ދުބާއީގެ އީގަލް ހިލްސްއާ ގުޅިގެން ރަސްމާލޭގައި ތަރައްގީކުރާ "މޯލްޑިވްސް ވޯޓަފްރޮންޓް އެންޑް މެރީނާ" މަޝްރޫއުގެ ދަށުން ބިނާކުރާ ތަންތަން ވިއްކޭނީ ސަރުކާރުން ހުއްދަ ދޭ ފަރާތްތަކަށް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.
"މިހާރު"އާ ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން ބިމުގެ މިލްކުވެރިކަން ދޫކުރުމެއް ނުވަތަ ފްރީހޯލްޑެއް ނެތް ކަމަށެވެ. ރަސްމާލޭގެ ކޮންމެ ޕްރޮޕަޓީއެއް ވިއްކާއިރު ސަރުކާރަށް ހުށަހަޅަން ޖެހޭނެ ކަމަށާއި، ގަންނަ ފަރާތް ބަލައި ހުއްދަ ދިނުމާއި ނުދިނުމުގެ ނިންމުން ސަރުކާރުން ނިންމާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މުއްތަލިބު ވިދާޅުވި ގޮތުގައި، ރަސްމާލޭން ތަނެއް ގަތުމަކުން ރާއްޖެއަށް އެތެރެވުމުގެ ނުވަތަ ރާއްޖޭގައި ހުރުމުގެ ހައްގެއް ނުލިބޭނެ އެވެ. ވިސާ ދޫކުރާނީ ސަރުކާރުން ވަކިން ބަލައި ނިންމުމަށް ފަހު ކަމަށާއި، ވިސާ ހިފަހައްޓައި ނުވަތަ ބާތިލުކުރުމުގެ އިޚްތިޔާރު ކޮންމެ ވަގުތެއްގައި ސަރުކާރަށް ލިބިގެންވާ ކަމަށް އޭނާ ވިދާޅުވި އެވެ. ވިސާ ދޫކުރުމުގައި ޑިވެލޮޕަރަށް އެއްވެސް ބާރެއް ނެތެވެ. މިސާލަކަށް، އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އަންނަން މަނާކަމުން، އެ ގައުމެއްގެ މީހަކު ރަސްމާލޭން ތަނެއް ގަތް ނަމަވެސް ރާއްޖެ އަތުވެދާނެ ފުރުސަތެއް ނޯންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ޓޫރިޒަމް ގާނޫނާއި އިމިގްރޭޝަން ގާނޫނު ފަދަ ގާނޫނުތައް ރަސްމާލެއަށް ވެސް ފުރިހަމައަށް ހިނގާނެ އެވެ.
ސަރުކާރުން ބުނާ ގޮތުގައި، މަޝްރޫއުގެ މަސައްކަތް ފެށުމުގެ ކުރިން ވެސް ލޯނެއް ނުނަގައި ނުވަތަ ގެރެންޓީއެއް ނުދީ 5،000 ހައުސިން ޔުނިޓް (ގާތްގަނޑަކަށް 7.7 ބިލިއަން ރުފިޔާ) ދައުލަތަށް ލިބޭނެ އެވެ. 8،800 އަށް ވުރެ ގިނަ ޕްރޮޕަޓީ ވިއްކައިގެން ލިބޭ ފައިސާގެ 10 ޕަސެންޓް ސަރުކާރަށް ލިބޭނެ ކަމަށާއި، 10 އަހަރު ފަހުން ބިމުގެ އަގުގެ ގޮތުގައި 3 ބިލިއަން ޑޮލަރު ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. ވިއްކުމުން ލިބޭ ފައިސާ ޖަމާވާނީ ސަރުކާރުގެ ކޮންޓްރޯލް އޮންނަ ރާއްޖޭގެ އެސްކްރޯ އެކައުންޓަކަށް ކަމަށާއި، މިއީ ޑޮލަރުގެ ދަތިކަމަށް އެހީތެރިވެދޭނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. މި މަޝްރޫއަށް އެސްއީޒެޑް ނުވަތަ ޓޫރިޒަމް ގާނޫނުގެ ދަށުން އެއްވެސް ޓެކްސް ލުޔެއް ދީފައި ނުވާއިރު، ޓީޖީއެސްޓީ ހިމެނޭ ގޮތަށް ހުރިހާ ޓެކްސްއެއް ދައުލަތަށް ފުރިހަމައަށް ލިބޭނެ އެވެ.
ކޮމެންޓު ފޮނުވާ