ސޯސަންވިލާގެ އަހަރީ ދުވަހު ޚާއްސަ ހަރަކާތްތަކެއް ބާއްވަނީ

ސޯސަންވިލާގެ އަހަރީ ދުވަހު ޚާއްސަ ހަރަކާތްތަކެއް ބާއްވަނީ

Author
މުޙައްމަދު ޝަޒައިމް
14 މާރޗް 2022 10:22
0

އަވައްޓެރި ސްރީލަންކާގައި ހުންނަ މޯލްޑިވިއަން އެޑިޔުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރ (އެމް.އީ.ސީ.ސީ) ނުވަތަ ސޯސަންވިލާގެ 8 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ޚާއްސަ ހަރަކާތްތަކެއް ބާއްވަން އެ ސެންޓަރުން ތައްޔާރުވާން ފަށައިފިއެވެ.

ސޯސަންވިލާގެ ރަސްމީ ފޭސްބުކް ޕޭޖުގައިވާ ބުނެފައިވާ ގޮތުން އަހަރީ ދުވަހު ބާއްވާ ޚާއްސަ ހަރަކާތްތަކުގެ ތެރޭގައި ލަންކާގައި ދިރިއުޅޭ ޒުވާނުންނަށް ހުޅުވާލައިގެން ބާއްވާ ފުޓްސަލް މުބާރާތާކާއި، ހޭންޑްބޯލް މުބާރާތެއްގެ އިތުރުން އާއިލީ ހަވީރެއްވެސް އޮންނާނެ ކަމަށެވެ. އާއިލީ ހަވީރުގައި ތަފާތު ކުޅިވަރުތައްވެސް ވަނީ ރާވާފައެވެ.

ސޯސަންވިލާއިން ވަނީ އަހަރީ ދުވަހު ބާއްވާ ހޭންޑްބޯލް އަދި ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތުވެސް ލަންކާގައި އުޅޭ ދިވެހިންނަށް ހުޅުވާލާފައެވެ. އެގޮތުން މި ދެމުބާރާތުގައިވެސް ބައިވެރިވުމުގެ ފުރުޞަތު މާދަމާ މެންދުރު 12 ޖަހާއިރު ހަމަވާނެ ކަމަށްވެއެވެ. މި ދެމުބާރާތްވެސް އޮންނާނެ ކަމަށް ބުނެފައި ވަނީ މިމަހުގެ 17 ވަނަ ދުވަހުއެވެ. ދެ މުބާރާތުގެ ޤަވައިދުވެސް ސޯސަންވިލާއިން ވަނީ އާންމު ކޮށްފައެވެ.

ސޯސަންވިލާގެ އަހަރީ ދުވަހަކީ މާޗް މަހުގެ 20 ވަނަ ދުވަހެވެ. ޚާއްސަ ސެންޓަރެއްގެ ގޮތުގައި ސޯސަންވިލާ މިހާރު ހިނގާ ގޮތަށް ހުޅުވާފައި ވަނީ 2014 ވަނަ އަހަރުގެ މާޗް މަހުގެ 20 ވަނަ ދުވަހުއެވެ. ސޯސަންވިލާއަކީ ލަންކާގައި އުޅޭ އެކި އުމުރުފުރާ ތަކުގެ މީހުން ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކަށް ޖަމާވެއުޅޭ ސެންޓަރެކެވެ. އަދި ރާއްޖޭގެ ތައުލީމީ މުޤައްރަރާ އެއްގޮތަށް ދިވެހި، އިސްލާމް އަދި ޤުރުއާންވެސް ކިޔަވައި ދެމުން އަންނަ ސެންޓަރެކެވެ.

ސޯސަންވިލާއަކީ ކޮޅުނބުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުގެ ދަށުން ސަރުކާރުން ހިންގަމުން އަންނަ ސެންޓަރެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.