ލަންކާގެ ރައީސް ގޮޓާބަޔަ ރާޖަޕަކްސަ ރާއްޖެއިން ފުރާވައިޑައިގެންފިއެވެ.
ފިއްލަވައިގެން އަސްކަރީ ބޯޓެއްގައި ރާޢްޖެ ވަޑައިގަތުމަށްފަހު ރިސޯޓެއްގައި އެއްދުވަސް ހޭދަ ކުރެއްވުމަށްފަހު ގޮޓާބަޔަ ފުރާފައިވަނީ މިއަދު ހެނދުނު 11:30ގައި ސައުދީއެއާލައިންގެ ފްލައިޓަކުންނެވެ. އެއާޕޯޓުުން ގޮޓާބަޔައަށް އަލްވަދާޢު ވިދާޅުވީ އެމަނިކުފާނު ރާއްޖެ ގެނައުމަށްވެސް އެންމެ ބޮޑު އެއްބާރުލުމެއް ދެއްވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، އެމަނިކުފާނަށް ތާއީދު ކުރައްވާ މަޖިލީހުގެ ބައެއް މެމްބަރުންނެވެ.
ގޮޓާބަޔަ ވަޑައިގަންނަވާ ވަގުތާ ދިމާކޮށް ވީއައިއޭގެ ސެކިއުރިޓީ ވަރަށް ބޮޑަށް ވަރުގަދަ ކުރިއެވެ. ސައުދީއެއާލައިން ދަތުރު ކުރަނީ މާލެ އިން މެލޭޝިޔާގެ ކުއަލަލަމްޕޫރަށް އަދި ކުއަލަލަމްޕޫރުން ސައުދީގެ ޖިއްދާ އަށެވެ. މިދަތުރު ހަމަޖެހިފައި އޮތް ގޮތެއް ސާފެއް ނުވިއެވެ. ގޮޓަބަޔާ ވަޑައިގަންނަވަނީ ސިންގަޕޫރަށް ކަމަށާ އެ ގައުމުން އެމަނިކުފާނަށް ހިމާޔަތް އަރުވާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މެލޭޝިޔާއަށް ވަޑައިގަތުމަށް ފަހު އެ ގައުމުން ސިންގަޕޫރަށް ވަޑައިގަންނަވަނީ ކަމެއް ނުވަތަ މެލޭޝިޔާގައި މަޑުނުކުރައްވާ ސައުދީ އަަށް ވަޑައިގަންނަވަނީ ކަމެއް ޔަގީނެއް ނޫނެވެ.
ސަލާމަތީ ސަބަބުތަކަކަށްޓަކައި ޕްރައިވެޓް ޖެޓެއްގައި ދަތުރުކުރައްވަން ނިންމަވާފައިވާ ކަމަށް ރިޕޯޓްތައް ބުނި ނަމަވެސް އޮފިޝަލް ވިދާޅުވި ގޮތުގައި އެއީ ދަތުރުފުޅުގެ މައުލޫމާތު އޮޅުވާލެއްވުމަށް ގަސްތުގައި ފެތުރި ވާހަކަތަކެކެވެ. އަދި ގޮޓަބަޔާ ފުރުއްވަން މިއަދު ހެނދުނު ޖެޓެއް ވީއައިއޭގައި ޖެއްސި ކަމަށް ބުނާ ހަބަރަކީ ސައްހަ ހަބަރެއް ނޫން ކަމަށެވެ.
ގާތްގަނޑަކަށް 20 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ސްރީ ލަންކާގެ އިގްތިސާދު ވެއްޓި ގައުމުގެ ހާލަތު ވަރަށް ގޯސްވެފައި އޮއްވާ އަނބިކަނބަލުންނާއި ދެ ބޮޑީގާޑުންނާއެކު ގޮތަބަޔާ ރާއްޖެ ވަޑައިގަތީ އަންގާރަ ދުވަހުގެ ދަންވަރު 2:50 ގައި އަސްކަރީ އުޅަނދެއްގައެވެ.
އިއްޔެ ބޭއްވި އޯލް ޕާޓީ ޓޯކްސްގައި ގާނޫނު ހަދާ މަޖިލީހުގެ ރައީސް ވިދާޅުވެފައި ވަނީ ގޮތަބަޔާ 13 ވަނަ ދުވަހުގެ ދަންވަރު 12:00 ޖެހުމުގެ ކުރިން އިސްތިއުފާ ދެއްވާނެ ކަމަށް އޭނާ އަރިހު ފޯނުން ގުޅުއްވައި ވިދާޅުވެފައިވާ ކަމަށެވެ. ނަމަވެސް އެ ސިޓީ ރޭ ލިބިފައިނުވާކަން މަޖިލީހުން ޔަގީންކޮށްދެއެވެ.
ގޮތަބަޔާއަށް ރާއްޖެ ވަޑައިގަތުމުގެ އިންތިޒާމްތައް ހަމަޖެއްސުމުން ސަރުކާރަށް އެތެރެއިންނާއި ބޭރުން ދަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވަމުންނެވެ. އަދި އިއްޔެ ރާއްޖޭގައި އުޅޭ ސްރީ ލަންކާގެ ރައްޔިތުން ވަނީ މާލޭގައި މުޒާހަރާއެއްކޮށް ލަންކާ ރައްޔިތުންނަށް އިންސާފު ނުލިބޭނެ ގޮތަކަށް އަމަލު ނުކުރުމަށް ދިވެހި ސަރުކާރަށް ގޮވާލައިފައެވެ.
ގޮތަބަޔާ ރާއްޖެ ވަޑައިގެން އުޅުއްވާއިރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހައްޖުގެ އަޅުކަން އަދާ ކުރެއްވުމަށްފަހު މާލެ ވަޑައިގެންނެވީ ރޭގައެވެ. ގޮތަބަޔާ ރާއްޖެ ވަޑައިގަތުމުގެ އެއް ގަޑިއިރު ކުރިން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުޅުލެއިން ފެނިފައިވެއެވެ. ނަމަވެސް ގޮތަބަޔާ ދަތުރު ކުރެއްވި އަސްކަރީ އުޅަނދު ހުޅުލެއަށް ޖެއްސުމުގެ ހުއްދަ ދެއްވީ ސަރުކާރުންކަން އެނގިފައިވެއެވެ.