ވަކި ބައެއްގެ ފަލްސަފާއަކީ އިސްލާމްދީނުގެގެ ހުކުމެއްކަމަށް ބަލައިގަންނަން ދަތިކަމަށް ވިދާޅުވެ، ޔޯގާއި ގުޅޭގޮތުން އަދާލަތު ޕާޓީގެ ޢިލުވެރިން ނެރުއްވި ފަތުވާއަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ފާޑުވިދާޅުވެއްޖެއެވެ.
ޔޯގާގެ އަސްލަކީ ހިންދޫ ދީނުގެ އެއްޗެއްކަމަށް ވިދާޅުވެ، އަދާލަތުގެ ދީނީ ޢިލުވެރިންވެސް ވަނީ އެއީ ހަރާމްކަމެއްކަމަށް ފަތުވާ ނެރުއްވާފައެވެ. އެކަމަށް ފާޑުވިދާޅުވެ ރައީސް ނަޝީދު ވިދާޅުވީ ޔޯހާއަކީ ޝިރުކެއްކަން ދަންނަބޭކަލުންގެ އިޖުމާޢުއެއް ނެތްކަމަށެވެ. ވަކި ބައެއްގެ ފަލްސަފާއަކީ އިސްލާމް ދީނުގެ ޙުކުމެއްކަމަށް ބަލައިގަންނަން ދަތިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
Yoga akee shirukeh kan dhannabeykalunge ijmau eh neh. Vaki baehge falsafaa akee Islam dheenuge hukumeh kamah balaiganan dhathi.
— Mohamed Nasheed (@MohamedNasheed) July 26, 2022
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު، "އިސްލާމީ ފިގުހުވެރިންގެ މީޒާނުގައި "ޔޯގާ" މިނަމުގައި އަދާލަތުގެ އިލްމުވެރިންގެ މަޖިލީހުން ރޭ އާންމުކުރި ކަރުދާހުގައި ވަނީ ޔޯގާ އާއި ގުޅޭ މައިގަނޑު ތިން ރަޢުޔެއް އޮތްކަމަށެވެ. އޭގެތެރެއިން 2 ރަޢުޔަކީ ޔޯގާ ހަރާމްކަމަށްނިންމާފައިވާ ރަޢުޔުކަމަށާއި، އަނެއް ރައުޔުގައިވާ ޝަރުތުތަކާ އެކު ޔޯގާ ހަދާނަމަ ހަގީގަތުގައި ޔޯގާއަށް ނުވާނެކަމަށް ޢިލްމުވެރިންގެ މަޖިލީހުގެ ކަރުދާހުގައިވެއެވެ.
މައްސަލައިގެ ތިން ރައުޔަށް ނަޒަރު ހިންގާލާ ވިސްނާލުމުން ފާހަގަވާ ކަންކަންކަމަށް މި ކަރުދާހުގައި ބަޔާންކޮށްފައިވާ ކަންކަމަކީ:
- ޔޯގާގެ އަސްލު ކަމުގައި ހިންދޫ ދީނުގެ މަފްހޫމުގައި ވާ ޔޯގާ ހެދުން މުސްލިމަކަށް ހުއްދަ ނުވާނެކަމާއި އެއީ ކަންޑައެޅިގެން އިސްލާމްދީނާ ޚިލާފު ކަމެއްކަމަށް ހުރިހާ ޢިލްމުވެރިން އިއްތިފާޤުވެއެވެ.
- ތިންވަނަ ރައުޔުގައިވާ ޤައިދު ނުވަތަ ޝަރުޠުތައް ގެނައުމުން ޔޯގާގެ އަސްލު ގެއްލި އެއީ ޔޯގާގެ މާނައިން ބޭރުގެ ހަރަކާތްތަކެއްކަމަށް ވެދެއެވެ. އަދި ޔޯގާ ހުއްދަވަނީ ކަމުގައި ބުނުމަށްވުރެ ޔޯގާގެ ނަމުގައިވާ ހަރަކާތްތަތަކެއް ހުއްދަ ވަނީ ކަމުގައި އެނގިގެންދެއެވެ. މިރައުޔުގެ ނަތީޖާއަކީ ހިންދޫދީނުގެ މަފްހޫމުގެ ޔޯގާއާއި ހުޅަނގުގެ މަފްހޫމުގެ ޔޯގާވެސް ހުއްދަ ނުވުމުވެ. އެހެންކަމުން ފުރަތަމަ ރައުޔާއި ތިންވަނަ ރައުޔުގެ ނަތީޖާގައި ތަފާތެއް ނެތްކަން އެނގިގެންދެއެވެ.
- މައްސަލައިގެ މަޙައްލުއް ނިޒާއަކީ (އިޚްތިލާފުވާ ނުކުތާއަކީ) ހިންދޫ ދީނުގެ މަފްހޫމާއި އިޢުތިޤާދުން ބޭރުވެ ހުޅަނގުގެ މަފްހޫމުގައިވާ ޔޯގާ ހެދުން މުސްލިމަކަށް ހުއްދަވޭތޯ ނުވަތަ ނުވޭތޯއެވެ؟
ޔޯގާ ހެދުން ނުވަތަ ހެދުމުގައި ބައިވެރިވުން ހުއްދަނުވާނެ ސަބަބުތައްކަމަށް ޢިލްމުވެރިންފާހަގަކޮށްފައިވާ އެންމެ މުހިންމު އެއްކަމަކީ އެ ޢަމަލުގެ ތެރޭގައި ޝިރުކުގެ ޢަމަލު ހިމެނޭތީއެވެ.
ޔޯގާގެ ޙަރަކާތްތަކާއި ޢަމަލުތަކުގެ ތެރޭގައި އިސްލާމީ ޢަޤީދާއާ ފުށުއަރާ، ކަނޑައެޅިގެން ޝިރުކުގެ ޢަމަލު ހިމެނެއެވެ. އެހެނީ އޭގައި އިރުގެ ނަންތައް ކިޔާ، އިރަށް ތަޢުޡީމުކޮށް ކުރުނީސްކުރުމުން، މާތް ﷲ ފިޔަވާ އެހެން ފަރާތެއް އަޅުކަން ކުރުމުގައި ބައިވެރި ކުރެވެއެވެ. އަދި ހިންދޫ ކަލާނގެއަށް ދެންނެވުމާއި ހިންދޫ ކަލާނގެ މަތިވެރި ކުރުން ހިމެނެއެވެ. އެވެސް ޝައްކެތްނެތްގޮތުގައި މާތްﷲ އާ އެހެން މަޚުލޫޤަކާއި ބައިވެރިކުރުން ނުވަތަ އެއްފަދަ ކުރުމަކީ ޝިރުކުގެ ޢަމަލެކެވެ. އަދި ބާޠިލް ކަލާނގެއެއް މަތިވެރި ކުރުމަކީ ޝިރުކުގެ ތެރެއިން ވާކަމެކެވެ. އަދި އިރަށް ބޯލަނބާ މާތްﷲއަށް ދޭ ޤަދަރު ދިނުމަކީވެސް ޝިރުކެވެ. މިހުރިހާ ކަމެއް ޔޯގާގެ ތެރޭގައި ހިމެނިގެން ވެއެވެ. މާތްﷲ ވަނީ އެއިލާހަށް ޝިރުކު ކުރުން ވަރުގަދައަށް މަނާކުރައްވާ ނަހީކުރައްފައެވެ. އަދި ޝިރުކު ކުރާ މީހާގެ އެންމެހާ ޢަމަލުތައް ބާޠިލުވާނެކަމަށް އަންގަވާފައެވެ.
– ޔޯގާއާއި ގުޅޭގޮތުން އަދާލަތުގެ ޢިލްމުވެރިން އެކުލަވާލި ކަރުދާހުގައިވެއެވެ.
މީގެ އިތުރުން ޔޯގާއަކީ ހިންދޫ ދީނުގެ އަޅުކަމެއްކަށް އެއްވެސް ޝައްކެތްނެތް މިންވަރަށް ޔަޤީންވާކަމަށާ
އި، އަދި ހިންދޫން ފިޔަވާ އެހެން މީހުންނަށްވެސް މިކަން ތަޢާރަފް ވެފައިވަނީ ހިންދޫންގެ ފަރާތުންކަމަށް ބުނެފައިވެއެވެ. އެހެންކަމުން ޔޯގާ ހެދުން ވެގެންދަނީ ހިންދޫ ދީނުގެ ތެރެއިންކަމަށާއި، ނުވަތަ ހިންދޫ ދީނަށް އަޅުކަން ކުރާ މީހުންނާއި އެއްގޮތްވުންތަކެއް ހިމެނޭ ކަމެއްގެ ގޮތުގައިކަމަށް މި ކަރުދާހުގައިވެއެވެ. މި ދެކަންތައްވެސް ވަނީ އިސްލާމްދީނުގައި ވަރުގަދައަށް މަނާކުރައްވާ ޙަރާމް ކުރައްވާފައިކަމަށް ޢިލްމުވެރިން ވިދާޅުވެފައިވެއެވެ.
ޔޯގާއާއި ގުޅޭގޮތުން އަދާލަތުގެ ޢިލްމުވެރިންގެ މަޖިލީހުން ދިރާސީ ކަރުދާހެއް ނެރެފައިމިވަނީ ބައިނަލްއަޤްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް މިދިޔަ މަހުގެ 21ގައި ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގިކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރކޮށްފައިވަނިކޮށެވެ. އެ ހަރަކާތަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި 21 މީހަކު ހައްޔަރުކުރިއެވެ. އޭގެތެރޭގައި ދީނީ ބައެއް ޢިލްމުވެރިންވެސް ހިމެނެއެވެ.
މިއާއެކު ހޯމް މިނިސްޓަރ އަދި އަދާލަތު ޕާޓިގެ ރައީސް ޢިމްރާން ޢަބްދުﷲއަށް ޢިލްމުވެރިންނާއި އާންމުންގެ ގިނަ ފާޑުކިޔުންތަކެއް އަމާޒުވިއެވެ. ޔޯގާ ހަރަކާތާއި ގުޅޭގޮތުން އަދާލަތު ޕާޓީގެ ޢިލްމުވެރިންގެ ދިރާސީ ކަރުދާހެއް އެކުލަވާލުމާއި ގުޅިގެން ޢިމްރާން ވިދާޅުވެފައިވަނީ އެއީ ވަރަށް ރަނގަޅު ޢިލްމީ މަސައްކަތެއްކަމަށެވެ.