އާސަންދަގެ ބަޖެޓު ހުސްވެ އިތުރަށް ޚަރަދުކޮށްފި

އާސަންދަގެ ބަޖެޓު ހުސްވެ އިތުރަށް ޚަރަދުކޮށްފި

ގުޅުންހުރި

ސރުކާރުގެ ހިލޭ ބޭސްފަރުވާގެ ނިޒާމް، އާސަންދައަށް މިއަހަރަށް ދިން ބަޖެޓު ހުސްވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީން ޢާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުގައިި މިއަހަރު އާސަންދައިގެ ޚަރަދުތަކަށް ދީފައިވަނީ 730.9 މިލިއަން ރުފިޔާއެވެ. ނަމަވެސް މިއަހަރުގެ މިހާތަނަށް އެކުންފުނިން ވަނީ 874.6 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ.

މީގެ ކުރިން އާސަންދައަށް ކަނޑައަޅާ ބަޖެޓުތަކަށްބަލާއިރު ދެ ބިލިއަން ރުފިޔާ ދެއެވެ. ނަމަވެސް އެ ޢަދަދު ކުޑަކޮށްފައިވަނީ އާސައިގެ ޚަރަދުތައް ކުޑަކުރުމަށް ކުރާ މަސައްކަތުންނެވެ. ޚައްޞަކޮށް ރާއްޖެއިން ބޭރަށް އާސަންދައިން ބޭސްފަރުވާ ހޯދަންޖެހޭ ބަލިތަކަށް ރާއްޖެއިން ފަރުވާ ލިބޭނެ އިންތިޒާމް ހަމަޖެއްސުން ހިމެނެއެވެ.

އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މަރިޔަމް ޝަފީގް މީގެ ކުރިން މަޖިލީހުގެ ކޮމިޓީގައި ވިދާޅުވީ، އަދިވެސް އާސަންދަ ސްކީމަކީ އެންމެ ފުރިހަމަކޮށް އޮތް ސްކީމެއް ނޫންކަމަށެވެ. އަދި މިކަން އިސްލާޙުކުރުމުގައި ގޮންޖެހުންތައްވެސް ހުރިކަމަށް އޭނާ ވިދާޅުވިއެވެ. މަރިޔަމް ޝަފީޤް ވިދާޅުވީ އަމިއްލަ ހޮސްޕިޓަލްތަކުން ކުރާ ބޮޑެތި އޮޕަރޭޝަންތަކަށް، އާސަންދައިގެ ވީހާވެސް ބޮޑު ކަވަރޭޖެއް ހޯދައިދިނުމަށް 2019އިން ފެށިގެން އެހޮސްޕިޓަލްތަކާއެކު މުހިންމު މަސައްކަތްތަކެއް ފަށާފައިވާކަމަށެވެ.

އަލަށް ރާއްޖެއަށް ތައާރަފްވަމުންއަންނަ އެކިއެކި ސިއްޙީ ޚިދުމަތާއި އޮޕަރޭޝަންތައް އާސަންދައިގެ ދަށުން ކަވަރުކުރުމަށް އިތުރު 90 ޕެކޭޖް، އޭޑީކޭއާއި ޓްރީޓޮޕް ހޮސްޕިޓަލްގެ ޚިދުމަތަށް އިތުރުކޮށްފައިވާކަމަށް މަރިޔަމް ޝަފީގު ވިދާޅުވިއެވެ. މީގެތެރޭގައި ކަށީގެ އެކި އޮޕަރޭޝަންތައް ހިމެނެއެވެ.

މަރިޔަމް ޝަފީޤް އެންމެބޮޑަށް ފާހަގަކޮށްފައިވާ ކަމަކީ، އަމިއްލަ ޚިދުމަތްދޭ ތަންތަނުން އަގުތަކަށް ގެންނަ ބަދަލުތައް ބަލައި ރިވިއުކުރެވޭނެ ގޮތެއް ނެތުމެވެ. އަދި އަގުތައް ބޮޑުކުރާ އުސޫލު ބެލޭނެ އެކަށީގެންވާ ގޮތެއް ނެތުމެވެ.

މަރިޔަމް ޝަފީޤް ވިދާޅުވީ ބައެއް ކަހަލަ ބަލިތަކުގެ ފަރުވާއަށް އާސަންދަ ކަވަރޭޖްގެ އަގުތައް ހެދުމުގައިވެސް ގޮންޖެހުންތައް ހުރިކަމަށެވެ. އެގޮތުން ނާރުގެ ބަލިތަކުގެ އޮޕަރޭޝަންތައްފަދަ، އަލަށް ރާއްޖެއަށް ތަޢާރަފްވަމުންދާ ފަރުވާތަކުގެ އަގު އަދިވެސް ނެހެދި ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ. މިއީ ކަންބޮޑުވާ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ. މިފަދަ މަސައްކަތްތަކުގައި ކްލިނިކްތަކުގެ އެއްބާރުލުން ހޯދަމުން ތަކުރާރުކޮށް އެދެމުން އަންނަކަމަށް މަރިޔަމް ޝަފީޤް ވިދާޅުވިއެވެ.

މަރިޔަމް ޝަފިޤް ވިދާޅުވީ އާސަންދައިގައި ހުރި މައްސަލަތައް ޙައްލުކުރުމަށް އެންސްޕާ އަދި ފިނޭންސް މިނިސްޓްރީއާއެކުވެސް މަޝްވަރާކުރަމުންދާކަމަށެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ