މިއަދު ކުރިޔަށްދިޔަ އެމްޑީޕީގެ ޗެއަރ ޕާރސަން އިންތިޚާބުގެ ހިރިހާ ވޯޓު ފޮއްޓެއް ބަންދުކޮށް، އެކި ރަށްރަށާއި މާލޭގައި ބެހެއްޓިފައިވާ ގިނަ ވޯޓު ފޮށިތަކެއް ގިނާ މިހާރު ނިމިފައި ވާއިރު އަދި ގުނަމުންދާ ފޮށިތަކުން، ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ބޮޑު ތަނުން ކުރި ހޯއްދަވަން ފައްޓަވައިފިއެވެ.
މިގޮތުން ގިނަ ރަށްރަށުގެ ވޯޓުތައް އިއުލާން ކުރެވެމުން ދާއިރު، ގިނަ ފޮށިތަކުން ފައްޔާޒު ގެންދަވަނީ ކާމިޔާބު ކުރައްވަމުންނެވެ. މިހާތަނަށް ގުނިފައިވާ ވޯޓަށް ބަލާއިރު ފައްޔާޒު ވަނީ ގުނާ ނިމުން ފޮށިތަކުގެ %60 ކާމިޔާބު ކުރައްވާފައެވެ.
އަދި މީގެ އިތުރުން ކުރިން ހީކުރެވުނު ގޮތާއި ޚިލާފަށް މާލޭގެ ބައެއް ފޮށިތަކުންވެސް ފައްޔާޒު ދަނީ ކުި ހޯއްދަވަމުންނެވެ. މާލޭ ނަތިޖާއިން އިންތި ބޮޑު ތަފާތަކުން ކުރި ހޯއްދަވާނޭކަމަށް މީގެ ކުރިން ވަނީ ބެލެވިފައެވެ. މިގޮތުން، މާފަންނު ދެކުނު T1-12 ފޮށި ފައްޔާޒު ވަނީ ބޮޑު ތަފާތަކުން ކާމިޔާބު ކޮށްފައެވެ. މިފޮށިން ފައްޔާޒަށް 160 ވޯޓު ލިބިފައިވާއިރު، އިންތިއަށް ލިބިފައިވަނީ 117 ވޯޓެވެ. އަދި މައްޗަންގޯޅި އުތުރު T-07 ވޯޓު ފޮށިން ފައްޔާޒަށް 126 ވޯޓު ލިބިފައި ވާއިރު، މި ފޮށިން އިންތިއަށް ލިބިފައި ވަނީ 139 ވޯޓެވެ. އަދި މީގެ އިތުރުންވެސް، މަލޭގައި ބެހެއްޓިފައިވާ ރަށްރަށުގެ ގިނަ ފޮށިތަކުންވެސް ތަފާތު ބޮޑުކޮށް ކުރި ހޯއްދަވަމުން ގެންދަވަނީ ފައްޔާޒު އިސްމާއިލެވެ.
މާލެއަކީ އިންތި ބޮޑު ތަފާތަކުން ކުރި ހޯއްދަވާނޭކަމަށް ގިނަބަޔަލު ލަފާ ކޮށްފައިވާ ސިޓީއެކެވެ.
އަދި މީގެ އިތުން ބޮޑެތި އެހެން އާބާދީތަކުންވެސް ފައްޔާޒު ގެންދަވަނީ ބޮޑު ތަފާތަކުން ކުރި ހޯއްދަވަމުންނެވެ. މީގެ ތެރޭގައި ކުޅުދުއްފުށި ސިޓީ ހިމެނެއެވެ. މިގޮތުން، ކުޅުދުއްފުށި އުތުރު ވޯޓު ފޮށި ފައްޔާޒުވަނީ ބޮޑު ތަފާތަކުން ކާމިޔާބު ކޮށްފައެވެ. މިފޮށިން ފައްޔާޒަށް 204 ވޯޓު ލިބިފައިވާއިރު، އިންތިއަށް މިފޮށިން ލިބިފައިވަނީ 83 ވޯޓެވެ.
އެހެންނަމަވެސް ބައެއް ބޮޑެތި ސިޓީތަކުގެ ބައެއް ފޮށިތައް އިންތި ކާމިޔާބު ކޮށްފައިވާކަންވެސް މިފުރުސަތުގައި ފާހަގަ ކޮށްލަން ޖެހެއެވެ. މީގެ ތެރޭގައި، ފުވައްމުލަކު އުތުރު ވޯޓު ފޮށިން ފައްޔާޒަށް 178 ވޯޓު ލިބުނު އިރު އިންތި 262 ވޯޓު ކާމިޔާބު ކޮށްފައިވެއެވެ. އަދި މީގެ އިތުރުން އައްޑޫ ހިތަދޫ މެދު ދާއިރާވެސް އިންތި ވަނީ ކާމިޔާބު ކުރައްވާފައެވެ. އެހެންނަމަވެސް އިންތިކާމިޔާބު ކުރާ ދާއިރާތަކުގެ ފަރަގު ކުޑަވުުގެ ސަބަބުން، ފައްޔާޒަށް ލިބެމުންދާ ކުރިއެރުމަށް މާބޮޑު ތަފާތެއް އަންނާނޭ ކަމަކަށް ނުބެލެވެއެވެ.
ގިނަ ވޯޓު ފޮށިތަކުން ފައްޔާޒު ކުރި ހޯއްދަވަމުން ގެންދަވާއިރު، އިމްތިޔާޒު ފަހުމީގެ ކެމްޕޭން ޓީމުގައި ހިމެނިވަޑައިގަންނަވަނާ ބައެއް އިސް ފަރާތްތަކުން، އިންތިޚާބުގެ ޝަކުވާތައް ސޯޝަލް މީޑިއާއަށް ގެންދަވަނީ ބަންޑުން ކުރައްވަމުންނެވެ. އަދި ވޯޓުލުން ނިމެމުން ދަނިކޮށް، އިންތިގެ ޓީމުންވަނީ ޝަކުވާ ކޮމިޓީއަށްވެސް ގިނަ ޝަކުވާތަކެއް ހުށަހަޅާފައެވެ.
އެހެންނަމަވެސް މި ޝަކުވާތަކާއި ގުޅިގެން، އިންތިގެ ކެމްޕެއިން ޓީމުން މިހާތަނަށް ރަސްމީ ސިފައެއްގައި އެއްވެސް ކޮމެންޓެއް އާންމު ކޮށްފައެއް ނުވެއެވެ.
އިތުރު ތަފްސީލު އަންނަނީ..