ޕްރައިމް ފާޓިލައިޒާ ގުދަނުގައި ރޯވެ، ކައިރީގައި ހުރި 5 ގެއަކުން މީހުން ހުސްކޮށްފި

ޕްރައިމް ފާޓިލައިޒާ ގުދަނުގައި ރޯވެ، ކައިރީގައި ހުރި 5 ގެއަކުން މީހުން ހުސްކޮށްފި

Author
އަހުމަދު
18 މާރޗް 2026 11:50
0

މާލޭގައި ހުންނަ ޕްރައިމް ފާޓިލައިޒާގެ މައި ގުދަނުގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައި، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ސަރަހައްދުގެ 5 ގެއަކުން މީހުން ހުސްކޮށްފިއެވެ.

އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު އިން މައުލޫމާތު ދޭ ގޮތުގައި، ހެނދުނު 10:00 ހާއިރު އެ ގުދަނުން ދުން އަރާކަމުގެ ރިޕޯޓު ލިބިގެން ސިފައިން އެތަނަށް ދިޔައިރުވެސް މުޅި އިމާރާތުގައި އޮތީ ބޮޑުތަނުން ރޯވެފައެވެ. ރޯވެ އަނދަމުންދާ މި ގުދަނަކީ ރާއްޖެއަށް ގަސްކާނާއާއި އެކި ބާވަތްބާވަތުގެ ކެމިކަލް އެތެރެކޮށް ވިއްކާ ކުންފުންޏެއްގެ ގުދަނަކަށް ވުމާއެކު، އެތަނުގައި ގިނަ އަދަދަކަށް ކެމިކަލް ހުރިކަން ވަނީ ކަށަވަރުވެފައެވެ.

އަލިފާނުގެ ސަބަބުން ކައިރީގައި ހުރި ގެތަކަށް ނުރައްކާވުމާ ގުޅިގެން މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައެވެ. ނަމަވެސް އެ ގެތަކުން ހުސްކުރީ ކިހާ އަދަދެއްގެ މީހުންނެއްކަން އަދި ސާފެއް ނުވެއެވެ.

އަލިފާންގަނޑު ކޮންޓްރޯލްކޮށް ނިއްވާލުމުގެ މަސައްކަތް ހަލުވިކުރުމަށްޓަކައި އެއާޕޯޓުގެ ފަޔާ ވެހިކަލްތަކުގެ އެހީތެރިކަންވެސް މިހާރު ދަނީ ހޯދަމުންނެވެ. މި މަސައްކަތުގައި އެމްއެންޑީއެފްގެ އިތުރުން ފުލުހުންނާއި، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އަދި ރެޑް ކްރެސެންޓުގެ ޓީމުތަކުންވެސް އެ ސަރަހައްދުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.