އޮސްޓްރޭލިޔާގެ މަޝްހޫރު ކޮފީ ބްރޭންޑެއް ކަމަށްވާ "ގްލޯރިއާ ޖީންސް ކޮފީސް"ގެ އައުޓްލެޓް އެއް ހުޅުމާލޭގައި ހުޅުވައިފިއެވެ.
ގްލޯރިއާ ޖީންސްގެ އައުޓްލެޓެއް ހުޅުމާލޭގައި ހުޅުވުމުގެ އެންމެ ބޮޑު އެއްސަބަބަކީވެސް ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހައިން ގްލޯރިއާގެ ޚިދުމަތް ލިބޭނެ ގޮތް މަގުފަހި ކުރުމެވެ. މިއީ ހުޅުމާލޭގައި ހުޅުވާ "ގްލޯރިއާ ޖީންސް ކޮފީ" ގެ 2 ވަނަ އައުޓްލެޓެވެ.
އަލަށް ހުޅުވި އައުޓްލެޓުން ކޮފީގެ އިތުރުން ދިވެހިންނާގުޅޭ ތަފާތު ބާވަތްތަކުގެ ކެއުންތައް ލިބެން ހުންނާނެ ކަމަށް އެކުންފުނިން ބުނެއެވެ. އަދި ދިވެހީންގެ މެދުގައި މަގުބޫލް ޗައިނީސް ކެއުންތައްވެސް މި އައުޓްލެޓުން ލިބެން ހުންނާނެ ކަމަށް އެކުންފުނިން ބުނެއެވެ. މިއައުޓްލެޓް ހުޅުވައި ދެއްވީ އެމްއެންޕީގެ ލީޑަރު އަދި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމްއާއި އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރެވެ.

މިތަން ހުންނަނީ އަމީން އެވެނިއު ފުރަތަމަ ފަންގިފިލާގައެވެ. މިތަން ހުޅުވުމާއެކު ހުޅުމާލޭގެ 2 އައުޓްލެޓާއި އެއާޕޯޓްގެ އައުޓްލެޓްގެ އިތުރުން މާލޭ ވެލާނާގެ ކުރިމަތީ ގައި ހުންނަ "ގްލޯރިއާ ޖީންސް ކޮފީ" އައުޓްލެޓާއެކު މި ފްރެންޗައިޒްގެ 4 ތަން ރާއްޖޭގައި ހުންނާނެއެވެ. ހުޅުމާލޭގައި ހުޅުވި ފުރަތަމަ ކޮފީޝޮޕް ހުންނަނީ ހުޅުމާލޭ ދިރާގު އިމާރާތް ހިމެނޭ ސަރަހައްދުން ގޮނޑުދޮށާއި ވީ ފަޅީގައެވެ.
120 މީހުންނަށް އެއް ފަހަރާ ހިދުމަތް ދެވޭ ގޮތަށް ތައްޔާރުކޮށްފައިވާ މި އައުޓްލެޓްގައި އެކި ހަފްލާތައް ބޭއްވުމުގެ ފުރުސަތު އޮންނާނެކަމަށްވެސް އެކުންފުނިން މައުލޫމާތުދެއެވެ. އަދި އޮފީސްތަކާއި ކުންފުނިތަކުގެ މުހިންމު ބައްދަލުވުންތަކާއި އިވެންޓްތަކަށްވެސް އެތަން ކުއްޔަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ގްލޯރިއާ ޖީންސް ކޮފީއަކީ އޮސްޓްރޭލިއާގެ ރީޓެއިލް ފުޑް ގްރޫޕުން ހިންގާ ކޮފީގެ އެކި ކަހަލަ ބުއިންތަކާއި އުފެއްދުންތަކަށް ޚާއްސަ ފްރެންޗައިޒް ބްރޭންޑެކެވެ. 1979 ވަނަ އަހަރުގެ ތެރޭގައި ތަޢާރަފުވި މި ފްރެންޗައިޒްގެ 1000 އަށްވުރެ ގިނަ އައުޓްލެޓްތައް ދުނިޔޭގެ 39 ޤައުމެއްގައި މިހާރުވެސް އަންނަނީ ހިންގަމުންނެވެ. އެގޮތުން އޮސްޓްރޭލިއާގައި އެކަނިވެސް މި ބްރޭންޑްގެ 460 އައުޓްލެޓް ހުރެއެވެ.
ކޮމެންޓު ފޮނުވާ