އިންޑިއާގެ ވެރިކަންކުރާ، ހައްދު ފަހަނައެޅި ހިންދޫންގެ ވަތަނީ ޕާޓީ ބީޖޭޕީގެ އިސްތަރުޖަމާން ނުޕުރު ޝަރުމާއާއި އަދި އެޕާޓީގެ މީޑިއާ އިންޗާޖު ނަވީން ކުމާރު ޖިންޑާލް ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލާގައި، އިންޑޮނޭޝިއާގެ ޖަކާޓާގައި ހުންނަވާ އިންޑިއާގެ ސަފީރު ފޮރިންގ މިނިސްޓްރީއަށް ހާޒިރު ކޮށްފިކަމަށް އިންޑޮނޭޝިއާގެ ފޮރިންގ މިނިސްޓްރިން އަންގާރަ ދުވަހު ހާމަކޮށްފިއެވެ.
ދުނިޔޭގައި އެންމެ ބޮޑު މުސްލިމް އާބާދީއެއް އޮންނަ އިންޑޮނޭޝިއާއިން އެގައުމަށް ކަނޑައަޅާފައި ހުންނަވާ އިންޑިއާ ސަފީރު ފޮރިންގ މިނިސްޓްރީއަށް ހާޒިރު ކޮށްފައިވަނީ، ބީޖޭޕީގެ އިސް ތަރުޖަމާން ނުޕުރު ޝަރުމާ ރަސޫލާއަށް ފުރައްސާރަ ކުރުމާއި ގުޅިގެން އަރަބި އިސްލާމީ ގިނަ ގައުމުތަކުން އެގައުމުތަކަށް ކަޑައަޅުއްވާފައިވާ އިންޑިއާގެ ސަފީރުން އެގައުމުތަކުގެ ފޮރިންގ މިނިސްޓްރީއަށް ހާޒިރުކޮށް، އަދި ބީޖޭޕީގެ އިސް އޮފިޝަލުގެ މި އަމަލާއި ދެކޮޅަށް އިހުތިޖާޖް ކުރުމުގެ ގޮތުން ކުވައިތުގެ ސުޕަރ މާކެޓަކުން އިންޑިއާގެ އުފެއްދުންތައް ބޭރު ކޮށްފައިވެސް ވަނިކޮށެވެ.
ހިންދޫ ވަތަނީ ޕާޓީ ބީޖޭޕީގެ އިސް ތަރުޖަމާން ރަސޫލާއަށް ފުރައްސާރަ ކުރުމާއި ގުޅިގެން އަރަބި އިސްލާމީ ގައުމުތަކުން ކުރިމަތިވި ޑިޕްލޮމެޓިކް ޕްރެޝަރއަށް އެޕާޓީންވަނީ އިސްތަރުޖަމާން ނުޕުރު ޝަރުމާއާއި އަދި އޭނާގެ އިތުރުން އެޕާޓީގެ މީޑިއާ އިންޗާރޖު ކަމަށްވާ ނަވީން ކުމާރު ޖިންޑާލްވެސް ޕާޓީން ސަސްޕެންޑް ކޮށްފައެވެ. އޭނާ ސަސްޕެންޑް ކޮށްފައިވަނީ ނުޕުރު ޝަރުމާގެ ވާހަކަތައް އޭނާ ޓުވީޓު ކުރުމާއި ގުޅިގެންނެވެ. އޭނާވަނީ ފަހުން ޓުވީޓު ޑިލީޓް ކޮށްފައެވެ.
ޖަކާޓާގައި ހުންނަވާ އިންޑިއާގެ ސަފީރު މަނީޖު ކުމާރު ބައްޓި ފޮރިން މިނިސްޓްރިއަށް ހާޒިރުކޮށް، މުސްލިމުންނާއި ދެކޮޅަށް ހިންގަމުންދާ އަމަލްތަކާއި ގުޅޭ ޝަކުވާ ހުށަހަޅާފައިވާކަން، އިންޑޮނޭޝިއާގެ ފޮރިންގ މިނިސްޓްރީގެ ތަރުޖަމާން ޓެއުކު ފައިޒަސްޔާހް ވަނީ އޭއެފްޕީއަށް ޔަގީން ކޮށްދީފައެވެ.
"އިންޑިއާގެ ސިޔާސީ ދެމީހަކު، ރަސޫލާއަށް ފުރައްސާރަކުރި ކުރުން ހަރުކަށި އިބާރާތުން ކުށްވެރި ކުރަން،" އިންޑޮނޭޝިއާގެ ފޮރިންގ މިނިސްޓްރީން ނެެރުނު ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
ޕީޖޭޕީގެ އިސް ތަރުޖަމާން ރަސޫލާއަށް ފުރައްސާރަ ކުރުމާއި ގުޅިގެން އިންޑިއާއާއި އަރަބި އިސްލާމީ ގައުމުތަކާ ދެމެދު އޮންނަ ގުޅުންތަކަށް ވަނީ ވަރަށް ބޮޑަށް ބުރޫ އަރާފައެވެ. މިގޮތުން އިސްލާމީ ބޮޑެތި ބައެއް ގައުމުތައް ކަމަށްވާ، ސައުދީ އަރަބިއާއާއި، އިރާންއާއި، ގަތަރާއި ކުވައިތުންވަނީ އިންޑިއާގެ ވެރިކަންކުރާ ޕާޓީގެ އިސް އޮފިޝަލުގެ މިއަމަލު ކޮށްވެރިކޮށް ބަޔާން ނެރެފައެވެ. އަދި ބައެއް ގައުމުތަކުން ވަނީ އެގައުމުތަކުގައި ތިއްބަވާ އިންޑިއާގެ ސަފީރުން ފޮރިންގ މިނިސްޓްރީއަށް ހާޒިރު ކޮށްފައެވެ.
އިންޑިއާގެ 1.4 ބިލިއަންގެ އާބާދީގައި މުސްލިމުންގެ ނިސްބަތަކީ %14 އެވެ. ފާއިތުވެދިޔަ އަހަރުތަކުގައި އިންޑިއާގެ ހިންދޫންނާއި މުސްލިމުންނާއި ދެމެދު ހިގާ ހަމަނުޖެހުންތައްވަނީ އިތުރު ވެގެން ގޮސްފައެވެ.
ކޮމެންޓު ފޮނުވާ