މީގެ ދެ އަހަރު ކުރިން އަސްލަމ (ވ) އާއި އޭރުގެ ހައުސިން މިނިސްޓަރު އާތިފާ އަދި ސައިނޯ ހައިޑްރޯ ގްލޯބަލްގެ ނައިބު ރައީސް، ހުޅުމާލޭގައި 1،700 ހައުސިން ޔުނިޓްތަކުގެ ބިންގާ އަޅުއްވައިދެއްވަނީ

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވައުދު! ފުއްދޭ މިންވަރެއް، ނުފުއްދޭ މިންވަރެއް އެގެން ނެތް ވައުދެއް!

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވައުދު! ފުއްދޭ މިންވަރެއް، ނުފުއްދޭ މިންވަރެއް އެގެން ނެތް ވައުދެއް!

ބޯހިޔާވަހި ކަމަކީ، 2008 ވަނަ އަހަރު ދިވެހިން ބަލައިގެންފައިވާ އާގާނޫނު އަސާސީން ހުރިހާ ދިވެހި ރައްޔިތުންނަށްވެސް ކަށަވަރު ކޮށްދީފައި އޮތް އަސާސީ ހައްގެކެވެ. ގާނޫނު އަސާސީގައި މިހައްގު ކަށަވަރު ކޮއްދެމުން އެގާނޫނު އަސާސީގެ 17ވަނަ މައްދާގެ (ހ)ގައި ބުނެފައިވަނީ ތިރީގައި މިވާ ފަދައިންނެވެ.

.. ނުވަތަ މާލީ ފުދުންތެރިކަމަށް، ނުވަތަ ނިސްބަތްވާ އާއިލާއަށް ނުވަތަ އުފަން ރަށަށް، ނުވަތަ މި ނޫންވެސް ކަމަކަށް ބަލައި ތަފާތު ކޮށްގެން ނުވާނެއެވެ.

މިފަދައިންނެވެ.

މިގޮތުން މި ހައްގު ކަށަވަރު ކޮށްދިނުމުގެ ގޮތުން ކޮންމެ ރިޔާސީ އިންތިޚާބެއްގެ ކެމްޕޭނުގައިވެސް ހުރިހާ ރިޔާސީ ކެނޑިޑޭޓުންވެސް ރައްޔިތުންނަށް ވާ އެއްމެ ބޮޑު ނުވަތަ އެންމެ ފޮނި އެއް ވައުދަކަށްވަނީ ބޯހިޔާވަހިކަމުގެ ވައުދުތަކެވެ. އަތް ފޯރާފަށުގައި ދިރިއުޅެވޭނެ ފްލެޓްތަކާއި ހައުސިންގ ޔުނިޓްތައް މާލޭ ސަރަހައްދުގައާއި އަދި އެނޫން އަތޮޅުތަކުގައިވެސް އަޅައިދިނުމުގެ ވައުދުތަކެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން ހުރިހާ ސަރުކާރެއްގައިވެސް، ވެރިކަމުގެ ދަައުރުގެ ތެރޭގައި ފުންދާ ދޭން ޖެހިފައި އޮންނަ އެންމެ ޒިންމާ ބޮޑު އެއް ވައުދަކަށް ވެފައި އޮންނަނީވެސް ބޯހިޔާވަހިކަމުގެ ވައުދެވެ.

ސަރުކާރުތަކުން ވެފައިވާ ބޯހިޔާވަހިކަމުގެ ވައުދުތަކަށް ބަލާއިރު، މިހާތަނަށް ކުރީގެ ސަރުކާރަކުން ހިންގާފައިވާ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫޢަކީ ރައީސް ޔާމިންގެ ދައުރުގައި ކުރިޔަށް ގެންދިޔަ ހިޔާ މަޝްރޫއެވެ. މި މަޝްރޫޢުގެ ދަށުން 7،000 ޔުނިޓްގެ 14 ޓަވަރު ހުޅުމާލޭގެ ދެވަނަ ފޭހުގައި ބިނާކޮށް، ދައުރުގެ ނިމުމަކާއި ހަމައަށް އައިއިރު މަޝްރޫގެވެސް ބޮޑުބައި ނިންމާފައި ވެއެވެ.

ހިޔާ މަޝްރޫޢުގެ ރައީސް ޔާމިންގެ ދެކަނބަލުން އިފްތިތާހު ކޮށްދެއްވަނީ

ސައިޒުން ކުޑަނަމަވެސް، ނުހަނު ބޮޑެތި ދަތިތަކާއެކު މާލޭގައި ކުދިކުދި ތަންތަންކޮޅުގައި ދިރިއުޅެމުންއައި ގިނަ އަދަދަދެއްގެ ރައްޔިތުންނަށް މިތަންތަން ވެގެން ގޮސްފައިވަނީ އެބައިމީހުންގެ ދިރިއުޅުމަށް ހިތްފަސޭހަކަން ގެނެސްދިން އާ އުއްމީދެއް ކަމުގައި މިއަދު ދަންނަވާން ޖެހެއެވެ. އަދި އޭގެ އިތުރުން، 7،000 ހައުސިންގ ޔުނިޓް ހިމެނޭގޮތުން ބިނާ ކޮށްފައިވާ މި ފްލެޓްތައް ވެގެން ގޮސްފައިވަނީ، ރައީސް ޔާމިންގެ ވެރިކަމުގެ ތަރައްގީގެ އެންމެ މުހިންމު އެއް ލަގަސީ ކަމުގައިވެސް މެއެވެ.

 

ދައުރުގެ ނިމުމަކާއި ހަމައަށް، އަދިވެސް ހައުސިންގ ބޮޑު މަޝްރޫޢެއް ނިމުމަކާއި ހަމައަށް ނާދޭ!

މާލޭގެ ރައްޔިތުންނަށާއި، އަދި މާލޭގައި ދިއުޅެމުންދާ ރައްޔިތުންނަށް ކުރިމަތި ވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް އެކަށީގެންވާ ހައްލެއް ހޯއްދަވާ ދެއްވުމަކީ ރައީސް ސާލިހުގެވެސް ވަރަށް މުހިންމު ވައުދެކެވެ.

މިގޮތުން، މި އަހަރުގެ ރައްޔިތުންގެ މަޖިލީހުގައި ދެއްވި ރިޔާސީ ބަޔާނުގައި ރައީސް ސާލިހު ވިދާޅުވެފައިވަނީ، ދައުރު ނިންމަވާލައްވާނީ މާލޭގެ ރައްޔިތުންނަށް އިން ވަކިކޮށް، ރޯނުދަމާ އަދި ބިންކަނޑާ، ގޯތީގެ ފަތް ދިނުމަށްފަހު ކަމަށެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ މިހާރު ވެސް ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓްގެ މަސައްކަތް ކުރިއަށް އެބަދާ ކަމަށާއި އިތުރު 2000 ހައުސިން ޔުނިޓްގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.

އެހެންނަމަވެސް ރައީސް ސާލިހުގެ ސަރުކާރުން ނިންމާފައިވަނީ އެންމެ 7،000 ހައުސިންގ ޔުނިޓް އަޅާން ނޫކަން މިފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ.

ހައުސިންގ މިނިސްޓަރު މުހައްމަދު އަސްލަމް މީގެކުރިން ވިދާޅުވެފައިވަނީ، މި ސަރުކާރުގެ އަމާޒަކީ މާލޭ ސަރަހައްދުގައި 13،000-15،000 ދެމެދުގެ އަދަދެއްގެ ފްލެޓް އެޅުން ކަމަށެވެ. އަދި ހައުސިންގ މިނިސްޓްރީން ފަހުން ހާމަ ކޮށްފައިވާ ގޮތުގައި ރާއްޖޭގެ އެކި ރަށްތައް ހިމެނޭގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 14528 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް މިހާރު ކުރިޔަށް އެބަ ދެއެވެ.

އެހެންނަމަވެސް މިއީ ހަގީގަތުގައިވެސް އަމަލީގޮތުން ކުރިޔަށްދާ މަސައްކަތްތަކެއްތޯ ގިނަބައެއްގެ ހިތުގައި ސުވާލު އުފެދިފައިވަނީ، މިމަޝްރޫޢުތަކުގެ އަމަލީ މަސައްކަތްތައް މި އުސޫލުން ކުރިޔަށްދާތަން ނުފެނި، ނުވަތަ މަސައްކަތްތަކުގެ ސްޕީޑް އެކަށިގެންވާ ގޮތެއްގައި ފެންނާން ނެތުމުގެ ސަބަބުން ކަމުގައި ވެދާނެއެވެ.

މި ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް:

– އިންޑިއާ ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ ނެޝަނަލް ބިލްޑިންގްސް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެންބީސީސީ) އިން ހަދާ 2000 ފްލެޓް

– އިންޑިއާގެ ޖޭއެމްސީ ކުންފުންޏާ ހަވާލުކޮށްގެން ހަދާ 2000 ފްލެޓް

– ދިވެހި ކުންފުންޏެއް ކަމަށްވާ އެޕޯލޯ އިން ހަދާ 1000 ފްލެޓް

– ހުޅުމާލޭގައި 1،700 ހައުސިން ޔުނިޓު އަޅަން ބިން އެޅި. މިހާރު ޓެންޑަރިންގަ

މީގެ ދެ އަހަރު ކުރިން އަސްލަމ (ވ) އާއި އޭރުގެ ހައުސިން މިނިސްޓަރު އާތިފާ އަދި ސައިނޯ ހައިޑްރޯ ގްލޯބަލްގެ ނައިބު ރައީސް، ހުޅުމާލޭގައި 1،700 ހައުސިން ޔުނިޓްތަކުގެ ބިންގާ އަޅުއްވައިދެއްވަނީ

އެހެންނަަމަވެސް ދައުރު ނިމެން އެންމެ 14 މަސްދުވަހަސް ވެފައިވާއިރު، ހައުސިން މިނިސްޓްރީން، ފާއިތުވި އެޕްރިލްމަހު ރައްޔިތުންގެ މަޖިލީހުގައި މައުލޫމާތު ދެއްވަމުން ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން ވިދާޅުވެފައިވަނީ، މި ދައުރުގައި މިހާރު ނިމޭނެކަމަށް ބެލެވެނީ އެޅުމަށް ވައުދުވެފައިވާ ހައުސިންގ މަޝްރޫޢުތަކުގެ ތެރެއިން އެންމެ 4،588 ޔުނިޓްގެ މަޝްރޫއު ކަމުގައެވެ.

ހައުސިންގ މިނިސްޓްރީން ހާމަ ކޮށްފައިވާ ގޮތުގައި، ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން މި ވަގުތު މާލޭ ސަރަހައްދުގައި 1،687 ހައުސިން ޔުނިޓްގެ މަސައްކަތް ކުރިއަށް އެބަދެއެވެ. އެއީ މިޑްރޭންޖްގެ 727 ހައުސިން ޔުނިޓާއި ލަގްޒަރީ 960 ހައުސިން ޔުނިޓެވެ. އަދި އޭގެ އިތުރުން ހިޔާ ކުންފުނިތަކުން ވެސް 2،675 ޔުނިޓް ކުރިއަށް ގެންދާކަމަށްވެސް ހައުސިން މިނިސްޓްރީން މީގެ ކުރިން ރައްޔިތުންގެ މަޖިލީހަށް މައުލޫމާތު ދީފައި ވެއެވެ.

ސަރުކާރުން އަންދާޒާ ކޮށްފައިވާ ގޮތުގައި، 2022 އަށް 2،159 ޔުނިޓް ނިމޭއިރު، 2،429 ޔުނިޓް 2023ގެ ނިޔަލަށް ނިމާލެވޭނެއެވެ. އަދި 2024 އަށް 3،361 ޔުނިޓް ނިމޭނެކަން ހައުސިންގ މިނިސްޓްރީން ހާމަ ކޮށްފައި ވެއެވެ.

އެހެންނަމަސް، ކުރީ ސަރުކާރުގެ ހައުސިންގ މިނިސްޓަރ އަދި މިހާރުގެ މާލޭ ސިޓީގެ މޭޔަރު ޑރ. މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވަނީ، މިސަރުކާރުން ސޮއި ކޮށްގެން ހުޅުމާލޭގައި ކުރިޔަށްދަނީ އެންމެ 1000 ޔުނިޓްގެ ހައިސިންގ މަޝްރޫއު ކަމުގައެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި، މިސަރުކާރުން ވިދާޅުވަމުން ގެންދަވާ އިތުރު 5،000 ޔުނިޓަކީ ކުރީ ސަރުކާރުން ފަށާފައިވާ މަޝްރޫޢުތަކެވެ.

 

މާލޭ ރައްޔިތުންނަށް ގޯތި ދިނުމުގެ އިތުރުން، ބޯހިޔާވަހިކަމުގެ މުޅި މައްސަލައަށް ހައްލު ލިބެން ޖެހޭ!

މާލޭގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯއްދަވާ ދެއްވުމަށް ރައީސް ސާލިހު ވެވަޑައިގެންފައިވާ ވައުދު ފުއްދެވުމުގެ ގޮތުން، މާލޭގެ ރައްޔިތުންނަށް ދިނުމަށް ހަމަޖެހިފައިވާ 3،000 ގޯއްޗަށް މިމަހު ހުޅުވާލާނެއެވެ. އެއީ ފާއިތުވެދިޔަ ރިޔާސީ ބަޔާނުގައި، މާލޭގެ ރައްވެހިންނަށް ހުޅުމާލެއިން 1،000 ގޯތި، ގިރާވަރު ފަޅުން ހިއްކާ ބިމުން މަދުވެގެން 2،000 ގޯތި އަދި ގުޅީފަޅުން މަދުވެގެން 2،000 ގޯތި ދިނުމަށް ރައީސް ސާލިހު ވެވަޑައިގެންފައިވާ ވައުދު ފުއްދެވުމުގެ ގޮތު ހުޅުވާލާ ފުރުސަތެކެވެ.

ހައުސިންގ މިނިސްޓަރު އަސްލަމް: ހައުސިންގ މަޝްރޫއުތައް ކުރިޔަށް ދާކަމަށް ވިދާޅުވެ އަދި މިހާތަނަށް މުޅިންވެސް ހާމަކުރައްވާފައިވަނީ ހިސާބު އަދަދުތަކެއް

އެހެންނަމަވެސް ފާހަގަ ކޮށްލާންޖެހޭ އެންމެ މުހިންމު ނުކުތާއަކީ، ބޯހިޔާވަހިކަމުގެ މައްސަލައަކީ ގައުމީ މައްސަލައެއް ކަމެވެ. އެކަށީގެންވާ ބޯހިޔާވަހިކަމެއް ނެތިފައި ރާއްޖޭގައި ތިބީ ހަމައެކަނި މާލޭގެ ރައްޔިތުން އެކަނި ނޫންކަމެވެ.

އަދި ވަކީން ޚާއްސަކޮށް، މާލޭ ސަރަހައްދުގައި ބުރިޖުއަޅާ، މާލޭގެ ސަރަހައްދަށް މީހުން ހިޖުރަ ކުރުމަށް މަގުފަހިކުރުވާ، ގިނަ ވަސީލަތްތައް އަދިވެސް މާލޭ ސަރަހައްދަށް ޖަމާވަމުން ދާއިރު، މިސަރަހައްދުގައި އާންމުންނަށް ދިރިއުޅެވޭނެ މަގެއް ފަހިވާން ޖެހޭކަމެވެ. މި ސަރުކާރުންވެސް މާލޭ ސަރަހައްދުގައި 5،000 ހައުސިންގ ޔުނިޓް އަޅަން ވައުދުވެ، އަދި މީގެ ތެރެއިން 4،588 ޔުނިޓް މިދައުރުގައި ނިންމާނޭކަމަށް އެކި ފަހަރުމަތިން ހައުސިންގ މިނިސްޓްރީން ދައްކާފައިވާ ވާހަކަތަކާއި ސަރުކާރުން ވެފައިވާ ވައުދުތަކަށް ރައްޔިތުން ފާރަލާ ބަލަން ތިބިކަން ހަނދާން ނައްތާލައިގެން ނުވާނެއެވެ.

އަދި ދައުރުގައި ހައުސިންގ މަޝްރޫޢުތައް ނިންމިގެން ދިއުމަކީ، އެތަންނަން އޭގެ ހައްގުވެރީންނާއި ހަވާލު ކުރެވޭ ހިސާބަށް މަސައްކަތް ނިންމުންކަމުގައިވެސް ސަރުކާރު އިސްވެރީން ގާބޫކުރާންވެސް ޖެހޭނެއެވެ.

އެހެންކަމުން، މި ސަރުކާރުން ކުރިޔަށް ގެންދާ ހައުސިންގ މަޝްރޫއުތައް، ކުރިޔަށްދާ ރިޔާސީ ދައުރުގައި ނިމިދާނޭކަމާމެދު ގިނަ ބައެއްގެ ހިތްތަކުގައި އުފެދިގެން ގޮސްފައިވާ ޝައްކާއި ވަހުމްތަކާއެކު، އަދި ސަރުކާރުން ހިސާބުތަކުން ވިދާޅުވާ މިންވަރަށް ހަގީގަތުގައިވެސް ފްލެޓާއި ހައުސިންގ ޔުނިޓްތައް އަޅަމުންދޭތޯ ކުރެވޭ ސުވާލުތަކަށްވެސް އެކަށީގެންވާ ރައްދެއް އަމަލީ މަސައްކަތުން ކުރިޔަށް އޮތްތަނުގައި ސަރުކާރަށް ނުކެއްކިއްޖެނަމަ، ރައީސް ސާލިހުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތަކީ ހަގީގަތުގައިވެސް 2023ގެ ރިޔާސީ އިންތިޚާބާއި ހަމައަށް ދަތުރު ކުރާއިރު، ސަރުކާރުގެ އެންމެ ބޮޑު ބަލިފައި ކަމުގައި ވެގެންދިއުމަކީ ވަރަށްވެސް އެކަށީގެންވާ ކަމެއް ކަމުގައި ދަންނަވާން ޖެހެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *