މާލޭގެ މ. ތޮއިބާ މިސްކިތް ކައިރީގައި ހުރި ކެމިކަލް ގުދަނެއްގައި މިރޭ ރޯވި ނުރައްކާތެރި އަލިފާންގަނޑު އެއްކޮށް ނިއްވާލައިފިއެވެ. މި ހާދިސާގައި ބޯ ދުމުގެ އަސަރުކޮށްގެން އަންހެނަކަށް ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ.
މާފަންނު ފުލޫނިޔާމަގު، މ. ކައިރުގޭގައި ހުންނަ "ޕްރައިމް ފާޓިލައިޒާ" ގެ ގުދަނުގައި މިރޭ 21:30 ހާއިރު ރޯވި އަލިފާންގަނޑު ކޮންޓްރޯލްކޮށް ނިއްވާލެވިފައިވަނީ 23:15 ހާއިރުއެވެ. ގަސްކާނާއާއި ގިނަ އަދަދެއްގެ ކެމިކަލް ހުރި މި ގުދަނުގައި ރޯވި ބޮޑު އަލިފާންގަނޑު ނިއްވާލުމަށްޓަކައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭނުންކުރާ ފޯމް ޖަހާ ޚާއްސަ ފަޔާ ލޮރީއެއްވެސް މާލެ ގެނެސް ވަނީ ބޭނުންކޮށްފައެވެ. އަލިފާންގަނޑު ނިއްވާލެވުނު ނަމަވެސް، އެ ގުދަން ވަނީ ބޭނުން ނުކުރެވޭ ވަރަށް އެއްކޮށް އަނދާފައެވެ.
ފުލުހުން މައުލޫމާތު ދޭގޮތުގައި، މި ހާދިސާއާ ގުޅިގެން ދުމުގެ އަސަރުކޮށްގެން ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނީ އަންހެނަކަށެވެ. އަލިފާން ރޯވި ގުދަނަކީ ކެމިކަލް ހުރި ތަނަކަށްވެފައި، ސަރަހައްދުގައި އަދިވެސް ބޯ ދުން އޮތުމުން، އާންމުންގެ ސަލާމަތަށްޓަކައި އެ ސަރަހައްދަށް ނުދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ކައިރި ހިސާބުތަކުގައި ދިރިއުޅޭ ފަރާތްތަކުން ގޭގޭގެ ދޮރުތައް ލައްޕައިގެން ތިބުމަށާއި، ބޭރަށް ނުކުންނަނަމަ ނޭފަތާއި އަނގަ ނިވާވާގޮތަށް މާސްކު އެޅުމަށްވެސް ވަނީ އަންގާފައެވެ.
އަލިފާނުގެ ނުރައްކާތެރިކަމާ ގުޅިގެން ސްޓެލްކޯއިން އެ ސަރަހައްދުގެ ބައެއް ގެތަކުން ކަރަންޓު ކަނޑާލިއިރު، ގެތަކުން ނުކުންނަން ޖެހުނު މީހުންނަށް އެހީތެރިވުމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓު އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ ސޯޝަލް ސެންޓަރުގައި އިމަޖެންސީ އިވެކުއޭޝަން ސެންޓަރެއް ގާއިމްކޮށްފައެވެ. މިހާތަނަށް 4 ގެއަކުން 18 މީހަކަށް އެ ސެންޓަރުގައި އެހީތެރިކަން ފޯރުކޮށްދެމުން އަންނައިރު، އިތުރު އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެ އޮތޯރިޓީގެ ހޮޓްލައިން 115 އަށް ގުޅައިގެން އެކަން ހަމަޖެއްސޭނެ ކަމަށް އެންޑީއެމްއޭ އިން ބުނެއެވެ.
ކޮމެންޓު ފޮނުވާ