ކޯވިޑްގެ ހާލަތު މެނޭޖު ކުރުމަށްޓަކާއައި ނަގާފައިވާ ލޯންތަކުގެ ސަބަބުން ރާއްޖޭގެ ދަރަނި އިންތިހާއަށް މަތިވެގެން ގޮސްފައިވާ ކަމަށާއި، ތަކެތީގެ އަގު އިންތިހާއަށް އުފުލި، ރިޒާވަށް ބާރުވެފައިވާ ކަމަށް އައިއެމްއެފްއިން ބުނެފިއެވެ.
އައިއެމްއިން މިހެން ބުނެފައިވަނީ ފާއިތުވެދިޔަ މަހުގެ 21 އިން 29އަށް އެ އިދާރާގެ ވަފުދަކުން ރާއްޖެއަށް ކުރި ދަތުރަށްފަހު ތައްޔާރު ކުރި ރިޕޯޓުގައެވެ.
އައިއެމްއެފް ރިޕޯޓުގައި އިންޒާރު ދީފައިވާ ގޮތުގައި ދުނިގެ އިގްތިސާދަށްވެސް މިހާރު ކުރަމުންދާ ނޭދެވޭ އަސަރު ރާއްޖޭގެ އިގްތިސާދަށްވެސް ކުރާނެއެވެ. އަދި މުޅި ދުނިޔޭގެ އިންފްލޭޝަންއަށް އަންނަމުންދާ ނުރަގަޅު ބަދަލުތަކާއެކު، ރާއްޖޭގެ އިންފްލޭޝަންވެސް ތިން އިންސައްތައަށް އުފުލި، ތަކެތީގެ އަގަށް އަންނަމުންދާ މި ނުރަގަޅުގެ ބަދަލުގެ ސަބަބުން ރިޒާވުން ކުރާންޖެހޭ ބޮޑުވާނެ ކަމުގައެވެ.
އައިއެމްއެފްގެ ރިޕޯޓުގައި ވާގޮތުން ރާއްޖޭގައި ޑޮލަރުގެ ތާށިކަން އިންތިހާއަށް ބޮޑުވެ، ކަޅު ބާޒާރުގައި ޑޮލަރުގެ އަގުތައް ދަނީ އުފުލެމުންނެވެ. އަދި ކޮވިޑާއި ގުޅިގެން ނަގާފައިވާ ބޮޑެތި ލޯތްތަކާއެކު، ރާއްޖޭގެ ދަރަނި ދެއްކުމުގެ ރިސްކުވެސް ވަރަށް މައްޗަށް ގޮސްފައިވާ ކަމަށްވެސް މި ރިޕޯޓުގައި ފާހަގަ ކޮށްފައި ވާއިރު، މިގޮންޖެހުންތަކުން އަރައިގަތުމަށްޓަކާ ރާއްޖެއިން ޚާއްސަ އުސޫލުތަކެއް އެކުލަވާލަންޖެހޭކަމަށް އެއިދާރާއިން ބުނެފައި ވެއެވެ.
މީގޮތުން، އިންތިހާއަށް މަތިވެފައިވާ ދަައުލަތުގެ ދަރަނި މެނޭޖްކޮށް، ޚަރަދުތައް ހަމަޖެއްސުމަށްޓަކާ މިހާރަށްވުރެ ހަރުދަނާ އުސޫލުތަކެއް ހަމަޖެއްސުމުގެ އިތުރުން ދައުލަތުން ފޯރުކޮށްދޭ ސަބްސިޑީސްތައްވެސް އޭގެ ހައްގުވެރީންނަށް ފޯރު ކޮށްދިނުމުގައި މިހާރަށްވުރެ ހަރުދަނާ އުސޫލުތަކެއް އެކުލަވާލުމަށް އައިއެމްއެފްއިން ސަރުކާރަށް ގޮވާލާފައި ވެއެވެ.
ދައުލަތުން ފޯރުކޮށްދޭ ސަބްސިޑީސް ދޭ އުސޫލުތައް ހަރުދަނާ ކުރުމަށް އައިއެމްއެފްއިން ގޮވާލާފައި ވާއިރު، މިއަހަރުގެ މިނިވަން ދުވަހުގެ މުޒާސަބަތުގައި ގައުމާ މުޚާތަބްކޮށް ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވިދާޅުވެފައިވަނީ ދައުލަތުން ފޯރުކޮށްދެމުންދާ ތެލުގެ ސަބްސިޑީސް އޭގެ ހައްގުވެރީންނަށް ފޯރުކޮށް ދިނުމުގެ ގޮތުން، ސަރުކާރުން ސްބަސިޑީސް ފޯރުކޮށްދޭ އުސޫލުތައް އަލުން މުރާޖައާ ކުރަމުންދާ ކަމުގައެވެ.
މި ޚިތާބުގައި ރައީސް ސާލިހު ވިދާޅުވެފައިވަނީ ތެލުގެ ސަބްސިޑީއަށް އަންދާޒާ ކޮށްފައި ހުރި މިންވަރަށްވުރެ ކުރެވިފައިވާ ޚަރަދު އެތައް ގުނައަކުން މަތިވެއްޖެ ކަމަށާއި، މިއަހަރު މުޅި އަހަރަށް ބެޖެޓް ކުރެވުނު ތެލުގެ ސަބްސިޑީގެ މިންވަރަކީ 341.5 މިލިއަން ރުފިޔާ ކަމުގައެވެ.
މިގޮތުން، ކުރެޗެމުންދާ ރަޝިއާ ޔޫކުރެއިން ހަގުރާމައާއި ގުޅިގެން ތެލުގެ އަގު އެތައް ގުނައެއް މައްޗަށް ދިއުމުގެ ސަބަބުން މިދިޔަ ޖޫންމަހުގެ ނިޔަލަަށް ޖުމްލަ 910.3 މިލިއަން ރުފިޔާ ތެލުގެ ސަބްސިޑީއަށް އެކަނި ޚަރަދު ކުރެވިއްޖެކަން ހާމަކުރައްވަމުން ރައީސް ސާލިހު ވިދާޅުވެފައިވަނީ، މިހާރު ލަފާކުރެވޭ ގޮތުން މިއަހަރުގެ ނިޔަލަށް މިހާލަތުގައި ދާނަމަ، ޖުމަލް 1.95 ބިލިއަން ރުފިޔާ ތެލުގެ ސަބްސިޑީއަށް ސަރުކާރުން ޚަރަދުކުރަން ޖެހޭނެ ކަމުގައެވެ.
ރައީސް ސާލިހު ވިދާޅުވި ގޮތުގައި ކުރިޔަށްދާ ހަގުރާމައި ކުރިމަތިވެދާނެ ގޮންޖެހުމަކަށް ތައްޔާރުވެ ތިބުމަކީ ކުރާންޖެހޭ ކަމެއްކަމުގައެވެ. މިގޮތުން ސަރުކާރުން ދޭ ތެލިގެ ސަބްސިޑީ އެންމެ ބޭނުން ޖެހިފައިވާ ރައްޔިތުންނަށް ލިބޭނެގޮތަށް ސަބްސިޑީގެ ސިޔާސަތު ބަދަލު ކުރުމަކީ މުހިންމުކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމުގައެވެ.
އައިއެމްއެފްގެ ރިޕޯޓުގައި ދައުލަތަށް އިތުރު އާމްދަނީ ހޯދޭނެ ގޮތްތަކާބެހޭގޮތުން ވިސްނުމަށް ސަރުކާރަށް ގޮވާލާފައިވާއިރު، ސަރުކާރުން މިހާރު ނިންމާފައިވަނީ އަންނަ އަހަރުން ފެށިގެން މިހާރު ނަގަމުންދާ ޖިއެސްޓީއައި ޓީޖީއެސްޓީ ބޮޑު ކުރުމަށެވެ.
އެހެންނަމަވެސް އައިއެމްއެފްއިން ކުރިން ބުނެފައިވަނީ މިވަގުތަކީ މުޅި ދުނިޔޭގެ އިންފްލޭޝަންވެސް މަތިވަމުންދަ ދަނޑިވަޅެއްކަމުން، މިއީ ޓެކްސް ބޮޑުކުމުގެ ވާހަކަ ދައްކަންވީ އެންމެ ރަގަޅު ދަނޑިވަޅު ނޫންކަމުގައެވެ.
ކޮމެންޓު ފޮނުވާ