އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދު ޓެނެސީއަށް ކުރައްވާ ދަތުރުފުޅުގައި، ރައީސްގެ ރަސްމީ މަތިންދާބޯޓު "އެއާ ފޯސް ވަން"ގައި ދަތުރުކުރުމުގެ ފުރުސަތު ސީއެންއެންއަށް ވައިޓް ހައުސްއިން ނުދީފި އެވެ.
އެމެރިކަން ފުޓްބޯޅަ މެޗެއް ބައްލަވާލެއްވުމަށް ކުރައްވާ މި ދަތުރުފުޅުގައި ސީއެންއެން ބައިވެރިވުމަށް ކުރިން ރޭވިފައި ވީނަމަވެސް، ހުކުރު ރޭ ވައިޓް ހައުސްއިން ޝާއިއުކުރި މީޑިއާ ޝެޑިއުލުން އެ ޗެނަލްގެ ނަން ދޫކޮށްލާފައިވާ އެވެ. ސީއެންއެންގެ ބަދަލުގައި އެހެން އެއްވެސް މީޑިއާއެއް ހިމަނާފައިވެސް ނުވެ އެވެ.
ސަރުކާރާ ބެހޭ ގޮތުން ދޮގު ހަބަރު ފަތުރާ ކަމަށް ބުނެ، ސީއެންއެން، ޕޮލިޓިކޯ އަދި އެމްއެސް ނައުގެ ނޫސްވެރިން ވައިޓް ހައުސްއަށް ވަނުން މިދިޔަ ހަފުތާގައި ޓްރަމްޕް މަނާކުރެއްވި އެވެ. އެ ނިންމުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމަކަށް ވެދާނެ ކަމަށް ބުނެ، ނޫސްވެރިންނަށް އަލުން ވަނުމުގެ ހުއްދަ ދިނުމަށް ފެޑަރަލް ފަނޑިޔާރަކު ވަނީ އަމުރުކޮށްފަ އެވެ. ނަމަވެސް، ޗައިނާގެ ލީޑަރު ޝީ ޖިންޕިންގެ ޝަރަފުގައި ބުރާސްފަތި ދުވަހު ބޭއްވި ރަސްމީ ޖާފަތަށް ސީއެންއެން އާއި އެމްއެސް ނައުގެ ބައެއް ނޫސްވެރިން ވައްދާފައެއް ނުވެ އެވެ.
މި ފިޔަވަޅާ ގުޅިގެން، މަނާކުރި މީޑިއާތަކާ އެކުވެރިވެ އޭބީސީ، ސީބީއެސް، ފޮކްސް ނިއުސް އަދި އެންބީސީން ރައީސްގެ ހަބަރުތައް ބްރޯޑްކާސްޓްކުރުން ހުއްޓާލާފައިވާއިރު، ވައިޓް ހައުސްއިން ވަނީ "ޓްރަމްޕް ޓީވީ" ގެ ނަމުގައި އަމިއްލަ ސްޓްރީމިން ޗެނަލެއް ފަށާފަ އެވެ. ތިން މީޑިއާ އިދާރާއިން ވެސް ބުނެފައިވަނީ މި މައްސަލައިގައި ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.
ކޮމެންޓު ފޮނުވާ