ޓްރަމްޕް އެންމެ އިތުބާރު ކުރައްވާ އެޑްވައިޒަރ ކޯވިޑް-19 އަށް ޕޮޒިޓިވް

ޓްރަމްޕް އެންމެ އިތުބާރު ކުރައްވާ އެޑްވައިޒަރ ކޯވިޑް-19 އަށް ޕޮޒިޓިވް

Author
ޢަލީ އާދަމް
13 ނޮވެމްބަރ 2020 12:42
0

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެންމެ އިތުބާރުކުރައްވާ އޭނާގެ އެޑްވައިޒަރ ކޯރިއޭ ލުވެންޑޮވްސްކީ ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ލުވެންޑޮވްސްކީ ކޯވިޑަށް ޕޮޒިޓިވްވީ ނަމަވެސް އޭނާގެ ފުށުން ބަލީގެ އެއްވެސް އަލާމާތެއް އަދި ނުފެންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ. އޭނާ މިވަގުތު ހުންނެވީ އަމިއްލައަށް އެކަހެރި ވެގެން ގޭގައެވެ.

ރިޕޯޓުތައް ބުނާގޮތުން އޭނާއަށް ކޮވިޑް ޖެހުނު ކަމަށް ބޮޑަށް ލަފާކުރެވެނީ އެމެރިކާގެ ރިޔާސީ އިންތިހާބުގެ ވޯޓު ގުނުމުގައި މަކަރުހަދާ އޮޅުވާލާ ކަމަށް ބުނެ، މިދިޔަ ހަފްތާގައި ފިލަޑެލްފިއާގެ ވޯޓުގުނާ ސަރަހައްދުގައި އަޑުއުފުލަން ހަރަކާތްތެރިވުމުގެ ތެރޭގައެވެ. ލުވެންޑޮވްސްކީ އަކީ ޓްރަމްޕު އިންތިހާބުން ބަލިވެވަޑައި ނުގަންނަވާކަމަށް ބުނެ އެންމެ ގަދައަށް އަޑު އުފުލާ އެއް ބޭފުޅާއެވެ. މި އިންތިހާބުގައި ޓްރަމްޕުގެ އެންމެ އަރިސް އެޑްވައިޒަރގެ ގޮތުގައި ހުންނެވި ލުވެންޑޮވްސްކީ އަކީ 2016 ވަނަ އަހަރުގެ އެގައުމުގެ ރިޔާސީ އިންތިހާބުގައި ޓްރަމްޕުގެ ކެމްޕެއިން މެނޭޖަރ ވެސްމެއެވެ.

އޭނާ ވަނީ މިދިޔަ ހަފްތާގައި ވެސް ޓްރަމްޕުގެ ގިނަ ކެމްޕެއިން ހަރަކާތްތަކެއްގައި ބައިވެރި ވެފައެވެ. އަދި ވޯޓުގެ ފަހުން ގިނަ ފްރެސް ކޮންފަރެންސް ތަކުގައި ވެސް އޭނާ ބައިވެރިވެފައި ވެއެވެ. އިންތިހާބުގެ ވޯޓު ލުމަށް ކުޑަ ދުވަސް ކޮޅަކަށް ވެފައި ވަނިކޮށް ރައީސް ޓްރަމްޕްވެސް ވަނީ ކޯވިޑަށް ޕޮޒިޓިވް ވެފައެވެ. އެއަށްފަހު ވައިޓް ހައުސް ތެރެއިން ކޮވިޑްގެ ބައެއް ކޭސްތައް ވަނީ ފެނިފައެވެ. އޭގެތެރޭގައި ޓްރަމްޕުގެ ބައެއް ވަޒީރުންވެސް ހިމެނިވަޑައި ގަންނަވައެވެ.

އެމެރިކާއިން މިހާތަނަށް ޖުމްލަ 10.4 މިލިއަން މީހުން ކޯވިޑް-19 އަށް ވަނީ ޕޮޒިޓިވް ވެފައެވެ. އަދި 240،000އަށް ވުރެ ގިނަމީހުން އެމެރިކާއިން މިބަލީގައި ވަނީ މަރުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.