ސިޔާސީ ރޭހުގައި ކާމިޔާބު ހޯދޭނެ ގޮތް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވެދެއްވައިފިއެވެ.
ފަހަކަށް އައިސް ތަފާތު ޓްވީޓްތަކެއް ކުރައްވަމުން ގެންދަވާ މިނިސްޓަރ ޢިމްރާންގެ ޓްވީޓްތައް ބޮޑަށް ފާހަގަކުރެވެނީ އަމިއްލަފުޅު ޕާޓީއާއި އަމިއްލަފުޅު ހައިސިއްޔަތުގެ ކަންކަން ދިފާޢުކުރެއްވުމުގައެވެ.
މިފަހަރު ކުރެއްވި ޓްވީޓްގައި މިނިސްޓަރ ޢިމްރާން ވިދާޅުވީ ސިޔާސީ ރޭހުގައި ދުރުރާސްތާ ކާމިޔާބީއެއް ހޯދޭނީ ތިމާގެ އަމިއްލަ މަސްލަހަތަށްވުރެ ދީނާއި ޤައުމާއި ރައްޔިތުންގެ މަސްލަހަތު އިސްކުރާ މީހަކަށް ނުަވަތަ ބަޔަކަށް ކަމަށެވެ.
Siyasee reyhugai dhururaastha kaamiyaabee’eh hoadheynee thimaage amilla maslahathahvure dheena,qauma,rayyithunge maslahathu iskura meehakah nuvatha bayakah.
— Imran Abdulla (@ShimranAb) July 23, 2022
މިނިސްޓަރ ޢިމްރާން މި ޓްވީޓް ރައްދުކުރެއްވީ ކޮންކަމަކަށް ނުވަތަ ބަޔަކަށްކަމެއް ސާފެއް ނުވެއެވެ. މިނިސްޓަރގެ މި ޓްވީޓަށް ރައްދު ދެއްވި ބައެއް މީހުން ވަނީ އެއީ މިނިސްޓަރ ޢިމްރާން ވިދާޅުވެ ނުދެއްވިނަމަވެސް އެނގޭ ކަންކަންކަމަށެވެ. އަދި ބައެއް މީހުން ވަނީ މިނިސްޓަރ ޢިމްރާންގެ އެ ވާހަކަތައް ރައްދު ކުރައްވަނީ އަމިއްލަފުޅު ނަފްސާތޯވެސް ސުވާލު ކުރައްވާފައެވެ.
ބައިނަލްއަޤްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތަށް ހުރަސްއަޅައި ހަމަނުޖެހުން ހިންގިކަމުގެ ތުހުމަތުގައި ދީނީ ބައެއް ޢިލްމުވެރިން ހައްޔަރުކުރުމާއި، އެއްޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތުކުރެވޭ މީހުން ހައްޔަރުކޮށްފައި ނުވާތީ މިނިސްޓަރ ޢިމްރާނަށާއި، ސަރުކާރަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.
ކޮމެންޓު ފޮނުވާ