އެމްޑީޕީގެ ޗއަރޕާރސަން އިންތިޚާބު ބެލެވެފިފައިވަނީ ނަޝީދުއާއި ރައީސް ސާލިހުގެ ގަދަ ހިފުމެއްގެ ގޮތުގައި

އެމްޑީޕއަށް ބޮޑު ދުވަހެއް! ދެ ރައީސުންގެވެސް ސިޔާސީ މުސްތަގުބަލާއި ގުޅި ލާމެހިފައިވާ ނިންމުމެއް!

އެމްޑީޕއަށް ބޮޑު ދުވަހެއް! ދެ ރައީސުންގެވެސް ސިޔާސީ މުސްތަގުބަލާއި ގުޅި ލާމެހިފައިވާ ނިންމުމެއް!

ގުޅުންހުރި

މިއަދަކީ، ވާދަވެރި ކެމްޕޭނަކަށްފަހު، އެމްޑީޕީގެ މެމްބަރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، އެޕާޓީގެ އިދާރީ އެންމެ އިސްފަރާތް އިންތިޚާބު ކުރުމަށް ވޯޓު ލުމަށް ނިކުންނަ ދުވަހެވެ. އިންތިޚާބުގައި ވާއްދަ ކުރަނީ، މާފަންނު އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރު އިމްތިޔާޒު ފަހުމީއާއި، މިސަރުކާރުގެ އެންމެ ބާރުގަދަ ވަޒީރު، އަދި ރައީސް ސާލިހުގެ އެންމެ ބޮޑު އިތުބާރެއް ހޯއްދަވާފައިވާ ވަޒީރު ފައްޔާޒު އިސްމާއިލެވެ.

އެހެންނަމަވެސް، މިދެބޭފުޅުން މިއިންތިޚާބުގައި ވާދަކުރި ނަމަވެސް، ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި، މިއީ އެމްޑީޕީގެ އެމްޑީޕީގެ އެންމެ އިސް ދެ ލީޑަރުންގެ ދެމެދުގައި ބޭއްވިގެންދާނެ އިންތިޚާބެކެވެ. އަދި ފާއިތުވެދިޔަ، ދެ މަހެއްހާ ދުވަހުގެ ތެރޭގައި ކުރެވިގެންދިޔަ ކެމްޕޭނުން އެއް ފެކްޝަނުން އަނެއް ފެކްޝަނަށް ކުރި ތުހުމަތުތަކާއި، ދިން ބަހުގެ ހަމަލާތަކާއި، އަދި އޭގެ އިތުރުން، ކެމްޕޭންގެ ވާދަވެރިކަން އޮތް ގޮތަށް ބަލާއިރު، މި އިންތިޚާބުގެ ވާދަވެރިކަން ކެމްޕޭންތަކުގެ އާންމު ހަމަތަކާއި އުސޫލުތައް ފަހަނައަޅާ ޒާތީ ވެގެން ގޮސްފައިވާ މަންޒަރުވެސް ވަރަށްވެސް ރަގަޅަށް ވަނީ ތަމްސީލުވެގެން ގޮސްފައެވެ.

އަދި މީގެ އިތުރުން، މި އިންތިޚާބު ފާހަގަވެގެން ދިޔައީ، އެމްޑީޕީ ބައިބައިވެފަ އޮތް އޮތުން އެތައް ގުނައަކަށް އިތުރުކޮށްދީ، އެޕާޓީގެ އެތެރޭގައި އުފެދިގެން ގޮސްފައިވާ ދެފެކްޝަންގެ ދުރުކަން އިތުރަށް ފުޅާ ކޮށްދިން އިންތިޚާބަކަށްވެސް މެއެވެ. މީގެތެރޭގައި، ޕާޓީގެ ޕާލަމެންޓްރީ ގުރޫޕްގެ މެމްބަރުންގެ ތެރޭގައި އޮތް ވާދަވެރިކަން ބޮޑުވެ، އެއްބަޔަކު އަނެއް ބައެއްގެ ބޮލުގައި ރާލާއި ބަނގުރާ ބޯކަމުގެ ތުހުމަތުތަކާއި، ޒިނޭގެ ތުހުމަތަށް ދަންދެން އަޅުވަމުން ދިޔަތަންވެސް ވަނީ ފެނިގެން ގޮސްފައެވެ.

ޗެއަރފާރސަން އިންތިޚާބު ފާހަގަ ވެގެން ދިޔައީ ވާދަވެރިކަން ބޮޑުވެ, ވަގަށް ގޮވުމާއި ކޮރަޕްޝަންގެ ތުހުމަތުން ފުރިފައިވާ ކެމްޕޭނަކަށް

އެހެންނަކަމުން ހުރިހާ ގޮތަކުން ބެލިކަމުގައިވި ނަމަވެސް، އެމްޑީޕީގެ ޗެއަރޕާރސަންކަމަށް މިފަހަރު ކުރެވިގެން ދިޔަ މި ކެމްޕޭން ފާހަގަ ކޮށްލާން ޖެހެނީ، މިހާތަނަށް އެޕާޓީގެ އެތޭގައި ކުރެވިގެންދިޔަ އެންމެ ޒާތީކަން ބޮޑު އަދި އުސޫލުތައްވެސް އެންމެ ބޮޑަށް ފަހަނަ އަޅައިދިޔަ އިންތިޚާބުގެ ގޮތުގައެވެ.

 

ސުލްހަވެރިކަމާއެކު، މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވިދާނެތަ؟

އެމްޑީޕީގެ ޗެއަރ ޕާރސަންއަކު އިންތިޚާބު ކުރުމަށް އެޕާޓީގެ މެމްބަރުން މިއަދު ވޯޓު ލާން ނިކުންނައިރު، މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ފުރުސަތު ދިނުމަށް ޕާޓީގެ ސެކެޓްރިއޭޓުންވަނީ ޕާޓީގެ އެންމެހާ މެމްބަރުންނަށް ގޮވާލާފައެވެ. އަދި ދެ ކެނޑިޑޭޓުންވެސް ވަނީ، މިއީ އެމްޑީޕީގެ މުސްތަގުބަލާއި އެތައް ގޮތަކުން ގުޅި ލާމެހިގެންދާ އިންތިޚާބަކަށް ވެގެން ދާއިރު، މިއިންތިޚާބުގައި ގިނަ ބަޔަކު ވޯޓު ލުމަށާއި އަދި ވިސްނުންތެރިކަމާއެކު ވޯޓު ދިނުމަށް ގޮވާލައްވާފައެވެ.

ރައީސް ސާލިހުގެ ތާއީދާއެކީ އިންތިޚާބުގައި ވާދަ ކުރައްވާ، ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ރޭ ކުރެއްވި ޓުވީޓުގައި ވިދާޅުވެފައި ވަނީ، އެންމެން އެކުވެ ގުޅިގެންތިބެ ކުރިއެރުން ހޯދާ ފިތުނައާ ނަފްރަތުން އެކަހެރިވެ، ދިވެހިރާއްޖެއަށް ހަމަޖެހުމާ ތަރައްގީ ގެނެސްދޭ އާރުކާޓީންނަކީ އެމްޑީޕީގެ މެންބަރުން ކަމުގައެވެ. އަދި އެމްޑީޕީ ހިންގާލަން ޕާޓީގެ ވީހާ ގިނަ އަދަދެއްގެ މެމްބަރުން ވޯޓުލާން ނިކުތުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ ތާއީދާއެކީ އިންތިޚާބުގައި ވާދަ ކުރައްވަމުން ގެންދަވާ އިމްތިޔާޒު ފަހުމީ ކުރެއްވި ޓުވީޓުގައި ވިދާޅުވެފައި ވަނީ މިއީ ވަރަށް ގިނަ ބައެއްގެ، ވަރަށް ގިނަ ދުވަހުގެ، ވަރަށް ގިނަ މަސައްކަތާ ޤުރުބާރީން ނަގާ ކޮޅަށްޖެހުނު އިޞްލާހީ ހަރަކާތެއް ކަމަށާއި، މި ރީތި އުއްމީދީ ހަރަކާތް ގޯސް މިސްރާބަކަށް ގެންދިޔަ ނުދިނުމަށް އެމްޑީޕީ ހުރިހާ މެމްބަރުން ވޯޓު ލައްވަން ނިކުންނަވާ އޭނާއަށް ވޯޓު ދެއްވުމަށް ވަނީ އެދިވަޑައިގެންފައެވެ.

އެހެންނަމަވެސް، އިންތިޚާބު އޮޅުވާލަން މަސައްކަތް ކޮށްފާނޭކަމުގެ ތުހުމަތު ދެ ކެމްޕޭނުންވެސް މީގެ ކުރިންވަނީ އެއްބަޔަކު އަނެއް ބައެއްގެ މައްޗަށް ކޮށްފައެވެ. އަދި ރާއްޖޭގައި ސިޔާސީ ޕާޓީތަކުގެ އެތެރޭގައި ބޭއްވެމުންދާ އިންތިޚާބުތަކަކީ، ރަގަޅަށް ރެގިއުލޭޓް ކުރެވި، އަދި ސެކިއުރިޓީ ބެލެހެއްޓި، ވޯޓު ލާ މަރުކަޒުތަކުގެ ކަންކަންވެސް އެންމެ ރަގަޅަށް ބެލެހެއްޓިގެން ކުރިޔަށްދާ އިންތޚާބުތަކަކަށް ނުވާކަން މިފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ.

ނަތީޖާއެއްގެ ގޮތުން، މި އިންތިޚާބު ބޮޑު ހަމަނުޖެހުމަކަށް ބަދަލުވެ، އެއްބަޔަކު އަނެއް ބައެއްގެ މައްޗަށް ވޯޓު އޮޅުވާލިކަމުގެ ތުހުމަތުކޮށް، މިއިންތިޚާބަކީ މިހާރުވެސް އެޕާޓީގެ އެތެރޭގައި އޮތް ހަސަދައާއި ނަފްރަތު އިތުރު ގިޔަރަކަށް ކުރިޔަށް ޖެހިގެން ހިގައިދާނޭ ވޯޓަކަށް ބަދަލުވެގެން ދިއުމުގެ ފުރުސަތުވެސް އޮތްކަމުގައި ގިނަބަޔަކު ދަނީ ދެކެމުންނެވެ. ސަބަބަކީ، ކުރެވިގެން ދިޔަ ކެމްޕޭނަކީވެސް ޑިމޮކްރަސީގެ އުސޫލުތައް ފަހަނަ އަޅާ، ޒާތީވެ، އެއްބަޔަކު އަނެއްބަޔަކަށް ވަގަށް ގޮވުމާއި، ކޮރަޕްޝަނާއި ފަސާދައިގެ ތުހުމަތު އަޅުވާ، ފުރައްސާރައާއި މައްލަވަ ކުރުންތަކުގެ ތެރޭގައި ކުރެވިގެން ދިޔަ، ޒާތީކަން ބޮޑު ކެމްޕޭނަކަށް ވާތީއެވެ.

ދެ ކެނޑިޑޭޓުންވެސް ވަނީ ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކޮށް ކެމްޕޭން ކުރައްވާފަ

 

ދެރައީސުންގެވެސް ސިޔާސީ މުސްތަގުބަލާއި ގުޅިފަ އޮތް އިންތިޚާބެއް!

އިތުރު ތަފްސީލަކަށް ދާން ނުޖެހޭނޭ ފަދައިން، އެމްޑީޕީގެ ޗެއަރޕާރސަން އިންތިޚާބުގެ ވާދަވެރިކަން ގުޅިފައި އޮތީ ކުރިޔަށް އޮތް 2023ގެ ރިޔާސީ އިންތިޚާބާއެވެ. އޭގެ މާނައަކީ، މިއިންތިޚާބުގެ ނަތީޖާ ގުޅި ލާމެހިފައި އޮތީ، 2023ގައި އެޕާޓީގެ ރިޔާސީ ޓިކެޓު ލިބޭ ބޭފުޅެއް ކަނޑައެޅުމަށް ނިންމާންޖެހޭ މުހިންމު، ގިނަ ނިންމުންތަކާއެވެ.

އެކަން ރަމްޒު ކޮށްދޭ އެންމެ މުހިންމު އެއްކަމަކީ، ޕާޓީގެ ޗެއަރޕާރސަންކަމުގެ މަގާމަށް ރައީސް ސާލިހާއި މަޖިލިސް ރައީސް މުހައްމަދު ނަޝީދުއާއި ދެބޭފުޅުންވެސް، އެބޭފުޅެއްގެ ތާއީދު އޮތް ކެނޑިޑޭޓަކުން އިންތިޚާބު ކުރުމަށް ގަދައަޅާ ކޮށްފައިވާ މަސައްކަތްތަކެވެ. އަދި ޕާޓީގެ ލީޑަރޝިޕްގައި ތިއްބެވި، ދެރައީސުންނަަށް ތާޢީދުކުރާ ފަރާތްތައް އެ ނިސްބަތުން ބެހިގެން ގޮސްފައިވާ ވުންވެސް މެއެވެ.

މިގޮތުން ސަރުކާރުގެ ކެބިނެޓްގައި ތިއްބެވި، އަދި ރައީސް ނަޝީދާއި ޒަމާނުއްސުރެ ގާތް ގުޅުންތައް ބާއްވަމުން އައި ބައެއް ވަޒީރުންވެސް، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލަށް ތާއީދު ކުރައްވާކަން ހާމަ ކުރެއްވިއިރު، ޕާޓީގެ ލީޑަރޝިޕްގެ އިސް ބައެއް ބޭފުޅުން ނަޝީދަށް ތާއީދުކޮށް، ނަޝީދުގެ ތާއީދާއެކީ އިންތިޚާބުގައި ވާދަކުރަމުންދާ އިންތިޔާޒު ފަހުމީއަށް ތާއީދު ކުރައްވަން ނިންމަވާ އަދި ކެމްޕޭނުގައި އަވަދިނެތި މަސައްކަތް ކުރައްވާފައި ވެއެވެ. މީގެއިތުރުން ސިޔާސީ މަގާމްތަކުގެ ތިބި ގިނަ ބައެއްގެ އިތުރުން ސަރުކާރުގެ ކުންފުނިތަކުގެ އިސް ވެރީންނާއި މުވައްޒަފުންވެސް ފާޅުގައި މަސައްކަތް ކޮށްފައިވަނީ، ފައްޔާޒު އިސްމާއީލަށް ތާއީދު ހޯއްދެވުމަށްކަން މިފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ.

ކޮންމެއަކަސް، އެމްޑީޕީގެ ދެ ރައީސުންގެ ތެރެއިން މި އިންތިޚާބު ކާމިޔާބު ކުރާ ރައީސަކަށް އެޕާޓީގެ ރިޔާސީ ޓިކެޓް ކަށަވަރު ކުރުމުގައި ވަަރަށްވެސް ބޮޑުތަނުން މަގު ފަހިވެގެން ދާނޭ ކަމުގައި ގަބޫލު ކުރަންޖެހެއެވެ. އަދި ވަކީން ޚާއްސަކޮށް، ޕްރައިމަރީއަކާ ނުލާ، ހުންނެވި ރައީސްގެ ހައިސިއްޔަތުން ރައީސް ސާލިހަށް ދެވަނަ ދައުރަކަށް ޕާޓީގެ ޓިކެޓުގައި ކަށަވަރު ކުރުމުގައި، ފައްޔާޒް އިސްމާއީލަށް މިއިންތިޚާބު ކާމިޔާބު ވެދިއުން ކޮންމެހެންވެސް މުހިންމު ކަމުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ގެންދަވާފައިވަނީ ވިދާޅުވަމުންނެވެ.

ގިނަ ބަޔަކު ދެކޭގޮތުގައި މި އިންތިޚާބަކީ ރައީސް ނަޝީދާއި ރައީސް ސާލިހާ ދެބޭފުޅުންގެ މެދުގައި އޮތް ވާދަވެރިކަން ވަރަށްވެސް ރަގަޅަށް ތަމްސީލު ކޮށްދޭ އިންތިޚާބެއް

ހަމަ އެއާއެކު، ޒަމާނުއްސުރެ ޕާޓީގެ އެތެރޭގައި ނަޝީދު ދަމަހައްޓަވަމުން ގެންދަވާ ނުފޫޒު ފަނޑުވެގެން ދިޔަ ނުދީ، 2023ގެ ރިޔާސީ އިންތިޚާބުގެ ކުރިން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާއި، އަދި ގާނޫނު އަސާސީއަށް ގެންނަވަން ބޭނުންފުޅުވާ ބޮޑެތި ބަދަލުތަކަށް ފުރުސަތު ތަނަވަސް ކުރުމުގައި މިއިންތިޚާބު އިމްތިޔާޒު ފަހުމީއަށް ކާމިޔާބު ވެގެން ދިއުން ވެގެން ގޮސްފައިވަނީ، ނަޝީދަށްވެސް މި އިންތިޚާބުގައި ކާމިޔާބު ލިބުން މަޖުބޫރުވާ ސަބަތަކުގެ ގޮތުގައި ކަމަށް ގިނަ ބަޔަކު ދަނީ ދެކެމުންނެވެ.

އެހެންކަމުގެ، ހުރިހާ ގޮތަކުން ބެލި ކަމުގައިވި ނަމަވެސް، މިއީ މިއިންތިޚާބުގައި ވާދަކުރަމުންދާ ދެކެނޑިޑޭޓުންނަށްވުރެ ބޮޑަށް، އެމްޑީޕީގެ އިސްލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސާލިހާއި، އެޕާޓީގެ ރައީސް، އަދި މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ ސިޔާސީ މުސްތަގުބަލާއި ގުޅި ލާމެހިފައިވާ އިންތިޚާބެއްގެ ގޮތުގައި ސިފަކުރަން ޖެހެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ