އަތޮޅު ތެރޭގެ ކޯޓުތަކުގައި މަސައްކަތްކުރައްވާ މެޖިސްޓްރޭޓުންގެ މުސާާރަ ބޮޑުކުރުމަށާއި، ކްރިމިނަލް ކޯޓުގެ ބެކްލޮގް ހުސްކުރުމަށްޓަކައި ގާޟީން އިތުރަށް މަސައްކަތްކުރާ ދުވަސްތަކަށް އިނާޔަތް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.
މެޖިސްޓްރޭޓުންގެ މުސާރަ ބޮޑުކުރުމަށް ހުށައެޅުއްވީ ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ)އިންނެވެ. ޖޭއެސްސީން ހުށައަޅަފައިވާ ހުށައެޅުމުގައި މެޖިސްޓްރޭޓުންގެ މުސާރައަށް ހޭދަކުރާ މިންވަރު އިތުރުވެގެން ދަނީ އަހަރަކު ގާތްގަނޑަކަށް 3.7 މިލިއަން ރުފިޔާއެވެ. މެޖިސްޓްރޭޓުންގެ މުސާރަ ބޮޑުކުރުމަށް ފިނޭންސް މިނިސްޓްރީންވެސް ވަނީ ހުއްދަ ދެއްވާފައެވެ.
ޖޭއެސްސީން ހުށައެޅިގޮތަށް ފާސްކުރުމަށް ކޮމިޓީގައި ހުށައެޅުއްވީ ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޟެވެ. އަދި ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣްލަބިއްޔަތުން އެ ހުށައެޅުން ފާސްކުރިއެވެ.
މީގެ އިތުރުން ކޮމިޓީން ވަނީ ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ހުށަހަޅާފައިވަގޮތަށް ހަތަރު މަސް ދުވަހަށް ގާޟީންނަށް އާ އިނާޔަތެއް ދިނުމަށްވެސް ނިންމާފައެވެ. އެއީ އެއީ އިތުރު ވަގުތު މަސައްކަތް ކުރާ ގާޟީންނަށް އެމަސައްކަތް ކުރާ ކޮންމެ ދުވަހަކަށް 500 ރުފިޔާގެ އިނާޔަތެއް ދިނުމަށެވެ. އެއީ ކްރިމިނަލް ކޯޓުގައި ނުނިމި ފުނިޖެހިފައިވާ 1،182 މައްސަލަ ނިންމުމަށެވެ.
އެ ރޭޓުން އިނާޔަތް ދީފިނަމަ އެ މުއްދަތުގައި އިތުރަށް ކަރަދުވާނީ 600،000 ރުފިފާއެވެ. ފަނޑިޔާރުންގެ މުސާރައާއި އިނާޔަތަށް އެއްވެސް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމާ ގޮތެއްގެ މަތިންނެވެ.
ޖޭއެސްސީގެ ރައީސާ އަދި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ޙިސާން ޙުސައިން ވިދާޅުވީ މިހާރުގެ ޖޭއެސްސީގެ މެމްބަރުން އެކޮމިޝަނާ ޙަވާލުވެވަޑައިގެންނެވިއިރު ކްރިމިނަލް ކޯޓުގައި ޖުމުލަ 2022 މައްސަލަ އޮތް ކަމަށެވެ. ކޮންމެ އަހަރަކު އެވްރެޖްކޮށް 900އެއްހައި މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅާއިރު، ނުބެލި ހުންނަ މައްސަލަތައް ފުނިޖެހި އިތުރުވެފައިވާކަން ޙިސާން ފާހަގަކުރެއްވިއެވެ.
ކްރިމިނަލްކޯޓަށް ދިމާވެފައިވާ މިމައްސަލަ ޙައްލުކުރުމަށް ކުރިމަސައްކަތަށް ވޭތުވެދިޔަ 2 އަހަރުދުވަހުގެ ތެރޭގައި ހުރަސްތަކެއް ކުރިމަތިވިކަން އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން ކޯވިޑް-19ގެ ސަބަބުން ކޯޓުތައް ބަންދުކުރަން ޖެހުމާއި މައްސަލަތައް ކުރިއަށް ގެންދަން ޖަލުން ކޯޓަށް ޙާޒިރުކުރަންޖެހޭ ޤައިދީން ކޯޓަށް ޙާޒިރުކުރުމުގައި ދިމާވި ދަތިތައް ޙިސާން ފާހަގަކުރެއްވިއެވެ.
ނުބެލި ހުރި މައްސަލަތައް ފުނިޖެހިފައިވާ މައްސަލަ ޙައްލުކުރުމަށް މިހާރު މަސައްކަތް ކުރައްވަމުންދާކަން ޙިސާން ހާމަކުރެއްވިއެވެ. އެގޮތުން ކޮޓުތަކުގެ ރަސްމީ މަސައްކަތު ގަޑީގެއިތުރުން މެންދުރުފަހު 14:00އިން ހަވީރު 17:00އާ ހަމަޔަށް ކޯޓުތަކުގައި ޝަރީއަތުގެ އަޑުއެހުންތައް ތާވަލްކޮށްގެން ކުރިއަށް ގެންދިއުމަކީ މިކަން ޙައްލުކުރުމަށް ކުރެވިދާނެ ކަމެއްކަމަށް ޙިސާން ވިދާޅުވިއެވެ. މިކަންކުރުމަށްތަކައި ޕީޖީ އޮފީހާއި ކޯޓުތަކަށްވެސް އިތުރު މުވައްޒަފުން ބޭނުންވާކަން ޙިސާން ފާހަގަކުރެއްވިއެވެ.
ކޮމެންޓު ފޮނުވާ