ފަރަންސޭސި ރައީސް މެކްރޮންއަށް، ރައީސް މަރުޚަބާ ވިދާޅުވެއްޖެ

ފަރަންސޭސި ރައީސް މެކްރޮންއަށް، ރައީސް މަރުޚަބާ ވިދާޅުވެއްޖެ

ގުޅުންހުރި

ރިޔާސީ ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންނެވި ފަރަންސޭސިވިލާތުގެ ރައީސް އެމަނުއެލް މެކްރޮންއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މަރުޚަބާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޓުވީޓެއްގައި ފަރަންސޭސިވިލާތުގެ ރައީސް އެމަނުއެލް މެކްރޮން ބޮޑު ތަފާތަކުން ރިޔާސީ ދެވަނަ ދަޢުރެއް ކާމިޔާބުކުރެއްވިކަމަށްޓަކާ ވަނީ މަރުހަބާ ވިދާޅުވެފައެވެ. އަދި ރާއްޖެއާއި ފަރަންސޭސިވިލާތާއި ދެޤައުމުގެ ދެމެދުގައި އޮތް ގާތް ރަޙްމަތްތެރިގުޅުން، ކުރިއަށް އޮތްތާނގައި އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވެފައިވެއެވެ.

ފަރަންސޭސިވިލާތުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި މެކްރޮންއަށް ލިބިވަޑައިގެންފައިވަނީ %58.2 ވޯޓެވެ. އަދި އޭނާގެ އެންމެ ބޮޑު ވާދަވެރިޔާކަމަށްވާ ކަނާތު ފިޔައިގެ ސިޔާސީވެރިޔާ މަރީން ލުޕޭންނަށް ލިބިވަޑައިގެންފައިވަނީ %41.8 ވޯޓެވެ.

މިއާއެކު ޢުމުރުފުޅުން 44 އަހަރުގެ މެކްރޮން ވެވަޑައިގެންފައިވަނީ ފާއިތުވި 20 އަހަރުގެ ތެރޭގައި އެ ޤައުމުގައި ރިޔާސީ ދެވަނަ ދަޢުރެއް ކާމިޔާބުކުރެއްވި ފުރަތަމަ ބޭފުޅާއަށެވެ. 2017 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައިވެސް ވާދަކުރެއްވީ މެޚްރޮންއާއި ލުޕެންނެވެ. އެ ފަހަރު މެކްރޮން އިންތިޚާބު ކާމިޔާބުކުރެއްވީ %66 ވޯޓުންނެވެ.

އިންތިޚާބު ކާމިޔާބު ވުމާއި ގުޅިގެން، އުފާ ފާޅުކުރެއްވުމަށް، ފްރާންސްގެ މަޝްހޫރު އެފެލްޓަވަރު ސަރަހައްދުގައި ބޭއްވި އެއްވުމެއްގައި ވާހަކަ ދައްކަވަމުން، މެދުމިނުގެ ސިޔާސަތުތަކަށް ތާޢީދުކުރައްވާ މެކްރޮން ވިދާޅުވެފައިވަނީ، މިހާރު އިންތިޚާބު ނިމިގެންދިޔައީ ކަމަށާއި، އޭނާ ވެވަޑައިގަންނަވާނީ ފްރާންސްގެ ހުރިހާ ރައްޔިތުންގެ ރައީސަކަށް ކަމުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ