ސްރީ ލަންކާގެ އިދިކޮޅު ފަރާތްތަކުން، އެގައުމުގެ ގާނޫނުހަދާ މަޖިހުގައި، ރައީސް ގޮޓަބަޔައާއި ދެކޮޅަށް ނަގަން މަސައްކަތްކުރި ނޯކޮންފިޑެންސް މޯޝަން ފެއިލް ކޮށްލައިފިއެވެ.
ސްރީލަންކާގެ އިދިކޮޅު ޕާޓީއެއް ކަމުގައިވާ ޓެމިލް ނޭޝަނަލް އެލައަންސްގެ މެމްބަރެއް ކަމުގައިވާ އެމްއޭ ސުމަންތިރަން މިހަފްތާގެ އަންގާރަދުވަހު ވަނީ، ގާނޫނުހަދާ މަޖިލިހުގައި ކުރިޔަށް ގެންދާންޖެހޭ މަރުހަލާތައް ކުރިޔަށް ނުގެންގޮސް، ގޮޓަބަޔަ ވަގުތުން ވަގުތަށް މަގާމުން ދުރުކުރުމަށް ގާނޫނުހަދާ މަޖިލީހަށް ހުށަހަޅުއްވާފައެވެ.
އެހެންނަމަވެސް ވެރިކަންކުރާ ޕާޓީގެ ތާއީދާއެކީ މި ހުށަހެޅުން ނާކާމިޔާބު ކޮށްލާފައިވަނީ 119-68 ވޯޓުންނެވެ.
ސްރީ ލަންކާގެ ސަރުކާރުގެ މިނިސްޓަރ ޑިނޭޝް ގުނަވަރުދަނަ ވިދާޅުވެފައިވާ ގޮތުގައި، މި ހުށަހެޅުން ގާނޫނުހަދާ މަޖިލިހުގައި ނާކާމިޔާބުވެފައި ވިނަމަވެސް، އާންމު އުސޫލުގެ ތެރެއިން ގާނޫނުހަދާ މަޖިލިހަށް މައްސަލަ ވައްދައިގެން މައްސަލައާއި ގުޅޭގޮތުން ބަހުސްކުރުމުގެ ފުރުސަތު އަދިވެސް އޮންނާނޭ ކަމުގައެވެ.
އިދިކޮޅު ފަރާތްތަކުން ސްރީލަންކާގެ ރައީސް ގޮޓަބަޔަ ރާޖަޕަކްސަގެ އިތުބާރު ނެތްކަމަށް ފާސްކުރުމަށް ގާނޫނުހަދާ މަޖިލިހަށް ހުށަހަޅާފައި މިވަނީ، ގައުމަށް ކުރިމަތިވެފައިވާ އިގްތިސާދީ ކާރިސާއާއި ގުޅިގެން، ރައީސް ގޮޓަބަޔަރއާއި ދެކޮޅަށް ތެދުވަމުންދާ މެމްބަރުންގެ އަދަދު އިތުރުވާން ފަށާފައިވާ ދަނޑިވަޅެއްގައެވެ.
ސްރީ ލަންކާއަށް މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ ކާރިސާއަކީ، 1948ވަނަ އަހަރު އެގައުމަށް މިނިވަންކަން ލިބުނުފަހުން އެގައުމު ވެއްޓިފައިވާ އިގްތިސާދީ އެންމެ ބޮޑު ވަޅުގަޑެވެ.
އިދިކޮޅު ޕާޓީން ގާނޫނުހަދާ މަޖިލިހަށް ހުށަހަޅާފައިވާ މައްސަލަގައި ބުނެފައިވަނީ އެގައުމަށް ކުރިމަތިވެފައިވާ އިގްތިސާދީ ކާރިސާގެ ޒިންމާ އުފުއްލަވަން ޖެހޭނީ ރައީސް ގޮޓަބަޔަރ ރާޖަޕަކްސަ ކަމުގައެވެ. އޭގެ ތެރޭގައި، އެކަށީގެން ނުވާ ހާލަތުގައި ޓެކްސް ދަށްކުރުމާއި އަދި ކެމިކަލް ފާރޓިލައިޒަރ ބޭނުންކުރުން މަނާކުރުންވެސް ހިމެނެއެވެ.
އަދި އޭގެ އިތުރުން ގޮޓަބަޔަރ ކޯވިޑް ކާރިސާވެސް ރަގަޅަށް މެނޭޖު ކޮށްފައި ނުވާކަމަށްވެސް މިމައްސަލާގައި ބުނެފައި ވެއެވެ. އަދި ކޯވިޑް ކާރިސާގައި، ވެކްސިން ހޯދުމަށްޓަކާ ނުރަގަޅު ޑީލްތައް ހަދާފައިވާ ކަމުގެ ތުހުމަތުވެސް އިދިކޮޅު ފަރާތްތަކުން ގޮޓަބަޔަރގެ މައްޗަށް ކޮށްފައި ވެއެވެ.
ސްރީ ލަންކާގައި ކާބޯތަކެއްޗާއި ބޭހަށް ދަތިވެ، ޚިދުމަތާއި މުދަލުގެ އަގު މަތިވެ، ދުވާލުގެ ގިނަ އިރުތަކެއްގައި ކަރަންޓު ނެތި އާންމު ރައްޔިތުން ދިރިއުޅެން ޖެހުމާއި ގުޅިގެން އެގައުމުގައި ހިގަމުންދާ ބޮޑެތި މުޒާހިރާތައް ހުއްޓުވުމަށްޓަކާ އެގައުމުގެ ސަރުކާރުންވަނީ މީގެ ކުރިން ކާފިއުވެސް އިއުލާން ކޮށްފައެވެ.