ބައިނަލްއަޤްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވި ޙަރަކާތަށް ހުރަސްއަޅައި ހިންގި ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށްޓަކައި ފުލުހުންގެ މުއައްސަސައިން ރެންޕޯންސް ކުރިގޮތުގެ އިންޓާނަލް ރިވިއުއެއް ހަދަމުންދާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
މިއަދު ގަލޮޅު ދަނޑު ސަރަހައްދުގައި ހިންގި ހަމަނުޖެހުންތަކާއި ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ވިދާޅުވީ ގަލޮޅު ދަނޑުގައި މިއަދު ހެނދުނު ކުރިއަށްދިޔަ ޔޯގާ ހަރަކާތަށް ހުރަސް އަޅައި އެހަރަކާތުގެ ބައިވެރިވި ބޭރުގެ ގައުމުތަކުގެ ސަފީރުންނާއި، ޑިޕްލަމެޓުންނާއި، އަދި އާންމުންގެ މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް އެތަނަށް ބަޔަކު ވަދެގަނެ، ބައެއް މީހުންނަށް ހަމަލަދީ ތަކެއްޗަށް ގެއްލުން ދީފައިވާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ސީރިއަސް އެންޑް އޯގަނައިޒް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގް ކުރަމުން ދާކަމަށެވެ.
މިއަމަލު ހިންގުމުގައި ބައިވެރިވި މީހުންގެ މައްސަލަ ތަހުގީގްކޮށް ޤާނޫނީ ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތް ފުލުހުންގެ ޚިދުމަތުން ކުރަމުންދާކަމަށް ވަނީ ވިދާޅުވެފައެވެ. މިހާދިސާއާއި ގުޅިގެން މިހާތަނަށް ލިބުފަިވާ މައުލޫމާތުތަކުން މިއަމަލު ހިންގި މީހުން ބޭނުންކޮށްފައިވާ ބައެއް އާލާތްތައް ނެރެފައިވަނީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެން)ގެ އޮފީހުންކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މިހާދިސާ ހިނގި ކަމަށް މެދުވެރިވި ސަބަބު ބަލައި ދިވެހި ފުލުހުންގެ ޚިދުމަތުން ރެސްޕޮންޑް ކުރި ގޮތުގެ އިންޓަރނާލް ރިވިއުއެއް ކުރާނެކަމުގެ ޔަގީންކަން ފުލުހުން ވަނީ ދެއްވާފައެވެ. މިމައްސަލާގައި މިހާތަނަށް 6 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މިހަރަކާތަށް ހުރަސް އަޅައި، ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޓުވީޓުގައި ވިދާޅުވީ މިމައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީކޮށް، މިކަމުގައި ޝާމިލުވާ އެންމެން ޤާނޫނުގެ ކުރިމައްޗަށް ގެންނާނެކަމަށެވެ. މި ހަރަކާތް ހުއްޓުވިއިރު ޔޫތު މިނިސްޓަރ އަޙްމަދު މަޚްލޫފާއި، އިންޑިއާ ހައިކޮމިޝަނަރާއި ބޭރު ޖަމްޢިއްޔާތަކުން ރާއްޖެއަށް ކަނޑައެޅުއްވި ބައެއް މަންދޫބުންވެސް އެތަނުގައި ތިއްބެވިއެވެ.
ކޮމެންޓު ފޮނުވާ