އިންޑިއާ އައުޓް ކެމްޕޭން ހިންގާތީ ހައްޔަރުކުރި ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް މިއަދު ކޯޓުން ދޫކޮށްލައިފިއެވެ.
ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި މުހައްމަދު އިސްމާއިލް ދޫކޮށްލީ ބަންދުގެ މުއްދަތު އިތުރު ކުރުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުންނެވެ. ހަމަ އެ މައްސަލާގައި ހައްޔަރުކުރި ޕީޕީއެމްގެ އެކްޓިިވިސްޓެއް ކަމަށްވާ އަލީ ނަސީމް (ތަކަނޭ) ގެ ބަންދަށް ކޯޓުން ވަނީ ފަސް ދުވަސް ދީފައެވެ.
ހިއުމަން ރައިޓްސް ކޮމިޝަނަށް މައްސަލައެއް ހުށަހެޅުމަށް އެ ކޮމިޝަނުގައި އިއްޔެ ހުންނަވަނިކޮށް މުހައްމަދު ހައްޔަރުކުރީ އެތަނުގެ ތެރެއިންނެވެ. ބަންދުގެ މުއްދަތު އިތުރު ކުރަން މިއަދު މުހައްމަދު ކޯޓަށް ހާޒިރު ކުރުމުން، ކްރިމިނަލް ކޯޓުގެ އިސް ގާޒީ ޝަކީލް ވަނީ މުހައްމަދު ދޫކޮށްލަން އަމުރުކޮށްފައެވެ.
ސަބަބެއް ކަމުގައި ޝަކީލް ވިދާޅުވީ، މުހައްމަދު ހައްޔަރު ކުރީ އިޖުރާއަތުތަކާއި ހިލާފަށް ކަމުގައިވުމެވެ. މިގޮތުން ހައްޔަރުކުރި އިރު ކޯޓު އަމުރު ދައްކާފައި ނުވާކަމަށާއި ކޯޓު އަމުރު ދެއްކީ ފުލުސް އޮފީހަށް ގެންގޮސްފައި ކަން ގާޒީ ފާހަގަ ކުރެއްވިއެވެ. މި މައްސަލާގައި ދެން ހައްޔަރު ކުރީ ޕީޕީއެމް ތަކަންދޫ ގޮފީގެ ސްޓިއަރިން ކޮމިޓީގެ މެމްބަރު އަލީ ނަސީމް (ތަކަނޭ) އެވެ. ތަކަނޭ 5 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަށް ގޮވާލައި އިދިކޮޅުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ވަނީ މިދިޔަ މަހު ވަނީ ކަނޑައަޅައިފަ އެވެ. އެ ކަމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރުގައި ވިދާޅުވީ، އިންޑިއާއާ މެދު ނަފްރަތު އުފައްދަން ހިންގާ އެ ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް ގޮސްފައިވާ ހަރަކާތެއްކަން ސާފުކޮށް އެނގޭ ކަމަށެވެ.
އަދި އެކަމުގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮތް އަމާންކަމާއި ދާހިލީ ހަމަޖެހުން ނަގާލައި، ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ވެސް ގެއްލުވައިލާ ކަމަށް ވިދާޅުވި އެވެ. "އިންޑިއާ އައުޓް" އަށް ގޮވާލައި ގޭގޭގައި ދެމި ބެނާތައް ފުލުހުން އަންނަނީ ނަގަމުންނެވެ. މާލޭގެ އެކި ސަރަހައްދުތަކުގައި އެ ކެމްޕެއިނާ ގުޅޭ އެކި ކުރެހުންތައް ކުރަހައި، ލިޔުންތައް އަޅަމުންދާ ހަތަރު މީހެއްގެ މައްސަލަ ވެސް ފުލުހުން އަންނަނީ ބަލަމުންނެވެ.
ކޮމެންޓު ފޮނުވާ