ފ. ދަރަނބޫދޫގެ ކުރީގެ މިސްކިތެއްގައި ގިނަ އަދަދެއްގެ ބިދޭސީން ގެންގުޅެމުންދާތީ އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން ކުރިއަށް އޮތް ތަނުގައި އެ މިސްކިތުގައި ބިދޭސީން ބޭތިއްބުމަށް ކުއްޔަށް ދޫނުކުރަން ދަރަނބޫދޫ ކައުންސިލުން ނިންމައިފިއެވެ.
ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އަދާލާތު ޕާޓީގެ މެޖޯރިޓީ އޮންނަ ދަރަނބޫދޫ ކައުންސިލުން މިގޮތަށް ނިންމީ، ގަބުރު ފެނިގެން ބަންދު ކުރި އެރަށު ކުރޫގެ މިސްކިތުގައި އިންޑިއާގެ ގިނަ އަދަދެއްގެ މީހުން ދިރިއުޅެމުންދާތީ ގިނަ ބައެއްގެ ނުރުހުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.
ދަރަނބޫދޫ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "ދާރުލްއުލޫމް" މިސްކިތް އިމާރާތް ހުރި ބިމުގައި ގަބުރު ހުންނާނެ ކަމަށް ވަރަށް ބޮޑަށް ބެލެވިގެން 2017 ވަނަ އަހަރު އެ މިސްކިތް ދަފްރަތުން އުނިކޮށްފައިވާ ކަމަށާ އޭގެ ފަހުން އެ އިމާރާތް ކައުންސިލާއި ހަވާލުކުރުމުން އެކި ބޭނުންތަކަށް އިމާރާތް ބޭނުން ކޮށްފައިވާނެ ކަމަށެވެ. އަދި 2020 ވަނަ އަހަރުގެ މެއި މަހުން ފެށިގެން އެ އިމާރާތް ކުއްޔަށް ދޫކުރަމުން އައިސްފައިވާ ކަމަށެވެ.
އެގޮތުން މިވަގުތު އެ އިމާރާތުގައި ހުރީ އެރަށު ފެނާއި ނަރުދަމާގެ މަސައްކަތް ކުރަމުންދާ އިންޑިއާގެ އެމްއެމްސީ އިންފްރާސްޓްރަކްޗާ ލިމިޑެޓަށް ދޫކޮށްފައިކަމަށާއި، އަދި މީގެ ކުރީން ރަށުގެ ބަދަރު ހެދުމުގެ މަސައްކަތް ކުރި އެމްޓީސީސީއަށްވެސް އެ އިމާރާތް ދޫކޮށްފައިވާކަމަށެވެ. އެކައުންސިލުން ބުނެފައިވަނީ އެ އިމާރާތުގަައި އިންޑިއާގެ މަސައްކަތު މީހުން ގެންގުޅޭ މައްސަލައެއް ފެންމަތިކޮށް ވީޑިއޯ އާންމު ކުރީ ސިޔާސީ މަގުސަދެއްގައި ކަމަށެވެ. އަދި އެއީ ކަމުގެ ހަގީގަތް އޮޅުވާލާ އެ ރަށު ކައުންސިލާއި ރައްޔިތުން އަދި ސަރުކާރު ބަދުނާމު ކުރުމަށް ކޮށްފައިވާ ކަމެއް ކަމަށާ އެކަން ކުށްވެރި ކުރާ ކަމަށެވެ.
ކައުންސިލްއިން ނިންމާފައި ވަނީ މި އިމާރާތުގައި (މިސްކިތުގައި) މީހުން ދިރިއުޅުމަށް ކުއްޔަށް ދޫކުރަމުން އައި އައުން ނިމުމަކަށް ގެނެސް ކުރިއަށް އޮތް ތަނުގައި މިފަދަ ބޭނުންތަކަށް ދޫނުކުރުމަށެވެ.
– ދަރަނބޫދޫ ކައުންސިލްއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެެ.
ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއިން އެތަނުގައި ވަރަށް ގިނަ އަދަދެއްގެ ބިދޭސީން ދިިރިއުޅެމުންދާފަދަ މަންޒަރުތައް ފެނެއެވެ. އެގޮތުން ގިނަ އަދަދެއްގެ މީހުން މިސްކިތްތެރޭގައި އޮށޯވެ ތިބޭ މަންޒަރާއި، މިއިމާރާތުގެ ގޯތިތެރެއާއި ވަޅުމަތީގައި އަންނައުނު ހިއްކަން އަޅާފައި ހުރި މަންޒަރުވެސް މިވީޑިއޯއިން ފެނެއެވެ.
ކޮމެންޓު ފޮނުވާ