ބާސެލޯނާގެ ޒުވާން ކުޅުންތެރިޔާ އަންސޫ ފަޓީއަށް އަނިޔާވެ ހަތަރު މަހަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެއެވެ.
ފަޓީއަށް އަނިޔާވެފަވަނީ އެންމެފަހުން ލީގުގައި ބާސެލޯނާ 5-2 ލަނޑުން ރެއާލް ބެޓިސްއަތުން މޮޅުވި މެޗުގައެވެ. ބާސެލޯނާއިން ކުރިން ބުނެފާ ވާގޮތުގައި ކުޅުންތެރިޔާއަށް އަނިޔާވެފަވަނީ ކަކުލުގެ މެނިސްކަސްއަށެވެ. އޭނާގެ ކަކުލުގެ މެނިސްކަސް ވީދައިގެން ދިޔުމުގެ ސަބަބުން ކުޅުންތެރިޔާ ވަނީ އޮޕެރޭޝަން ކޮއްފައެވެ. އަދި އޭނާ އެނބުރި ކުޅުމުގެ ތެރެއަށް އާދެވޭނީ ހަތަރު މަސް ފަހުން ކަމަށް ބާސެލޯނާއިން މައުލޫމާތުދެއެވެ.
ބާސެލޯނާގެ މި ސީޒަންގައި މޮޅުކުޅުމެއް ދައްކަމުންދިޔަ ފަޓީ ވަނީ މި ސީޒަނުގައި އެޓީމަށް ކުޅުނު 10 މެޗުން ފަސްލަނޑުޖަހާ ތިން ލަނޑުޖަހަން އެހީތެރި ވެދީފައެވެ. ލީގުގައި ފޯމު ގެއްލިފަވާ ބާސެލޯނާއަށް ފަޓީގެ އަނިޔާގެ ސަބަބުން ބޮޑު ނުތަނަވަސް ކަމާކާ ކުރިމަތިވާނެއެވެ. މިވަގުތު ލީގުގައި ބާސެލޯނާ އޮތީ 8 ވަނަ މަގާމުގައިއެވެ.
ފަޓީ ވަނީ ހުސްވި ސެޕްޓެންބަރު މަހު ޔުކްރެއިން ކޮޅަށް ލަނޑުޖަހާ 59 އަހަރުގެ ތެރޭގައި ސްޕެއިންގެ ގައުމީޓީމަށް ލަނޑުޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް މުގުރުލާފައެވެ.