މިއަހަރު ނޮވެމްބަރު މަހު ޤަތަރުގައި ފަށާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގެ މެޗެއް ބައްލަވާލެއްވުމަށް އެގައުމަށް ވަޑައިގެންނެވުމުގެ ދައުވަތު އުރީދޫއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުވައިފިިއެވެ.
ރައީސަށް މި ދައުވަތު އަރުވާފައި ވަނީ އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ ޚާލިދު ޙަސަން އަލް ހަމާދީ، އެމަނިކުފާނާ މިއަދު ބައްދަލު ކުރައްވާފައެވެ.
މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާ އުރީދޫ މޯލްޑިވްސްގެ ސީއީއޯ ވަނީ އުރީދޫއިން ރާއްޖޭގައި ދެމުން އަންނަ ޚިދުމަތްތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން ޑިޖިޓަލް ރާއްޖެއަކަށް ދިއުމަށް ދިވެހި ރާއްޖެއިން ކުރަމުންދާ މަސައްކަތަުގައި އުރީދޫއިން މިހާރުވެސް ދެމުންގެންދާ އެއްބާރުލުން އިތުރަށް ކުރިއަށް ގެންދެވޭނެ ގޮތްތަކާގުޅޭގޮތުން މަޝްވަރާ ކުރައްވާފައި ވެއެވެ.
ވޯލްޑް ކަޕްގައި ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ ރަސްމީ ބޯޅަ މި ބައްދަލުކުރެއްވުމުގައި ސީއީއޯ ޚާލިދު ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ވެދުމަށް އަރުވާފައެވެ.
އުރީދޫ މޯލްޑިވްސްއަކީ ޤަތަރަށް ނިސްބަތްވާ މަލްޓިނޭޝަނަލް ޓެެލެކޮމިއުނިކޭޝަން ކުންފުނި އުރީދޫގެ ރާއްޖޭގެ ކުންފުންޏެވެ.
ކޮމެންޓު ފޮނުވާ