ވަކި ބޭފުޅެއްގެ އަމިއްލަ މަސްލަހަތަށް މަގުބަންދުކޮށް ހެދުމުން ތަކުލީފް އުފަލަންޖެނީ އެތައްބައަކަށް ކަމުގައި ދީނީ އިލްމުވެރިޔާ ޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަމިއްލަފުޅު ގެކޮޅު ކެނެރީގެ ހުންނަ ނީލޯފަރުމަގުގައި ޕާކުނުކުރެވޭ ގޮތަށް ހަދައި، ރައީސް ނަޝީދު އެގެއަށް ދާކޮންމެ ވަގުތެއްގައި އެމަގަށް ވެހިކަލްތަކަށް ނުވަދެވޭނެހެން ހެދުމުން ގިނަބައަކަށް އެކަމުގެ ދަތިކަން ފޯރާތީ އެވާހަކަ ބައެއް ފަރާތްތަކުން ދަނީ ދައްކަމުންނެވެ.
ބައެއް މީހުން ބުނި ގޮތުން އެ މަގު ބަންދުކުރުމަކުން މައްސަލައެއް ނެތެވެ. ނަމަވެސް މައްސަލައަކަށްވަނީ އެ މަގު ބަންދުކޮށްފައި އޮންނާނީ ކޮން ގަޑިއަކު ކިހާއިރެއް ވަންދެންކަން ނޭންގޭތީއެވެ.
މިކަމުގެ ކަންބޮޑުވުން ފާޅުކޮށް، ޝައިޚު އަލީ ޒައިދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ އެގޯޅިއަކީ ގިނަ އަދަދެއްގެ އާންމު ރައްޔިތުން ދިރިއުޅޭ ގޯޅިއަކަށްވުމުން މަގަށް ވަދެ ނިކުމެ ނެހެދޭނެހެން މަގު ބަންދުކޮށް އެންމެ މީހެއްގެ މަސްލަހަތު ހިމާޔަތް ކުރުމަކީ އެހެން މީހުންނަށް އެކަމުން ބޮޑު ތަކްލީފެއް އުފުލަން ޖެހޭކަމެއްކަމަށެވެ. މިކަމުގެ ސަބަބުން ގިނަ ބަޔަކަށް ތަކްލީފަކަށްވާތީ މިނިންމުން އަލުން މުރާޖާ ކުރަންޖެހޭކަމަށް ޒައިދު ވިދާޅުވިއެވެ.
2001 ވަނަ އަހަރު އަޅުގަނޑުމެން ދިރިއުޅުނީ ނީލޯފްރު ހިނގުމުގައި. މިއީ ވަރަށް ގިނަކުޔަކު ދިރިއުޅޭ ސަރަޙައްދެއް. ބައެއް ބޭފުޅުންގެ އަމިއްލަ މަޞްލަޙަތަށްޓަކާ ދުވާލުގެ ބިޒީ ވަގުތުތަކުގައި އެމަގު ބަންދުކުރުމަކީ ވަރަށް ގިނަބަޔަކަށް ތަކުލީފު ލިބޭނޭ ކަމެއް. މިކަން މުރާޖަޢާކުރަންޖެހޭ.
– ޒައިދު ވިދާޅުވިއެވެ.
ނަޝީދަށް ބަޔަކު ދީފައިވަނީ ސަލާމަތީ ސަބަބުތަކަށްޓަކާއި އެމަގުގައި ޕާކުނުކުރެވޭ ގޮތަށް ހަދާދިނުމަށް އެމްއެންޑީއެފުން ސިޓީ ކައުންސިލްގައި އެދިފައިވަނިކޮށެވެ. މިކަމުގައި ސިޓީ ކައުންސިލުން ވިދާޅުވެފައިވަނީ ސަލާމަތީ ބާރުތަކުން އެދުމުން އެކަމުގެ ހުއްދައަށް ޕްލޭނިން މިނިސްޓްރީގައި އެދުނުކަމަށެވެ. މިނިސްޓްރީން ވިދާޅުވެފައިވަނީ ސިޓީން ކައުންސިލުން ފޮނުވިކަމަށް ބުނާ އެ ލިޔުން ލިބިފައިނުވާކަމަށެވެ.
ނީލޯފަރު މަގުގައި ޕާކް ނުކުރެވުނު ނަމަވެސް މަގަށްވަދެ ނުނިކުމެވޭނެހެން ރައީސް ނަޝީދު ގެކޮޅަށް ވަޑައިގަންނަވާ ކޮންމެ ފަހަރަކު ބަންދުކުރުމަކީ އެންމެ ބޮޑު ކަންބޮޑުވުމެވެ. އެސަރަހައްދުގައި ދިރިއުޅޭ ގިނަ ބަޔަކުވެސް ފާހަގަކުރާ ގޮތުގައި ޕާކް ނުކުރެވުނު ނަމަވެސް މަގަށް ވަދެނިކުމެވޭނެހެން އިންތިޒާމު ހަމަޖެއްސުމަކީ މިހާރު އޮތް ތަކްލީފްތަކަށް ލިބިގެންދާނެ ހައްލެކެވެ.
ކޮމެންޓު ފޮނުވާ