އެމްޓީސީސީގެ ބިން ހިއްކުމުގެ ގާބިލުކަން އިތުރުކުރުމަށް، މިހާރު ކުންފުނީގައި ބޭނުންކުރާ މަހާޖައްރާފަށް ވުރެ ތިން ގުނަ ބޮޑު އާ ހޮޕާ ޑްރެޖަރެއް ސެކިއުއަރ ކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ "ނޭޝަންސް ޗެޓް" ޕޮޑްކާސްޓުގައި ރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި ޑްރެޖަރު މި އަހަރު ނިމުމުގެ ކުރިން ރާއްޖެ ގެނެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށާއި، އެ އުޅަނދު ގެނެވުމާއެކު އެމްޓީސީސީއާ ހަވާލުކުރެވިފައިވާ، އަދި ނުފެށި ހުރި ހުރިހާ ބިން ހިއްކުމުގެ މަޝްރޫއެއް ފެށޭނެ ކަމަށެވެ. އަދި އެމްޓީސީސީއާއި އާރްޑީސީ އެއްކޮށްލުމާއެކު، އާރްޑީސީގެ ވަސީލަތްތައް ބޭނުންކޮށްގެން މަގު ހެދުމުގެ މަސައްކަތްތައް އަންނަ އަހަރު ބާރު ސްޕީޑެއްގައި ކުރިއަށްދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މިހާރު އެމްޓީސީސީގައި ހުރި މަހާޖައްރާފަކީ ރައީސް ޔާމީންގެ ސަރުކާރުގެ ދައުރުގައި، ނެދަލެންޑްސްގެ އައިއެޗްސީއާ ހަވާލުކޮށްގެން ޗައިނާގެ ނަންޓޮން ރެއިންބޯ މެރިން ޓެކްނޮލޮޖީ ބޯޓުޔާޑުގައި 36 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ބެނި ޑްރެޖަރެކެވެ.
ސަރުކާރުގެ ލަނޑުދަނޑިއަކީ ދައުލަތުގެ މަޝްރޫއުތަކާއެކު އަމިއްލަ ފަރާތްތަކުގެ މަސައްކަތްތައްވެސް ކޮށްގެން އާމްދަނީ އިތުރުކުރެވޭ ފެންވަރަށް އެމްޓީސީސީ ތަރައްގީ ކުރުމެވެ.
ކޮމެންޓު ފޮނުވާ