި ކަންކަން ފިޔަވައި އެހެން ހުރިހާ ކަންކަމަކީ ހުއްދަވެގެންވާ ކަންކަން ކަމުގައެވެ.
ސަބަބެއް ކަމުގައި މައުމޫން ބަޔާން ކުރައްވާފައިވަނީ، ދުނިޔެއާއި ދުނިޔޭގައި ވާހާތަކެއްޗެއް ﷲ ހައްދަވާފައިވަނީ އިންސާނުންނަށްޓަކާ ކަމަށް ﷲ ސުބުހާނަހޫ ވަތަޢާލާ އަންގަވާފައި ވުމެވެ.
މައުމޫނުގެ ލިޔުއްވުމުގައި ވާގޮތުން ހަރާމް ހަލާލް ކަންކަމަކީ އެކަންކަން ކަނޑައެޅުމުގެ ބާރު ހަމައެކަނި ﷲ ތަޢާލާއަށް ވާ ކަންކަމެވެ.
ޔޯގާއަކީ ހަރާމްކަމެއް ނޫންކަމުގައި މައުމޫން ފަތުވާ ނެރުއްވާފައިވާއިރު މިއީ ހަރާމްކަމެއް ކަމުގައި ނިންމާ ރާއްޖޭގެ 104 ދީނީ އިންމުވެރިއަކު ނެރުއްވާފައިވާ ފަތުވާއެއް އިލްމުވެރިންގެ ގުޅުމުން ވަނީ އާންމު ކޮށްފައެވެ. އަދި މިމައްސަލާގައި ދީނީ އިލްވެރިންނާއި ސިޔާ ލީޑަރުންވެސް ގެންދަވަނީ އެކިއެކި ރައުޔުތައް ނެެރުއްވަމުންނެވެ.
ސިޔާސީ ލީޑަރުންގެ ތެރެއިން އަމިއްލަފުޅު ރައުޔު ހާމަކުރައްވާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ނަޝިދު ވިދާޅުވެފައިވަނީ ޔޯގާއަކީ ހަރާމް ކަމެއްކަމުގައި ބުނާ ދީނީ އެއްވެސް ފަތުވާއެއް ނެތްކަމުގައެވެ.
އެހެންނަމަވެސް ޚިޔާލު ތަފާތުވުން ބޮޑު މި މައްސަލާގައި ސަރުކާރުގެ ފަތުވާ މަޖިލިހުން އަދި މިހާތަނަށް އެއްވެސް ރައުޔެއް ހާމަ ކުރައްވާފައެއް ނުވެއެވެ.