ދިވެހި މުޖުތަމަޢުގައި ފާޙިޝް ޢަމަލުތަކަށް އަރައިގަތުން އިތުރުވެ، އެފަދަ ޢަމަލުތައް ހިންގާތަން ފެންނަ ފޮޓޯ އާއި ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވަމުންދާތީ އެކަމުގައި ޝާމިލުވާ އެންމެންނާއިމެދު ފިޔަވަޅު އެޅުމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމް.އާރް.އެމް ގޮވާލައިފިއެވެ.
މިމައްސަލާގައި ކަންބޮޑުވުން ފާޅުކޮށް އެމްއާރުއެމްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ފަހަކަށް އައިސް ދިވެހި މުޖުތަމަޢުގައި އެކިއެކި ފާޙިޝް ޢަމަލުތަކަށް އަރައިގަތުން އިތުރުވެ، އެފަދަ، ޢަމަލުތައް ހިންގާތަން ފެންނަ ފޮޓޯ އާއި ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވަމުން ދިއުމަކީ ނުހަނު ކަންބޮޑުވާ ކަމެއްކަމަށެވެ.
އެފަދަ ޢަމަލުތައް ހިންގާ މީހުންގެ މައްސަލަ، ވަކި މީހަކަށް ނުބަލައި، ތަފާތުކުރުމެއް ނެތި، ހަމަހަމަ އުޞޫލެއްގެ ދަށުން ކަމާއިބެހޭ ފަރާތްތަކުން ޚާއްސަ އިސްކަމެއް ދީގެން އަވަހަށް ބަލައި ޤާނޫނީ ފިޔަވަޅު އެޅުމަށް އެމްއާރުއެމްއިން ވަނީ ގޮވާލަފައެވެ. އަދި އެފަދަ ޢަމަލުތައް ހިންގާ މީހުން ނިސްބަތްވާ މުއައްސަސާތަކުން އެމީހުންނާއިމެދު އެކަށޭނަ ފިޔަވަޅު އެޅުމަށްވެސް ވަނީ ގޮވާލާފައެވެ.
ޤައުމު އިސްލާޙުކުރަން ބޭނުންވާ ދިވެހީންގެ ގިނަ ބަޔަކު އެދޭ ފަދައިން، މިހާރު ދައުރުވަމުންދާ ވީޑިއޯތަކާއި ފޮޓޯތަކުން ފެންނަ މީހުންގެ ތެރެއިން ދައުލަތުގެ އެކިއެކި މަޤާމުތައް އަދާކުރާ މީހުން އެ މަޤާމުތަކުން އިސްތިޢުފާ ދިނުމަށްވެސް މި ޕާޓީއިން ގޮވާލަން. އެފަދަ ފަރާތްތައް ދައުލަތުގެ މަޤާމުތަކާއި ޒިންމާތަކުން އެކަހެރި ވުމަކީ ދައުލަތުގެ ބާރުތަކާއި، މުއައްސަސާތަކާއި، ސިޔާސީ ނިޒާމާއި، ސިޔާސީ ޕާޓީތަކާއިމެދު ގެއްލިފައިވާ ރައްޔިތުންގެ އިތުބާރު އަލުން އިއާދަކުރުމަށް ކުރުން ކޮންމެހެން މުހިއްމު ކަމެއް.
– އެމްއާރުއެމް ބަޔާނުގައިވެއެވެ.
އެޕާޓީން ބުނީ މިފަދަ ޢަމަލެއްގައި މޯލްޑިވްސް ރިފޯމް މޫވްމަންޓްގެ މެންބަރަކު ބައިވެރިވެއްޖެ ނަމަ، ޚާއްސަ އިސްކަމެއް ދީގެން އެޕާޓީގެ އޮނިގަނޑުތެރެއިން މައްސަލަ ބަލައި، ޕާޓީގެ އަސާސްތައް ދެމެހެއްޓުމަށާއި، ޕާޓީއަށް އޮތް ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމަށް އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނެ ކަމުގެ ޔަޤީންކަން މެންބަރުންނަށާއި ދިވެހި ރައްޔިތުންނަށް ވަނީ ދީފައެވެ.
ދައުރުވަމުންދާ ބަރަހަނާ ވީޑިއޯތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު ބިދޭސީއަކާއެކު އެއްޖިންސުން ގުޅުން ހިންގާ ކަމަށް ތުހުމަތުކުރާ ވީޑިއޯއަކާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން)ގެ ބަރަހަނާ ފޮޓޯއެއް ހިމެނެއެވެ.
ނާޒިމްގެ ޕާސްޕޯޓް ހިފަހައްޓައި އެ މައްސަލަ ތަހުގީގު ކުރަމުން އަންނައިރު އަނދުން ހުސެއިންގެ މައްސަލަ ބަލަމުންދާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
ކޮމެންޓު ފޮނުވާ