މިއޮތީ އެބުނާ އިޤްތިޞާދީ ބޫމް އައިސްފަ: ފަޒުލް

މިއޮތީ އެބުނާ އިޤްތިޞާދީ ބޫމް އައިސްފަ: ފަޒުލް

ރާއްޖޭގެ އިޤްތިޞާދަށް މިސަރުކާރުން އަންނާނެކަމަށް ބުނާ "އިޤްތިޞާދީ ބޫމް" މިހާރު މިއޮތީ އައިސްފައިކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައްޔިތުންގެ މަޖިލިހުގެ ފެލިދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ އިޤްތިޞާދަށް އަންނަ ހީނަރުކަމާއި ގުޅިގެން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމުގެ ގޮތުން ޓީޖީއެސްޓީއާއި ޖީއެސްޓީ ބޮޑުކުރުމަށް ނިންމައި ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކަށް ފާޑު ވިދާޅުވެ ކުރެއްވި ޓުވީޓެއްގައެވެ.

ފަޒުލް ވިދާޅުވީ ސަރުކާރުން އިންތިހާއަށް ޚަރަދުތައް ބޮޑުކޮށް، ބޭކާރު އިސްރާފު ޚަރަދުތައް ގިނަކޮށްގެން ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑު ކުރުމަކީ އިޤްތިޞާދު ހަމަޔަކަށް އެޅޭނެ ކަމެއް ނޫންކަމަށެވެ. ތަކެތީގެ އަގު އިންތިހާއަށް އުފުލި ޑޮލަރުގެ ކަޅު ބާޒާރެއްގައި އިންތިހާއަށް އަގު އުފުލިފައިވާއިރު މިކަންކަމަށް ހައްލު ނުގެނެސް ސަރުކާރުން ކިތަންމެ ވަރަަކަށް ރައްޔިތުންނާއި ގުޅުންހުރި ބާވަތްތަކުން އަގު ބޮޑުކުރިޔަސް ހައްލު ނާންނާނެކަމަށް ފަޒުލް ވިދާޅުވިއެވެ.

ސަރުކާރުގެ ޚަރަދުތައް ކުޑަނުކޮށް ރައްޔިތުންގެ އަތުން %8 ނެގުމަކީ ހައްލެއްނޫން. ތަކެތީގެ އަގު އަރަމުން ދާއިރު ޑޮލަރުގެ އަގު ބްލެކް މާކެޓްގައި އަދިވެސް އުފުލޭނެ. މިއޮތީ އެބުނާ އިޤްތިޞާދީ ބޫމް އައިސްފަ.

– ފަޒުލް ވިދާޅުވިއެވެ.

މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށް މިވަގުތު ފިޔަވަޅުތަކެއް ނާޅައިފިނަމަ ކުރިއަށްއޮތްތަނުގައި ދިމާވާ ދަތިތައް ބޮޑުވާނެކަމަށެވެ. އެހެންކަމުން ދައުލަތުގެ ހަރަދުތައް ކުޑަކޮށް، އާމްދަނީ އިތުރުކުރުމަށް ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާކަމަށް އަމީރު ވިދާޅުވިއެވެ.

އެގޮތުން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ޓީޖީއެސްޓީ 12 އިންސައްތައިން 16 އިންސައްތައަށް، އަދި ޖީއެސްޓީ 6 އިންސައްތައިން 8 އިންސައްތައަށް ބޮޑުކުރުމަށް ނިންމާފައިވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ ޓެކްސް ބޮޑު ކުރުމާއެކު ޓެކްސްދައްކަން ޖެހޭ ފަރާތްތަކަށް 6 މަހުގެ މުއްދަތެއް ދިނުމަށްޓަކައި މަޝްވަރާތައް ކުރައްވަމުން އަންނަކަމަށެވެ. އަދި ރާއްޖޭގެ ޖީއެސްޓީ އަދި ޓީޖީއެސްޓީ ރޭޓް ހުރީ ދުނިޔޭގެ ތަރައްޤީވަމުން އަންނަ ކުދި ޤައުމުތަކާ އަޅާބަލާއިރު ދަށްކޮށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *