ރާއްޖެ ޓީވީގެ ނޫސްވެރިންނަށް މީދޫގައި ދިން ހަމަލާ ޝާހިދު ކުށްވެރިކޮށްފި

ރާއްޖެ ޓީވީގެ ނޫސްވެރިންނަށް މީދޫގައި ދިން ހަމަލާ ޝާހިދު ކުށްވެރިކޮށްފި

Author
އަހުމަދު
26 ސެޕްޓެމްބަރ 2026 07:41
0

 

ދ. މީދޫގައި ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހަމަލާދީ ފުރައްސާރަކުރި ހާދިސާ، އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ހަރުކަށިކޮށް ކުށްވެރިކުރައްވައިފިއެވެ.

މިއަދު އެކްސްގައި ލިޔުއްވާފައިވާ ޕޯސްޓެއްގައި ޝާހިދު ވަނީ، ނޫސްވެރިންނަށް ބިރުވެރިކަމެއް ނެތި މަސައްކަތް ކުރެވޭނެ ރައްކާތެރި މާޙައުލެއް ޤާއިމުކޮށްދިނުމަށާއި، މިފަދަ ޢަމަލުތައް ހިންގާ މީހުންނާމެދު ފިޔަވަޅު އެޅުމަށް ސަރުކާރާއި ކަމާބެހޭ އިދާރާތަކަށް ގޮވާލައްވާފައެވެ. ނުރައްކާތަކާއި ގޮންޖެހުންތަކާ ކުރިމަތިލާންޖެހުނު ނަމަވެސް ޙަޤީޤަތް ހާމަކުރުމަށް ރާއްޖެ ޓީވީގެ ޓީމުން ދައްކާ ހިތްވަރަށް ވެސް ޝާހިދު ތަޢުރީފުކުރައްވާފައިވެއެވެ.

ހާދިސާ ހިނގީ އިއްޔެ ހަވީރު، ރަށްރަށުގެ ރައްޔިތުންގެ ހާލު ދައްކުވައިދޭ ރާއްޖެ ޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމް މީދޫގައި ފިލްމުކުރަމުން ދަނިކޮށެވެ. ސޯޝަލް މީޑިއާގައި ފެތުރިފައިވާ ވީޑިއޯތަކުގައި، ރާއްޖެ ޓީވީގެ ހެޑް އޮފް ޕްރޮގްރާމްސް އާމިރު ސަލީމް އިންޓަވިއުއެއް ކުރަމުން ދަނިކޮށް، ބަޔަކު އައިސް އަޑުގަދަކޮށް ހަޑި ބަހުން ވާހަކަދައްކާ މަންޒަރު ފެނެއެވެ.

މި ހަމަނުޖެހުމުގައި، ރާއްޖެ ޓީވީގެ ކެމެރާމަން މުޙައްމަދު އަނިލް އިން ގޮނޑިއަށް ސައިކަލުން ޖެއްސުމުގެ އިތުރަށް، ކްރޫގެ ތަކެއްޗަށް ގެއްލުންދޭން ވެސް މަސައްކަތްކުރި ކަމަށް ބުނެއެވެ. މާރާމާރީ ހިންގާފައިވަނީ ނޫސްވެރިންނާއެކު އުޅުނު އެ ރަށުގެ ރައްޔިތުންނާ ކަމަށް ވެސް މަޢުލޫމާތު ލިބިފައިވެއެވެ.

މި ހާދިސާއާ ބެހޭ ގޮތުން ފުލުހުން އަދި މިހާތަނަށް އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.