ދިވެހި ސަރުކާރުން ޔޫރަޕިއަން އިންވެސްޓްމެންޓް ބޭންކް (އީއައިބީ)އިން 299 މިލިއަން ރުފިޔާ (18.4 މިލިއަން ޔޫރޯ)ގެ ލޯނެއް ނަގައިފިއެވެ.
ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ މިލޯނަކީ 2021 ވަނަ އަހަރުގެ އީއައިބީއިން ތަޢާރަފްކުރި ސައުތް އޭޝިއާ ބަޕްލިކް ހެލްތްކެއާ ކޮވިޑް ޕްރޮގުރާމް ލޯނުގެ ރާއްޖެއަށް ދީފައިވާ ލޯނެއްކަމަށެވެ.
މި ލޯން އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރެވެ. އީއައިބީގެ ފަރާތުން ސޮއިކުރެއްވީ އީއަބީގެ ގްލޯބަލް ޕާޓްނާސް ޑައިރެކްޓަރ މިސް މާރިއާ ޝޯއެވެ. މި ރަސްމިއްޔާރު ބާއްވާފައިވަނީ ބެލްޖިއަމްގެ ބްރަސަލްސްގައި ކުރިއަށްދާ ޔޫރަޕިއަން ޑިޕްލަމެޓްސް ޑޭސް އިވެންޓުގައެވެ.
Government of Maldives has today signed a concessional loan of EUR 18.4million with European Investment Bank (EIB) for establishing a National Health Laboratory and isolation facilities in the atolls. @EIB pic.twitter.com/unkc9375EP
— Ministry of Finance (@MoFmv) June 22, 2022
މިލޯނަކީ ވަރަށް ކޮންސެންޝަނަލް ޓާމްސްތަކެއްގައި ދިގުމުއްދަތަކަށް ބަހާލައިގެން ދައްކާގޮތަށް ނަގާފައިވާ ލޯނެއްކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ. މިލޯނު ބޭނުން ކުރެވޭނީ ރާއްޖޭގެ ސިއްޚި ނިޒާމު ތަރައްޤީ ކުރުމަށްޓަކައި ޒަމާނީ ވަސީލަތްތަކާއިއެކު ނޭޝަނަލް ހެލްތު ލެބޯރިޓީއެއް ޤާއިމްކޮށް އަތޮޅު ތެރޭގެ އިންފެކްޝަން ޑިޒީޒް ވޯޑުތައް ޤާއިމް ކުރުމަށް ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.
ދައުލަތުގެ ދަރަނި އިންތިހާއަށް މައްޗަށް ގޮސްފައިވާއިރު، ރާއްޖެއަށް އިތުރު ލޯނުތައް ނުނަގާނެކަމަށް ސަރުކާރުން ވަނީ މީގެ ކުރިން ބުނެފައެވެ. ދައުލަތުގެ ދަރަނި މިހާރު އުޅެނީ 100 ބިލިޔަން ރުފިޔާގައެވެ.