ލަންކާގައި ތިބި ދިވެހިން ނުރައްކަލުގެ ތެރެއަށް ވައްޓާލުމުގެ ހައްގު އެއްވެސް މީހަކަށް ލިބިގެންނުވާ ކަމުގައި ސަލަފް ޖަމްއިއްޔާގެ މެމްބަރު އަލީ ރަމީޒު ވިދާޅުވެއްޖެއެވެ.
ސީއެންއެންއެން އިން ލަންކާގެ އިސް ސެކިއުރިޓީ އޮފިޝަލަކާ ހަވާލާދީ ބުނިގޮތުގައި ރާއްޖޭގެ އެއާޓްރެފިކް ކޮންޓްރޯލުން، ބޯޓު ޖެއްސުމުގެ ހުއްދަ އެންމެ ފުރަތަމަ ނުދިނެވެ. ނަމަވެސް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އެ ކަމުގެ ތެރެއަށް ވަންނަވައިގެން ހުއްދަ ލިބުނީ ކަމަށް ސީއެންއެން އިން ބުނެއެވެ. އެ އިން އެއްވެސް ކަމަކާ ބެހޭ ގޮތުން ރާއްޖޭގެ ރަސްމީ އިދާރާ ތަކުން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.
ގިނަ ބައެއްގެ ކަންބޮޑުވުން މިކަމުގައި އޮތްއިރު، އަދި ޚާއްސަކޮށް ލަންކާގެ އެތައް ހާސް ރައްޔިތުންނެއް ގޮޓާބަޔަ އާއި ދެކޮޅަށް އަޑު އުފުލަމުންދާ ދަނޑިވަޅެއްގައި ރާއްޖެއިން އޭނާއަށް ހިމާޔަތް ދިނުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫންކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
މިކަމުގެ ކަންބޮޑުވުން ފާޅު ކުރައްވައި އަލީ ރަމީޒު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނާއި، ލަންކާ ރައްޔިތުންނަކީ ޒަމާންވީ އެކުވެރި ގުޅުމެއް އޮތް ރައްޔިތަކު ދިރިއުޅޭ ދެ ޤައުމުކަމަށެވެ. މިއަދު ލަންކާގައި ދިރިއުޅޭ ދިވެހި ރައްތުން ނުރައްކަލަށް ވެއްޓިގެންދާ ފަދަ ކަމެއް ކުރުމުގެ ހައްގު އެއްވެސް މީހަކަށް ލިބިގެން ނުވާކަމަށް އަލީ ރަމީޒު ވިދާޅުވިއެވެ.
ދިވެހި ރައްޔިތުންނާއި، ލަންކާ ރައްޔިތުންނާއި ދެމެދު އޮތް ޒަމާންވީ ގުޅުމަށް ބުރޫ އަރުވާލައި، ލަންކާގައި ދިރި އުޅޭ 1،600 ދިވެހި ރައްޔިތުން ނުރައްކަލުގެ ތެރެއަށް ވައްޓާލުމުގެ ހައްގު އެއްވެސް މީހަކަށް ލިބިގެންނުވޭ.
– އަލީ ރަމީޒު ވިދާޅުވިއެވެ.
ގޮޓާބަޔަ އަށް ރާއްޖެއިން ހިމާޔާތް ދިނުމަކީ މީގެ ސަބަބުން ލަންކާގައި ދިރިއުޅޭ ދިވެހިންނަށް އެކަމުން ކޮންމެވެސް ވަރެއްގެ އުދަގޫތަކެއް ކުރިމަތިވާނެ ކަމެއްކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
ލަންކާގެ އެއާފޯސްގެ މަތިންދާބޯޓެއްގައި ގޮޓާބަޔަ ރާއްޖެ ވަޑައިގަތީ ލަންކާގެ އެއާޕޯޓުން ފުރާވަޑައިގަތުމަށް ކުރެއްވި މަސައްކަތްޕުޅަށް އެ ގައުމުގެ އިމިގްރޭޝަނުން ހުރަސް އެޅުމުންނެވެ. ގޮޓާބަޔަގެ އާއިލާގެ ބައެއް މީހުން ފުރާވަޑައިގަންނަވަން އުޅުއްވުމުން ވެސް އިމިގްރޭޝަނުން ވަނީ ހުރަސް އަޅައިފައެވެ.
ލަންކާގެ އިގްތިސާދު ފުންވަޅުގަނޑަކަށް ވެއްޓި، އެ ކަންކަން މެނޭޖު ނުކުރެވުމުން ލަންކާގެ އެތައް ހާސްބަޔަކު ވަނީ ގޮޓާބަޔަ އާއި އެ ގައުމުގެ ސަރުކާރާ ދެކޮޅަށް މަގުތަކަށް ނުކުމެފައެވެ. ގޮޓާބަޔަ މިއަދު އިސްތިއުފާ ދެއްވަން ނިންމެވީ އެ ފިއްތުންތަކާއެކު، ހުރިހާ ކަމެއް ބޮއްސުންލައިގެން ދިއުމުންނެވެ.