މާލޭ ވިޔަފާރި ބަނދަރު - ފޮޓޯ ކަސްޓަމްސް

މިދިޔަ އަހަރަށް ވުރެ މިއަހަރުގެ އޮކްޓޫބަރު މަހު ރާއްޖެއިން ބޭރުކުރި މުދާ %5 އިތުރު

މިދިޔަ އަހަރަށް ވުރެ މިއަހަރުގެ އޮކްޓޫބަރު މަހު ރާއްޖެއިން ބޭރުކުރި މުދާ %5 އިތުރު

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހަށް ވުރެ މި އަހަރުގެ އޮކްޓޫބަރުމަހު ރާއްޖޭން އެކްސްޕޯޓް ކުރި މުދަލުގެ އަގު 5 އިންސައްތަ އިތުރުވެއްޖެއެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން ހުސްވި އޮކްޓޫބަރު މަހު ރާއްޖޭން 305 މިލިއަން ރުފިޔާގެ މުދާ ވަނީ ބޭރުކޮށްފައެވެ. ނަމަވެސް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ރާއްޖޭން ބޭރުކުރެވުނީ 289 މިލިއަން ރުފިޔާގެ މުދަލެވެ. އަދި މިއަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖޭން ބޭރުކުރި މުދަލުގެ އަގަށްވުރެ ވެސް މިދިޔަ މަހު ބޭރުކުރި މުދަލުގެ އަގު މި ވަނީ 106 މިލިއަން ރުފިޔާ އިތުރު ވެފައެވެ.

ރާއްޖޭން މައިގަނޑުގޮތެއްގައި ދުނިޔޭގެ ބާޒާރަށް ބޭރުކުރަނީ މަހުގެ ބާވަތްތަކެވެ. މިދިޔަމަހު ރާއްޖޭން އެންމެ ގިނަ މަސް އެކްސްޕޯޓު ކުރީ ތައިލޭންޑަށެވެ. އެއީ އޮކްޓޫބަރު މަހުގެ މުޅި ޖުމްލަ އެކްސްޕޯޓުގެ 58 އިންސައްތައެވެ. އެއީ 166 މިލިއަން ރުފިޔާގެ މުދަލެވެ.

މީގެ އިތުރުން ރާއްޖެއިން އޮކްޓޫބަރު މުދާ ބޭރުކުރި ގައުމުތަކަކީ:

  1. ފްރާންސް – 22 މިލިއަން ރުފިޔާގެ މުދާ (%8)
  2. ޖަރުމަނު – 17 މިލިއަން ރުފިޔާގެ މުދާ (%6)
  3. އިނގިރޭސި ވިލާތް – 13 މިލިއަން ރުފިޔާގެ މުދާ (%5)
  4. އެމެރިކާ -11 މިލިއަން ރުފިޔާގެ މުދާ (%4)

ރާއްޖޭން އެންމެ ގިނައިން މި މުއްދަތުގެ ތެރޭގައި ބޭރުކޮށްފައި ވަނީ ގަނޑު ކުރި ކަޅުބިލަމަހެވެ. ދެން އެންމެ ގިނައީ ކަޅުބިލަ މަހުގެ އުފެއްދުންތަކެވެ.

ނަމަވެސް ކުރީ އަހަރުގެ އޮކްޓޫބަރު މަހާއި އަޅާބަލާއިރު މިދިޔަ މަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ އަގު 51 އިންސައްތަ ދަށެވެ. މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ރާއްޖެއަށް 4.2 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައި ވާއިރު މިދިޔަ މަހު އެއަދަދު ވަނީ 2.1 ބިލިއަނަށް ދައްވެފައެވެ. އެހެންކަމުން އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް މިދިޔަމަހު ލިބުނު އާމްދަނީވެސް ކުރީ އަހަރާއި އަޅާ ބަލާއިރު 41 އިންސައްތަ މިވަނީ ދައްވެފައެވެ. މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް 295 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ނަމަވެސް މިއަހަރު ލިބުނީ 174 މިލިއަން ރުފިޔާއެވެ.

މިދިޔަ މަހު ރާއްޖެ އެތެރެކުރި މުދަލުގެ އަގުގެ ނިސްބަތުން 14 އިންސައްތަ އެތެރެކޮށްފައި ވަނީ އޮމާނުންނެވެ. އަދި އިންޑިއާ އާއި ޗައިނާއިން ރާއްޖެ އެތެރެކޮށްފައިވަނީ، އެތެރެކުރި މުދަލުގެ އަގުގެ 13 އިންސައްތައިގެ މުދަލެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *