ޔޯގާ ހަރަކާތް ހުއްޓުވުމަށް އިލްމުވެރިންގެ ގުޅުމުން އިސްލާމިކް މިނިސްޓްރީއަށް ގޮވާލައިފި

ޔޯގާ ހަރަކާތް ހުއްޓުވުމަށް އިލްމުވެރިންގެ ގުޅުމުން އިސްލާމިކް މިނިސްޓްރީއަށް ގޮވާލައިފި

Author
މުޙައްމަދު ޝަޒައިމް
20 ޖޫން 2022 07:48
0

ޔޫތު މިނިސްޓްރީން ހިންގުމަށް ރާވާފައިވާ ޔޯގާ ހަރަކާތް ހުއްޓުވުމަށް އިލްމުވެރިންގެ ގުޅުމުން އިސްލާމިކް މިނިސްޓްރީއަށް ގޮވާލައިފިއެވެ.

އިލްމުވެރިންގެ ގުޅުމުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާރޒް ޑރ. އަޙްމަދު ޒާހިރަށް، އެޑްރެސްކޮށް ފޮނުވި ސިޓީގައި ބުނެފައިވަނި ޔޯގާގެ ދުވަހުގެ ގޮތުގައި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ފާހަގަ ކުރަމުން އަންނަ ހިންދޫންގެ އަޅުކަމުގެ ޙަރަކާތްތައް މިރާއްޖޭގައި ފެތުރެމުން ދިއުމަކީ ދީނީ ޢިލްމުވެރިންގެ ޙައިޘިއްޔަތުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއްކަމަށެވެ.

މިކަމަކީ ކަސްރަތުގެ ނަމުގައި އިސްލާމް ދީނާއި ދިވެހިރާއްޖޭގެ ޤާނޫނުތަކާ ޚިލާފަށް ހިންގޭ ވަރަށް ނުރައްކާތެރި ކަމެއް ކަމުގައި އަޅުގަނޑުމެން ދެކެން. ޔޯގާގެ އަޅުކަން މިޤައުމުގައި ޢާއްމު ކުރެވެމުން ދާއިރު އެކަމާ މެދުގައިވާ ދީނީ ޙުކުމްތައް ޢާއްމު ރައްޔިތުންނަށް ބަޔާންކޮށްދީ، އޭގެ ނުރައްކާތެރިކަމާ މެދުގައި ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމްތައް އިސްވެ ހިންގުމަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އިސްނަންގަވައިގެން ކުރައްވަންވާނެ ކަމެއްކަމަށްވެފައި އެކަން ކުރެއްވުމުގެ އިޚްތިޞާޞާއި މަސްއޫލިއްޔަތު އޮތް ފަރާތަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ކަމަށްވާތީ، ކަމާ ބެހޭ ފަރާތްތައް މެދުވެރި ކުރައްވައިގެން އެކަންކަން ހުއްޓުވުމަށް މަސައްކަތް ކޮށްދެއްވުމަށް އެދެން.

– އިލްމުވެރިންގެ ގުޅުމުގެ ބަޔާނުގައި ވެއެވެ.

އަދި ޔޯގާގައި ކޮންމެވެސް މިންވަރެއްގެ ޞިއްޙީ ފައިދާތަކެއް ހުރެދާނެ ކަމަށް ބެލެވުނަސް، އެފަދަ ނުވަތަ އެއަށްވުރެ ބޮޑެތި ފައިދާތައް އިސްލާމްދީނުގައި ޝަރުޢުކުރައްވާފައިވާ ނަމާދާއި އެނޫން ކަސްރަތުތަކާއި ޙަރާކާތްތަކުން ލިބޭނެ ގޮތްތައް ހުރެމެ، އެހެން ބައެއްގެ ޚާއްޞަ ދީނީ އަޅުކަމެއްގެ ގޮތުގައި ހިމެނިފައިވާ ޢަމަލުތަކެއްގައި ބައިވެރިވެ ހެދުމަކީ ދީނީ ގޮތުން ހުއްދަވާނެ ކަމެއް ނޫންކަން ދައުލަތުގެ ރަސްމީ ފެންވަރުގައި ޢާއްމުކޮށް އިޢުލާނުކޮށް ދެއްވުމަށްވެސް ވަނީ މިބަޔާނުގައި އެދިފައެވެ.

އަދި މިހިނގާ 2022 ވަނަ އަހަރުގެ ޖޫން މަހުގެ 21 ވާ އަންގާރަ ދުވަހު، ދިވެހިރާއްޖޭގައި ފާހަގަ ކުރުމަށް ބަޔަކު މަސައްކަތް ކުރަމުންދާ ޔޯގާ ދުވަހުގެ ޙަރަކާތްތައް ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ޢަމަލީ ފިޔަވަޅުތައް އަޅުއްވައި ދެއްވުމަށް އިލްމުވެރިންގެ ގުޅުމުން ވަނީ މިނިސްޓަރގެ ކިބައިން އެދިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.