ޕޮލެންޑުގައި މުޒާހިރާ ކުރަމުންދިޔަ މީހުން ރަޝިއާ ސަފީރުގެ މޫނަށް ރަތް ދަވާދު ޖަހައިފި

ޕޮލެންޑުގައި މުޒާހިރާ ކުރަމުންދިޔަ މީހުން ރަޝިއާ ސަފީރުގެ މޫނަށް ރަތް ދަވާދު ޖަހައިފި

Author
ހުސެއިން
09 މެއި 2022 11:34
0

ރަޝިއާއިން ޔޫކުރެއިންގައި ކުރަމުންދިޔަ ހަނގުރާމައާއި ދެކޮޅަށް ޕޮލޭންޑުގައި މުޒާހިރާ ކުރަމުންދިޔަ މީހުން، ޕޮލޭންޑަށް ރަޝިއާއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސާރގޭ އަންޑްރީވްގެ މޫނަށް ރަތް ދަވާދު ޖަހައިފިއެވެ.

ސަފީރުގެ މޫނަށް މުޒާހިރާ ކުރަމުންދިޔަ މީހުން ރަތް ދަވާދު ޖަހާފައިވަނީ، ގުޅިފައިވާ އިއްތިހާދުން 1945ވަނަ އަހަރު ނާޒީ ޖާމަނީގެ މައްޗަށް ހޯދީ ކާމިޔާބީގެ އަހަރީދުވަހު، ޕޮލޭންޑުގެ ވެރިރަށް ވާރސޯގައި އޮންނަ ސޯވިއެޓްގެ އަސްކަރީ ގަބުރުސްތާނެއްގައި މާބޮނޑިތަކެއް ބޭއްވުމަށް އޭނާ ވަޑައިގަންނަވަނިކޮށެވެ.

ރަޝިއަން ނިއުސް އޭޖެންސީން އާންމުކޮށްފައިވާ ވީޑިއޯ ފޫޓޭޖުން ފެންނަ ގޮތުގައި އެތައް ބަޔަކު، ސާރގޭ އަންޑްރީވްއާއި އަދި އޭނާގެ ކައިރީގަ ތިބި މީހުން ވަށާލާފައި ތިބިއިރު، ސާރގޭ އަންޑްރީވްގެ އިތުރުން އޭނާގެ ކައިރީގަ ތިބި މީހުންގެ މޫނާއި އަދި ގަމީހުގައިވެސް ރަތް ދަވާދު ހޭކިފައި ހުރިތަން ވަނީ ފެނިފައެވެ.

ސާރގޭ އަންޑްރީވް ވަށައިގެން މުޒާހިރާ ކުރަމުންދިޔަ ބައެއް މީހުންތިބީ ޔޫކުރެއިންގެ ދިދަ ހިފައިގެންނެވެ. ސޯޝަލް މީޑއާގައި އާންމުވެފައިވާ މިހާދިސާގެ އެހެން ބައެއް ވީޑިއޯތަކުން ފެންނަ ގޮތުގައި، މުޒާހިރާގެ ބައިވެރިން ދިޔައީ، ސާރގޭ އަންޑްރީވްއަށް ނިސްބަތްކޮށް، "ގާތިލުން" އަދި "ހައްދު ފަހަނައެޅި މީހުން" ފަދަ ބަސްތައް ބޭނުންކޮށްގެ ޝިއާރު ފާޅުކުރަމުންނެވެ.

ރަޝިއާގެ ނޫސް އޭޖެންސީ ޓާސްއާއި ވާހަކަ ދައްކަވަމުން އަންޑްރީވް ފަހުން ވިދާޅުވެފައިވަނީ، މި ހާދިސާގައި އޭނާއާއި އޭނާގެ ޓީމުގެ މެމްބަރުންނަށް އެއްވެސް އަނިޔާއެއް ލިބިފައި ނުވާކަމުގައެވެ.

ރަޝިއާއިން ޔޫކުރެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސާރގޭ އަންޑްރީވް

މުޒާހިރާ ކުރަމުންދިޔަ މީހުންގެ ސަބަބުން ރަޝިއާގެ ސަފީރަށް ގަބުރުސްތާނުގައި މާބޮނޑިތައް ބޭއްވުމުގެ ފުރުސަތު ލިބިފައެއް ނުވެއެވެ. އަދި ފުލުހުންވަނީ ސަފީރު އެސަރަހައްދުން ދުރަށް ގެންގޮސްފައެވެ. މިހާދިސާއަށްފަހު ރަޝިއާގެ ފޮރިން މިނިސްޓްރީންވަނީ، ޕޮލޭންޑުން، މާބޮނޑި ބޭއްވުމުގެ އެހެން ރަސްމިއްޔާތެއް ވަގުތުން އިންތިޒާމު ކުރުމަށް ޑިމާންޑް ކޮށްފައެވެ. އަދި ވަނީ، މިފަދަ އެހެން ހާދިސާއެއް ހިގައި ނުދާނޭކަމުގެ ޔަގީންކަން ބޭނުންވާ ކަމަށްވެސް ބުނެފައެވެ.

ދެވަނަ ބޮޑު ހަނގުރާމާގައި މަރުވެދިޔަ ރަޝިއާގެ 27 މިލިއަން މީހުން ހަނދާން މިއަދު ރަޝިއާއިން އާކުރަމުންދާއިރު، އެގައުމުން ޔޫކުރެއިންގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބަން، މި އަހަރުގެ "ވިކްޓަރީ ޑޭ" (ކާމިޔާބީގެ ދުވަހު)ގެ ހަރަކާތްތަކަށް ވަނީ ހިޔަނި އެޅިގެން ގޮސްފައެވެ.

ޕޮލޭންޑަކީ ޔޫކުރެއިން އާއި އިންވެގެން އޮންނަ، އަދި ނޭޓޯގެ މެމްބަރު ގައުމެކެވެ. އަދި ހަގުރާމަ ފެށުނުފަހުން ޕޮލޭންޑުން ދަނީ ޔޫކުރެއިންގެ އެތައް މިލިއަން ރެފިއުޖީންނަށް އެގައުމުގައި ރައްކާތެރިކަން ފޯރުކޮށް ދެމުންނެވެ. އަދި، ވިކްޓަރީ ޑޭގެ ހުރިހާ ރަސްމިއްޔާތުތަކެއްވެސް މިއަހަރު ޕޮލޭންޑުންވަނީ ކެންސަލް ކޮށްފައެވެ.

މިހާދިސާގެ ސަބަބުން، ޔޫކުރެއިން ހަނގުރާމައާއި ގުޅިގެން މިހާރުވެސް ގުޅުން ގޯސްވެފައިވާ ޕޮލޭންޑާއި ރަޝިއާގެ ގުޅުން އިތުރަށް ގޯސްވެގެންދާނެ ކަމަށްވަނީ ބެލެވިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.