ރާއްޖޭގައި ނަގާ ޓެކުހަކީ ނިސްބަތު ކުޑަ ޓެކުހެއް ކަމަށާއި، އެހެންކަމުން މިހާރު ނަގަމުންދާ ޖީއެސްޓީ ބޮޑު ކުރަންޖެހިފައި ވި ނަމަވެސް، މިއީ އެންމެ ކުޑަމިނުން ޓެކްސް ބޮޑުކުރުމުގެ ވާހަކަވެސް ދައްކަންވީ ދަނޑިވަޅު ނޫންކަމުގައި އައިއެމްއެފްއިން ބުނެފިއެވެ.
މިހާރު ނަގަމުންދާ ޖީއެސްޓީއާއި ޓީޖީއެސްޓީ އަންނަ އަހަރުން ފެށިގެން ބޮޑުކުރުމަށް ސަރުކާރުން ނިންމާފައިވާއިރު، ރާއްޖޭގައި މިހާރު ނަގަމުންދާ ޓެކްއަށް ބަދަލު ގެނައުމާއި ގުޅޭގޮތުން ފާއިތުވި މާރޗްމަހުގެ ތެރޭގައި، ސަރުކާރަށް ލަފާ ދިނުމުގެ ގޮތުން އައިއެމްއިން ތައްޔާރު ކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ، މިދުވަސްވަރަކީ ބާޒާރުގައި ތަކެތީގެ އަގު އިންތިހާއަށް އުފުލެމުންދާ ދަނޑިވަޅެއްކަމަށް ވުމާއެކު މިއީ ރާއްޖޭގައި މިހާރު ނަގަމުންދާ ޓެކުހަށް ބަދަލު ގެންނާންވީ ދަނޑިވަޅެއް ނޫންކަމުގައެވެ
އަދި ރާއްޖެއިން ޓެކުހަށް އެންމެ އަވަސްކޮށްވެސް ބަދަލު ގެނައުމަށް އެންމެ ރަގަޅު ދަނޑިވަޅަކީ އަންނަ 2024 ވަނަ އަހަރު ކަމުގައިވެސް މިރިޕޯޓުގައި ބުނެފައި ވެއެވެ. ސަބަބެއްކަމުގައި މި ރިޕޯޓުގައި ލަފާ ދީފައިވަނީ، ޖީއެސްޓީއަށް ބަދަލު ގެންނައިރު، ކޯވިޑްގެ ކުރީގެ ހާލަތަށް އިގްތިސާދު ރުޖޫޢަ ވެފަައިވާކަން ޔަގީން ކުރުމަކީ މުހިންމު ކަމަށްވާތީއެވެ. އަދި އޭގެ އިތުރުން ޓެކުހަށް ބަދަލު ގެނައުމުގެ ކުރިން ތެކެތީގެ އަގު އެއްވަރެއްގައި ހިފެހެއްޓިފައި ވޭތޯވެސް ޔަގީން ކުރަން ޖެހޭ ކަމުގައިވެސް އައިއެމްއެފްއިން ސަރުކާރަށް ލަފާ ދީފައި ވެއެވެ.
މި ރިޕޯޓުގައި އައިއެމްއިން ބުނެފައިވާ ގޮތުގައި، މުދަލުގެ އަގު އިންތިހާއަށް އުފެލެމުން ދާއިރު، ޓެކްސް ބޮޑު ކުރުމުގެ ވާހަކައަކީވެސް ދެއްކުން ރަގަޅު ވާހަކައަކަށް ނުވާއިރު، މިވަގުތަށް އެންމެ ރަގަޅީ ޓެކްސް ބޮޑުކުރަން ސަރުކާރުން ބޭނުންވާކަން އިއުލާން ކުރުންވެސް މަޑު ޖައްސާލުމަށެވެ. ސަބަބަކީ ޓެކުހައަށް ބަދަލު އަންނާނޭކަމުގެ ވާހަކައަކީވެސް މުދަލުގެ އަގަށް އޭގެ ނޭދެވޭ އަސަރު ކުރާނޭ ކަމަކަށް ވާތީކަމުގައިވެސް މި ރިޕޯޓުގައި ބަޔާން ކޮށްފައި ވެއެވެ.
އައިއެމްއެފް ފާއިތުވެދިޔަ މާރޗްމަހު 16ގައި ޝާއިއު ކޮށްފައިވާ ރިޕޯޓުގައި ބުނެފައިވާ ގޮތުން، ރާއްޖޭގައި ނިސްބަތުން ނަގަމުންދާ ޖިއެސްޓީ ކުޑައެވެ. އަދި އެ މުވައްސަސާއިން ލަފާ ދީފައިވަނީ ޖިއެސްޓީ %10 އަށް ބޮޑު ކުރުމަށެވެ. މި ނިސްބަތަށް ޖިއެސްޓީ ބޮޑު ކުރާއިރު، އެއްފަހަރާ ޓެކްސް ބޮޑު ކުރުމުގެ ބަދަލުގައި ހުށަހަޅާފައިވަނީ ޝެޑިއުލްއަކާ އެއްގޮތަށް އަހަރުތަކަކަށް ބަހާލައިގެން ޓެކުހަށް ބަދަލު ގެނައުމަށެވެ.
މިގޮތުން، އެންމެ ފުރަތަމަ ޖިއެސްޓީ %8 އަށް ބޮޑުކޮށް، ޓީޖީއެސްޓީ ބަހާލައިގެން %15 ބޮޑު ކުރެވިދާނެކަމަށްވެސް ރިޕޯޓުގައި ބުނެފައި ވެއެވެ. އަދި ޓީޖީއެސްޓީއަށް ބަދަލު ގެންނައިރު، ފުރަތަމަ %12 އަށް އަދި އެއަށްފަހު %14 އަށް ބަދަލު ގެނެވިދާނެކަމަށްވެސް މި ރިޕޯޓުގައި ބުނެފައި ވެއެވެ. އެއަށްފަހު ޓީޖީއެސްޓީ %15 ބޮޑު ކުރުމަށް އައިއެމްއެފްއިން ރިޕޯޓުގައި ބުނެފައިވާއިރު، ރިޕޯޓުގައި ބުނެފައިވަނީ އެންމެ ރަގަޅު އުސޫލަކީ ޖީއެސްޓީއާއި ޓީޖީއެސްޓީވެސް މުސްތަގުބަލުގައި އެއްހަމަ ކުރުން ކަމުގައެވެ.
ސަރުކާރުން ވަނީ މިހާރު ނަގަމުންދާ ޖިއެސްޓީ %6 އިން %8 އަށް، އަދި ޓީޖީއެސްޓީ %12 އިން %16 އަށް ބޮޑު ކުރުމަށް ނިންމާފައެވެ. އެހެންނަމަވެސް ފަތުރުވެރިކަމުގެ ސިޔާއަތުންވެސް ވަނީ މި ބަދަލާއި ގުޅޭގޮތުން ކަންބޮޑުވުން ފާޅު ކޮށްފައެވެ.
ބައެއް މީޑިއާތަކުން، ފިނޭންސް މިނިސްޓަރު އިބުރާހިމް އަމީރުއާއި ހަވާލާދީ ރިޕޯޓު ކޮށްފައިވާ ގޮތުގައި އައިއެމްއެފްގެ މި ރިޕޯޓަކީ ސަރުކާރުގެ އެދުމަށްކަށް އެ މުވައްސަސާއިން ތައްޔާރު ކޮށްފައިވާ ރިޕޯޓެކެވެ.
އެހެންނަމަސް ސަރުކާރުން ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމަށް ނިންމި އިރު، އައިއެމްއެފްއިން ދީފައިވާ ލަފާގެ އެއްވެސް ތަފްސީލެއް އާންމުންނާއި ހިއްސާ ކޮށްފައެއް ނުވެއެވެ.